މާލޭގައި ރޭ ހިންގި ހާއްސަ އޮޕަރޭޝަންގައި އަތުލައިގަތް 17 ކިލޯގެ މަސްތުވާތަކެއްޗަކީ ފާޓިލައިޒާ ޝިޕްމެންޓެއްގައި ރާއްޖެ އެތެރެކުރި 13 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމަށް މޯލްޑިވަސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ، އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ އައިސްފައިވާ އެއާކާގޯގެ ޝިޕްމެންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިއްޔެ އެ ޝިޕްމެންޓް އިތުރަށް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެ ޝިޕްމެންޓް ޑިކްލެއާ ކޮށްފައިވަނީ "އޯގަނިކް ފާޓިލައިޒާ" ގެ ގޮތުގައެވެ.

އެ ޝިޕްމެންޓު ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ ތަކެތި ފެނިގެން އެތަކެތި ތަހުލީލުކުރުމުން ކެނަބިސް (ހަޝިޝް އޮއިލް) އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް ބުންޏެވެ. އެ މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 17 ކިލޯ ހުރި އިރު، އެތަކެތީގެ މަގުމަތީ އަގަކީ 13،600،000 (13.6 މިލިއަން) ރުފިޔާއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރޭ ހިންގި އޮޕަރޭޝަނަކީ ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ދިން މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އަދި އެ އޮޕަރޭޝަންގައި 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، ދެ ދިވެހިންނާއި ބަންގުލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

އެ އޮޕަރޭޝަނުގައި ފުލުހުން އެ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ޕިކަޕަކުންނެވެ. ސޯސަން މަގުން ދުއްވާފައިދިޔަ އެ ޕިކަޕު ތެރޭގައި ހުރި ފަސް ފޮށިގަނޑު ކަނޑައި އޭގެ ތެރެއިން މަސްތުވާތަކެތި އަޅާފައި ހުރި ބޮޑު 14 ރަބަރު ޕެކެޓު ފުލުހުން ހޯދިއެވެ.

ފުލުހުން ވަނީ މިމަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައިވެސް 12.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، ތިން މީހަކު ހައްޔަރުކޮށްފައެވެ. އެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގައި އިސްކޮށް ހުރީ ދިވެއްސަކާ އިނދެގެން ރާއްޖޭގައި ދިރިއުޅޭ އިންޑިއާ މީހެކެވެ.