އިދިކޮޅު ޕީޕީއެމް/ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަ ހުކުރު ދުވަހު މާލޭގައި ބާއްވަން ހަމަޖައްސާފައިވާ "އިންޑިއާ އައުޓް"ގެ ބޮޑު ހަރަކާތް ނުބޭއްވޭނެ ކަމަށް އެ ކޯލިޝަނަށް އަންގާފައިވާ ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތައް އެ ކޯލިޝަނުން މިއަދު ދޮގުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، އިދިކޮޅުން ބާއްވަން އުޅޭ ހަރަކާތް ނުބޭއްވޭނެކަން އިދިކޮޅު ލީޑަޝިޕަށް އަންގާފައިވާ ކަމަށެވެ.
"ގާނޫނާއި ގަވާއިދާ ހިލާފަށް އެފަދަ ހަރަކާތެއް ނުހިންގޭނެކަން އެބޭފުޅުންނަށް ވާނެ އަންގާފައި،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖަމާން ހީނާ ވަލީދު ވިިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު އިމްރާން މިއަދު ހެއްދެވީ އިތުރުފުޅެއް ކަމަށާއި އިދިިކޮޅު އެއްވެސް ފަރާތަކާއެކު އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ.
ހީނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ވަޒީރަކު ވާހަކަދައްކަވަން ޖެހޭނީ ސާފު ތެދު ބަހުން ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އިރު، މިނިސްޓަރު އިމްރާން ހެއްދެވި އިތުރުފުޅާއެކު ގާނޫނު އަސާސީއާ އެބޭފުޅާ ހިލާފުވެފައިވާ ކަމަށާއި އެހެންވެ، މިނިސްޓަރަށް ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ. އަދި އެއީ އެެގޮތަށް މިނިސްޓަރު އިމްރާން އިތުރުފުޅު ހެއްދެވި ތިންވަނަ ފަހަަރުކަން ހީނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ގޮވާލަން މަޖިލީހަށާއި އަދި މަޖިލީހުގެ ކޮމިޓީތަކަށްވެސް އިމްރާން އަބްދުﷲ އިތުރުފުޅު ހެއްދެވި މައްސަލަ ބަލައި ފިޔަވަޅު އަޅުއްވައިދެއްވާށޭ،" ހީނާ ވިދާޅުވިއެެވެ.
ހީނާ ވިދާޅުވީ އިދިކޮޅުން، "ނޭވާ ހޮޅިއަށް"ގެ ނަމުގައި ބާއްވާ ހަރަކާތަށް ނަގަން ޖެހޭ ހުއްދަތައް މާލޭ ސިޓީ ކައުންސިލުން މިހާރު ނަގާފައިވާ ކަމަށާއި އެ ހަރަކާތް ތާވަލާ އެއްގޮތަށް ހުކުރު ދުވަހު އޮންނާނެ ކަމަށެވެ. ރާއްޖޭގެ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްވެސް ބައިވެރިވެވަޑައިގަންނަވާ އެ ހަރަކާތް ކުރިއަށްދާނީ ސުލްހަވެރިކަމާއެކު ކަމަށް ހީނާ ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލައި، ރައީސް ޔާމީން އިސްވެ ހުންނަވައި ގެންދަވަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ހަރަކާތެއް ކުރިއަށް ގެންދަވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު