Close
ޚަބަރު

ރައީސް ނަޝީދުގެ އިންޒާރެއް: ބިރު ދައްކަންޏާ ފާޅުގައި ނުކުންނާނަން، ނިކަން ޕާޓީން ބޭރުކޮށްބަލަ!

މުހައްމަދު އިޝާން

އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ވަކި ބޭފުޅަކު ގެނައުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރީން އެ ކުންފުނިތަކުގައި މަސައްކަތްކުރާ އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބި މުވައްޒަފުންނަށް ބިރު ދައްކަމުންދާ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރައްވައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕަށް ނަޝީދު މިރޭ ފޮނުއްވި މެސެޖެއްގައި އެ ތުހުމަތުތައް ކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށެވެ.

އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ، ފެނަކަ ކުންފުންޏަކީ ސައީދުގެ އަމިއްލަ ކުންފުންޏެއް ނޫން ކަމަށާއި ރަށްރަށުގައި މަސައްކަތްކުރާ އެ ކުންފުނީގެ މުވައްޒަފުންނަށް ބިރު ނުދެއްކޭނެ ކަމަށެވެ. އަދި އެމަނިކުފާނު އެމްޑީޕީން ބޭރުކޮށްލަން ސައީދު މަސައްކަތް ކުރެއްވިޔަސް އެކަމާ ފެނަކައިގެ ހުރިހާ މުވައްޒަފުން ނުރުހޭނެ ކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގައި ވަކި މީހަކަށް ވޯޓުދޭން ފެނަކައިގެ މުވައްޒަފަކަށް ސައީދު ދެން ގުޅުއްވައިފިނަމަ އެމަނިކުފާނު ފާޅުގައި ނުކުންނަވާނެ ކަމަށެވެ.

"ފެނަކަ އެމްޑީ ސައީދު، ފެނަކަ އަކީ މަނިކުފާނުގެ އަމިއްލަ ތަނެއް ނޫންކަން ހަނދާން ކުރާތި. ރަށްރަށުގެ ފެނަކަ މުވައްޒަފުންނަށް ބިރެއް ނުދެއްކޭނެ. ސައީދު އަޅުގަނޑު މި ޕާޓީން ވަކިކުރާން އުޅުނަސް ފެނަކަ ހުރިހާ މުވައްޒަފުން އެކަމާ ނުރުހޭނެ. އެމީހުންނަކީ ތަންދޮރު ދަންނަ މީހުން. ދެން ސައީދު މީހަކާ ގުޅައިފިނަމަ އަޅުގަނޑު ފާޅުގައި ނުކުންނާނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ އެ މެސެޖުގެ ޖަވާބުގައި ސައީދު ވިދާޅުވީ، އޭނާ އެއްވެސް މުވައްޒަފަކަށް ގުޅައި ވަކި ކެންޑިޑޭޓަކަށް ވޯޓޫދޭން އަންގާފައިނުވާނެ ކަމަށާއި އެއްވެސް މުވައްޒަފަކަށް ބިރު ވެސް ދައްކާފައިނުވާނެ ކަމަށެވެ. އަދި ބިރު ދައްކާފައިވަނީ ކޮން މުވައްޒަފަކަށްތޯ ވެސް ސައީދު ސުވާލުކުރެއްވިއެވެ.

ސައީދު ވަނީ އެމްޑީޕީގެ ޗެއާޕަސަންގެ މަގާމަށް ވާދަކުރައްވާ މާފަންނު ހުޅުނގު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިމްތިޔާޒު ފަހުމީއާއެކު ފެނަކައިގެ މުވައްޒަފަކު ނަގާފައިވާ ފޮޓޯއެއް ވެސް ގުރޫޕަށް ފޮނުއްވައިފައެވެ.

"ރައީސް، އަޅުގަނޑު ފެނަކައިގެ ކޮން މުވައްޒަފަކަށް ކޮން ވަގުތަކުތޯ ވަޒީފާގެ ބިރު ދެއްކީ. އެ މީހަކު ނުހުންނާނެ. އެފަދަ ކަމެއް ނުކުރަން އަދި ނުވެސް ކުރާނަން،" ފައްޔާޒަށް ތާއީދު ކުުރައްވާކަން އިއުލާނު ކުރައްވާފައިވާ ސައީދު ވިދާޅުވިއެވެ.

ސައީދު އެގޮތަށް ވިދާޅުވުމުން ރައީސް ނަޝީދު ދެން ވިދާޅުވީ، ސައީދު ޖަދަލުކުރާނަމަ ފާޅުގައި އިދިކޮޅަށް ނުކުންނާނެ ކަމަށާއި ފެނަކައިގެ އެމްޑީގެ މަގާމު ލިބުނު ގޮތް ސައީދަށް އޮޅިވަޑައިގެންފައިވާ ކަމަށެވެ. އަދި އެމްޑީޕީން އެމަނިކުފާނު ބޭރުކުރަން ރައީސް ނަޝީދު ވަނީ ސައީދަށް ޗެލެންޖުކުރައްވައިފައެވެ.

"ތިޔަހެން ޖަދަލުކުރާ ކަމުގައިވާ ނަމަ، އިދިކޮޅަށް ނުކުންނާނަން. ސައީދަށް ތިޔަ ތަނަށް އާދެވުނު ގޮތްވެސް ސައީދަށްވެސް އޮޅުނީ. އަޅެ ސައީދު އަޅުގަނޑު މި ޕާޓީން ބޭރުކޮށްބަލަ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އެ ވާހަކަތަކާ ގުޅިގެން ސައީދު ވިދާޅުވީ، ޖަދަލުކުރައްވަން ނޫޅުއްވާ ކަމަށެވެ. އަދި ރައީސް ނަޝީދު އެމްޑީޕީން ވަކިކުރެއްވުމަށް އޭނާއަކީ ކާކުތޯ ވެސް އެއްސެވިއެވެ.

"އަޅުގަނޑު މިއީ ކާކުތޯ ރައީސް އެމްޑީޕީން ވަކިކުރަން،" ސައީދު ވިދާޅުވިއެވެ.

ސައީދު އެގޮތަށް ވިދާޅުވުމުން ރައީސް ނަޝީދު ވަނީ މުނާފިގު ނުވުމަށާއި، ސައީދު ދޮގު ނުހެއްދެވުމަށް އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު އަންނަ މެއި މަހުގެ 14 ގައި ބާއްވާ އިރު، ދެ ކެންޑިޑޭޓުން ވެސް އަންނަނީ ރަށްރަށަށް ވަޑައިގެން ކެމްޕޭން ކުރައްވަމުންނެވެ. މިދިޔަ ހަފުތާގެ ބަންދުގައި އިންތި ކެމްޕޭން ކުރެއްވީ ހުވަދު އަތޮޅުގައެވެ. އަދި ޗެއާޕާސަންގެ މަގާމަށް އިންތިއާ ދެކޮޅަށް ނުކުންނަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ކެމްޕޭން ކުރެއްވީ ބޮޑުތިލަދުންމަތީގައެވެ.

ހުވަދުއަތޮޅުގައި އިންތި ކުރެއްވި ކެމްޕޭނުގައި އޭނާ ވަނީ ފައްޔާޒު މަސައްކަތްކުރައްވަނީ ރައީސް ނަޝީދު އެމްޑީޕީން ބޭރުކޮށްލަން ކަމަށް ތުހުމަތުކުރައްވައިފައެވެ.

އެ އިންތިހާބުގެ ވާދެވެރިކަން ވަނީ މަޖިލީހުގެ ތަޅުމުގެ ތެރެއަށް ވެސް ވަދެފައެވެ. އިންތިގެ ޓީމުން ތުހުމަތުކުރާ ގޮތުގައި ފައްޔާޒުގެ ޓީމުން ދަނީ ސަރުކާރު ކުންފުނިތަކަށް ބިރުދައްކައި އިންތިއަށް ވޯޓު ނުލުމަށް އަންގަމުންނެވެ. އަދި އިންތިއަށް ތާއިދުކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކަމަށް ވެސް ތުހުމަތުކުރެއެވެ. ފައްޔާޒުގެ ޓީމުން އެ ހުރިހާ ތުހުމަތުތަކެއް ދޮގުކުރެއެވެ.

ދެ ކެންޑިޑޭޓުންގެ ވާދަވެރިކަން ބޮޑުވެފައިވާ އިރު، ފައްޔާޒު ނިސްބަތްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި އިންތި ނިސްބަތްވަނީ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށެވެ.

އިންތިހާބުގެ ފޯރި ގަދަވެ އެއްބަޔަކު އަނެއްބަޔަކަށް ރައްދު ދެމުންގެންދާ އިރު، އޭގެ އެންމެ ކުރީގައި ރައީސް ނަޝީދު ހިމެނިވަޑައިގަންނަވައެވެ. އެމަނިކުފާނު ގެންދަވަނީ ތުހުމަތުތަކަކާއެކު ނުސީދާކޮށް ރައީސް ސޯލިހަށްވެސް ބައެއް ބަސްތައް އަމާޒު ކުރައްވަމުންނެވެ. ނަމަވެސް ރައީސް ސޯލިހު އެއްވެސް ރައްދެއް ދެއްވައިފައެއް ނުވެއެވެ.