ކ. ގާފަރު ގެސްޓްހައުސެއްގައި ޒުވާން އަންހެނަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ފުލުހުން މިރޭ ބުނީ، ގާފަރު ގެސްޓްހައުސްގައި އަންހެނަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓް ލިބިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވައި ފެނުނީ އއ. ބޮޑުފުޅުދުއަށް އުފަން އުމުރުން 28 އަހަރުގެ އާމިނަތު ނާޖިލާ ލުތުފީއެވެ.
މައުލޫމާތު އެނގޭ ފަރާތަކުން "ވަން" އަށް ބުނީ، އެ އަންހެން މީހާ މަރުވެފައި އޮއްވައި ފެނުނީ އޭނާ ހުރި "އޯލް ޓައުން އިން" ގެސްޓްހައުސްގެ ފާހާނާ ތެރެއިން ކަމަށާއި ވަޅިއެއް ވެސް އޮތް ކަމަށެވެ.
"މިއަދު ހެނދުނުވެސް ބެލްކަންޏަށް ނުކުތް ކަމަށްވަނީ. އޭގެ ފަހުން ކޮޓަރިއަށް ވަން ގޮތަށް ހަބަރެއް ނުވެގެން މިރޭގެ ވަގުތެއްގައި ފުލުހުން ގެނެސް ދޮރު ހުޅުވިއިރު މަރުވެފައި އޮއްވައި ފެނިފައި މިވަނީ،" ގާފަރުން "ވަން" އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެ އަންހެން މީހާގެ ކަރަށް ވަނީ ވަޅި ހަރައިފައެވެ. އަދި ކޮޓަރިތެރެ ލެއިން ތަތްތެޅިފައިވާ އިރު، ބޮޑަށް ބެލެވެނީ އަމިއްލައަށް ކުރި ކަމެއް ކަމުގައި އޭނާ ބުންޏެވެ.
"ދުވަސްކޮޅެއް ކުރިން މިރަށަށް އައީ. އެކަނި އައިސްވެސް އުޅެނީ. މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމުގެ އަޑުތައް ފެތުރޭ ރަށުތެރޭ،" އޭނާ ބުންޏެވެ.
ނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން އެކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެ އަންހެން މީހާގެ ހަށިގަނޑު މިހާރު އޮތީ ގާފަރު ހެލްތު ސެންޓަރުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު