ބައެއް ފުލުހުން ގަސްތުގައި ބައެއް މައްސަލަތަކުގެ ތަހުގީގީ މަރުހަލާ ގަޑުބަޑު ކުރާ ކަމަށް ބަންޑާރަ ނާއިބު (އޭޖީ) އިބްރާހިމް ރިއްފަތު ވިދާޅުވުމުން، އެކަން ރިޕޯޓު ކުރެވިފައި ނުވާ ކަމަށް ބައްލަވައި އެއާމެދު އަމަލު ނުކުރައްވައި ހޯމް މިނިސްޓަރު ހުންނެވުމަކީ ރަނގަޅުގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ތަހުގީގު ހިންގުމުގައި ބައެއް ފުލުހުން ގަސްތުގައި ގޯސްތައް ހަދައި ގަސްތުގައި ތަހުގީގީ މަރުހަލާ ގަޑުބަޑު ކުރާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެފައިވާއިރު އެފަދަ ފުލުހުންނާ މެދު އަޅުއްވާ ފިޔަވަޅުތަކާ ބެހޭގޮތުން، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބުދުﷲ ޝަފީގު ކުރެއްވި ސުވާލަށް، މިނިސްޓަރު އިމްރާން ދެއްވި ޖަވާބާ ގުޅިގެންނެވެ.
އެ މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން، މިނިސްޓަރު އިމްރާން ވިދާޅުވީ، ވަކި ފުލުހަކު އެނގި ހުރެގެން ސީދާ ގަސްތުގައި އެގޮތަށް ކަމެއް ކޮށްފައިވާ ކަމަކަށް ރިޕޯޓެއް ހުށަހަޅާފައި ނުވާކަމަށެވެ. އެހެންކަމުން ފުލުހުންގެ މުޅި މުއައްސަސާއަށް ނިސްބަތްކޮށް އެފަދަ ބަސްތައް ބޭނުން ކުރުމަކީ ކޮށްގެން ވާނެ ކަމެއްނޫން ކަމަށް އިމްރާން ވިދާޅުވިއެވެ.
ނަމަވެސް އިމްރާން ވިދާޅުވީ، ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ފުލުހުން ޒިންމާދާރު ކުރުވުމަށްޓަކައި، ފުލުހަކާމެދު ތުހުމަތެއް އުފެދިއްޖެނަމަ އެކަށީގެންވާ ރަނގަޅު ގޮތެއްގައި، އެ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅެއް އެޅުމުގެ މަސައްކަތް ހަރުދަނާކޮށް، ކުރިއަށްދާ ކަމަށެވެ. އެގޮތުގެ މަތިން ހުސްވި މިދިޔަ އަހަރުގެ ތެރޭގައި ކުރި ބައެއް ރިޕޯޓުތަކާއި ކުރެވުނު ބައެއް ތުހުމަތުތަކާ ގުޅިގެން ބައެއް އޮފިސަރުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ތަހުގީގުތައް ފުލުހުން ގަޑުބަޑު ކުރާކަމަށް ބުނުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދަންނަވަން ނުކެރޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާންގެ އެ ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެފަދަ މައްސަލަތައް ރިޕޯޓު ކޮށްފައި ނެތްކަމަށް ވިދާޅުވި ނަމަވެސް ބަންޑާރަ ނާއިބު ހުވައިގެ މަތީގައި ހުންނަވައި މަޖިލީހަށް ވަޑައިގެން، އެ ވާހަކަ އެގޮތަށް ވިދާޅުވުމުން، އެ މަނިކުފާނު ދެކެވަޑައިގަންނަވަނީ އެއީ ހުރިހާ ތަނަކަށް ރިޕޯޓު ކުރެވުނީކަމުގައި ކަމަށެވެ.
"ރިޕޯޓު ކޮށްފައި ނެތްކަމަށް ވިދާޅުވި ނަމަވެސް މިތަނުގައި ބަންޑާރަ ނާއިބު ހުވައިގެ މަތީގައި ހުންނަވައި އައިސް ވިދާޅުވީމާ، އަޅުގަނޑު ދެކޭނީ އެއީ ހުރިހާ ތަނަކަށް ރިޕޯޓު ކުރެވުނީ ކަމަށް، އެ މައްސަލައެއް އަޅުގަނޑު ދެކޭގޮތުގައި ރިޕޯޓު ނުކުރެވި ސިޓީއަކުން ފޮނުވައި، ރިޕޯޓު ނުކުރެވިވާކަމަށް ބައްލަވައި އަމަލު ނުކުރައްވައި ހުންނެވުމަކީ ރަނގަޅުގޮތްކަމަށް އަޅުގަނޑަކަށް ނުފެނޭ،"
ޚަބަރު
ޚަބަރު
ޚަބަރު