ލީގު ވަންގައި މިރޭ ޕީއެސްޖީން ކުޅުނު މެޗުގައި މޮނާކޯ ކައިރިން 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެއެވެ.

މިރޭގެ މެޗުގައި ޕީއެސްޖީ ވި ބައްޔަކީ މި ސީޒަންގައި އެޓީމަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ބައްޔެވެ. އަދި އެންމެފަހުން ޕީއެސްޖީން ކުޅުނު ހަ މެޗުގެ ތެރެއިން އެޓީމު ވަނީ ހަތަރު މެޗުން ބަލިވެފައެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑް އަތުން ހިތްދަތި ގޮތަކަށް ޗެމްޕިއަންސް ލީގުން ކަޓައިގެން ދިޔަ ބަލިވެސް ހިމެނެއެވެ.

މެޗުގައި މޮނާކޯގެ ދެ ގޯލު ވަސީމް ބެން ޔެޑާ ޖަހައިދިން އިރު، އަނެއް ގޯލު ޖެހީ ކެވިން ވޮލާންޑެވެ. އެ ގޯލަށް އެސިސްޓް ކޮށްދިނީ އަނެއް ދެ ގޯލު ޖެހި ބެން ޔެޑާއެވެ. މިހާތަނަށް މި ސީޒަންގައި ބެން ޔެޑާ 17 ލީގު ގޯލު ޖަހައިފައިވާ އިރު، އޭނާއަކީ ފްރާންސް ލީގުގައި މިވަގުތު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އެ މަގާމަށް ބެން ޔެޑާއާ އެންމެ ކައިރިން ވާދަކުރާ ކުޅުންތެރިޔަކީ ޕީއެސްޖީގެ ކިލިއަން އެމްބާޕޭއަށް ލީގުގައި ޖެހިފައި ވަނީ 15 ގޯލެވެ.

"ޗެމްޕިއަންސް ލީގުން ކެޓުމުގެ މާޔޫސްކަމުން ނުކުންނަން ޖެހޭ. އަމިއްލަ ނަފްސަށް އިތުބާރާއެކު ކުޅެވުނު އެންމެ ރަނގަޅަކަށް އަބަދުވެސް ކުޅެން ދަސްކުރަން ޖެހޭ. ބައްޔަކާ ކުރިމަތިލާން ޖެހުނީމަ ރޫހުގައި ނުކުމެ އެކަން ހަނދާން ނައްތާލަން ނޭނގުނުތަން ފެނިގެން ދިޔައީ. ރޫހެއް ނެތް. މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން. މިއީ ލަދުވެސް ގަންނަން ޖެހޭ ކަމެއް. މި ކަންތައް ތަކުރާރުވެސް ވިޔަ ދީގެން ނުވާނެ. މެޗަކުން ބަލިވުމެއް ނޫން މައްސަލައަކީ. މައްސަލައަކީ މިހާ ދަށްކޮށް ޓީމު ރޫހު ފެނިގެން ބަލިވުން،" މެޗަށްފަހު ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުންޏެވެ.

މިރޭގެ މެޗުގައި ޕީއެސްޖީގެ ތަރި ލިއޮނަލް މެސީ ކުޅެފައެއް ނުވެއެވެ. އޭނާ ހުރީ ބަލިވެއެވެ. މެޗުގައި ޕީއެސްޖީގެ އެޓޭކުތައް މަދުކޮށް ފެނުނު އިރު، އެންމެ ބޮޑަށްވެސް ގޯލަކަށް ނުރައްކާ ކުރީ އެމްބާޕޭއެވެ. އޭނާ ނޫން ކުޅުންތެރިއެއްގެ ފަރާތުން އެދެވޭ ފެންވަރެއްގައި މަސައްކަތް ކުރިތަންވެސް ފެނިފައެއް ނުވެއެވެ.

މިރޭގެ މެޗުގެ ކުރިން މިދިޔަ ހަފުތާގައި ޕީއެސްޖީން ލީގުގައި ކުޅުނު މެޗުގައި ބޯޑޯ ކައިރިން 3-0 އިން މޮޅުވި ނަމަވެސް، ހޯމްގައި ކުޅުނު އެ މެޗުގައި ސަޕޯޓަރުން ވަނީ އަމިއްލަ ކުޅުންތެރިން ކަމަށްވާ ނޭމާއާއި މެސީއަށް "ބޫ" ކޮށްފައެވެ.

މެޗުން ބަލިވެ މާޔޫސްވި ނަމަވެސް މިވަގުތު ލީގުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 13 ޕޮއިންޓުގެ ލީޑަކާ އެކުގައެވެ. އެއީ 29 މެޗުން 65 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ ރެނެސްއެވެ. އެޓީމަށް 29 މެޗުން ލިބިފައިވަނީ 52 ޕޮއިންޓެވެ.