ދުނިޔެ

އަދުގެ ދުނިޔެ: ދުޝްމަނުންގެ މެޔަށް ގޯޅައިލާނަމޭ ރައީސް ޕުޓިން ވިދާޅުވާ "ޚަންޖަރު" ކޮބާ؟

އިމާދު ލަތީފު

ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން 2018 ވަނަ އަހަރު ގައުމާއި މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެހެންޏާ އޭނާ ނުދައްކަވާ ޒާތުގެ ވާހަކަފުޅެއް ދެއްކެވިއެވެ. ދުނިޔޭގެ އެހެން އެއްވެސް ބައެއްގެ އަތުގައި ނެތް ކަހަލަ ޒަމާނީ އައު ހަތިޔާރުތަކެއް ރޫސީވިލާތުން އީޖާދުކޮށް ގުދަންކޮށްފައިވާ ކަމަށް ޕުޓިން ވިދާޅުވިއެވެ. އޭގެތެރެއިން ބައެއް ހަތިޔާރަކީ އަޑަށްވުރެ އެތައް ގުނައެއް ބާރަށް ދަތުރުކުރާ މިސައިލުގެ އެކިބާވަތްތަކެވެ. ހައިޕަރސޮނިކް މިސައިލުގެ އެކި ވައްތަރެވެ. މިއީ ދުނިޔޭގެ އެއްވެސް ދިފާއީ ނިޒާމަކަށް އަދި އައްޑަނަޔަކަށް ނުހުއްޓުވޭނޭ މިސައިލެއް ކަމަށް ވިދާޅުވެ ހުޅަނގުގެ ގައުމުތަކަށް ރައީސް ޕުޓިން ވަނީ އެދުވަހު ގޮންޖައްސަވައިފައެވެ. ޕުޓިންގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވި އެއް ހަތިޔާރަކީ ކިންޒަލްގެ ނަންދެވިފައިވާ މިސައިލެވެ.

ކިންޒަލް މިސައިލަކީ އެއްވެސް ގޮތަކުން އާދައިގެ ހަތިޔާރެއް ނޫނެވެ. އަޑަށްވުރެ ދިހަ ގުނަ ބާރުމިނުގައި ދަތުރުކުރާ މިސައިލެކެވެ. އޭގެ މާނަޔަކީ ގަޑިއަކު ބާރަހާސް ތިންސަތޭކަ ކިލޯމީޓަރުގެ ސްޕީޑެއް ލިބިގެންވުމެވެ. އެވަރުގެ ސްޕީޑަކީ ކިހައި އަވަސްމިނެއްތޯ ބަލާއިރު އެއީ ސްރީލަންކާގެ ކޮލަމްބޯއިން އުދުއްސާލައިފިނަމަ ދިވެހިރާއްޖޭގެ މާލެޔާ ހަމަޔަށް ހަތަރު މިނިޓުން ފޯރުމުގެ ސްޕީޑެވެ. ފެންނާނީ އައްޔެކެވެ. އަލިފެނުމާއި ހަމަލަ އަމާޒުވުން ދާނީ ގާތްގަޑަކަށް އެކުއެކީގައެވެ. ރަޝިޔާގެ ރައީސް ޕުޓިން މި ހަތިޔާރު ސިފަ ކުރައްވާފައިވަނީ ޚަންޖަރެއްގެ ގޮތުގައެވެ. ރަޝިޔާއާ ދެކޮޅު ހަނގުރާމައެއް ފެށިއްޖެނަމަ ދުޝްމަނުންގެ މެޔަށް ހަރައިލާނެ ޚަންޖަރަކީ މިއީ ކަމަށް މީގެ ހަތަރު އަހަރު ކުރިން ޕުޓިން ވަނީ ވިދާޅުވެފައެވެ.

ރަޝިޔާއިން ބައިވެރިވާ ވަރުގަދަ ހަނގުރާމައެއް ފެށިގެން ކުރިއަށްދާތާ ތިން ހަފުތާވެއްޖެއެވެ. މިހިސާބަށް ދިޔައިރު ރައީސް ޕުޓިން ވިދާޅުވެފައިވާ ޚަންޖަރު ކޮބައިބާވައެވެ. އެ ޚަންޖަރު އުރައިގެ ތެރޭގައި އަދިވެސް އޮތީ ބާވައެވެ. ނޫނެކެވެ. ރަޝިޔާގެ ދިފާއީ ވުޒާރާއިން ހޮނިހިރު ދުވަހު ޔަގީންކޮށްދިން ގޮތުން ކިންޒަލް ސުޕަރސޮނިކް މިސައިލް، މިހަނގުރާމައިގައި ފުރަތަމަ ފަހަރަށް މިދިޔަ ހުކުރު ދުވަހު ރަޝިޔާއިން ވަނީ ބޭނުންކޮށްފައެވެ. މި ހަތިޔާރުން ހަމަލަދިނީ ޔުކްރޭނުގެ އެންމެ ހުޅަނގު ބިތުގައި އޮންނަ ޑެލިއާޓީނޭ ކިޔުނު އަވަށުގައި ގާއިމުކޮށްފައިވާ ބިމުއަޑީގެ ވަރުގަދަ ބިންގަރާހަކަށެވެ. އެތަނަކީ މިސައިލާއި އެނޫންވެސް ވައިގެ މަގުން ބޭނުންކުރެވޭނޭ ހަތިޔާރު ރައްކާކޮށްފައިވާ އަސްކަރީ ގުދަނެއް ކަމަށްވެސް ބުނެއެވެ.

ރޫސީންގެ ދިފާއީ ވުޒާރާއިން ބުނާގޮތުގައި މިހަމަލާގައި އެގުދަނާއި އެގުދަނުގެ ތެރޭގައިވާހައި އެއްޗެއް ވަނީ ފުނޑުފުނޑު ކޮށްލެވިފައެވެ. މި ބުނުމަކީ ތެދެއްކަމަށް ވެއްޖެނަމަ މިއީ ޔުކްރޭނުގެ ހަނގުރާމައިގައިވެސް އަދި އެނޫން ހަނގުރާމައެއްގައި ވެސް ރޫސީން ސުޕަރސޮނިކް ސްޕީޑް ލިބިގެންވާ މިފަދަ ހަތިޔާރެެއް ބޭނުންކުރި ފުރަތަމަ ފަހަރެވެ. މި ހަތިޔާރު މުޅިން އަލަށް ބޭނުން ކުރުމާއި މި ހަތިޔާރު ބޭނުންކޮށްގެން ހަމަލާ ދެވުނު ސަރަހައްދަށް ބަލާއިރު ރަޝިޔާއިން ޔުކްރޭނާއި ހުޅަނގުގެ ގައުމުތަކަށް އެދިނީ ވަރުގަދަ މެސެޖެއްކަމަށް ގަބޫލު ކުރެވެއެވެ. އެދިނީ އިންޒާރެއް ކަމަށް ޔަގީން ކުރެވެއެވެ. ހަމަލަދެވުނު ހިސާބަކީ ރުމޭނިޔާގެ އިމާއި ޖެހިގެން އޮންނަ ހިސާބެކެވެ. ރުމޭނިޔާއަކީ ނޭޓޯގެ މެންބަރު ގައުމެކެވެ.

މީގެ ހަފުތާއެއްހައި ދުވަސް ކުރިން އިނގިރޭސިވިލާތުގެ ވަޒީރަކު ރަޝިޔާއަށް އިންޒާރު ދެއްވުމުގެ ގޮތުން ވިދާޅުވިއެވެ. ޔުކްރޭނުގެ ހަނގުރާމައިގައި ރޫސީ ސިފައިން ބޭނުންކުރާ އުންޑައެއްގެ ތޮށިގަނޑުވިޔަސް ނޭޓޯގެ މެންބަރު ގައުމެއްގެ ސަރަހައްދުގެ ތެރެއަށް ވެއްޓިއްޖެނަމަ މި ހަނގުރާމައިގެ ތެރެއަށް ނޭޓޯ ވަންނާނެއެވެ. ރަޝިޔާއިން ގަބޫލުކުރި ގޮތުގައި މި އިންޒާރަކީ ޕޮލެންޑާއި ރުމޭނިޔާ، ހަންގޭރީ އަދި ސްލޮވާކިޔާގެ އިމާއި ގާތުގައި ޔުކްރޭނުގެ ހުޅަނގު ބިތުގައި ހަނގުރާމައިގެ ކަންކަން ކުރިއަށް ނުގެންދިޔުމަށް ބާރުއެޅުމާއި ބިރުދެއްކުމަށް ދިން އިންޒާރެކެވެ. އެހެންވީމާ ރައީސް ޕުޓިން ސިފަކުރައްވާފައިވާ ގޮތަށް ދުޝްމަނުންގެ މެޔަށް ހަރައިލާން އޮތް ޚަންޖަރު ސީދާ ރުމޭނިޔާގެ ބޯޑަރަށް ފެންނަ ހިސާބު ގާތަށް ހަރައިލުމަކީ ނޭޓޯއާމެދު ކަހިރުވަކެކޭވެސް ހިތަށް ނާރައޭ، ކުރާނީ ކުރާނެ ކަމެކޭ ބުނުމެކެވެ.

ދުޝްމަނެއްގެ މެޔަށް ޚަންޖަރެއް ގޯޅައިލާ ބީދައިން ނޭޓޯއަށް ފެންނަ ހިސާބު ކައިރިފަށުގައި ނޭޓޯގެ ދުރުމިތަކުން ބަލާންތިއްބައި ނޭޓޯގެ ގައުމުތަކުން ފޯރުކޮށްދިން ހަތިޔާރުތައް ބިމުއަޑީގައި ރައްކާކޮށްފައިވާ ގުދަނަކަށް ކިންޒަލް މިސައިލް ވަދެގެންގޮސް އެވީއެއްޗެއް ވުމަކީ ދެވަނަ ވިސްނުމަކަށްދާން ނޭޓޯއަށްވެސް މަޖްބޫރުވާނޭ ކަމެކެވެ. ރަޝިޔާއިން ހަތިޔާރު އުފައްދައި ގުދަންކޮށްގެން އެތިބީ ރީއްޗަކަށް ބަލަން ނޫންކަމާއި ހާލަތާއި ވަގުތު އައީމާ ކޮންމެ ހަތިޔާރަކީވެސް ބޭނުންކުރާނޭ ހަތިޔާރެެއްކަން މިހަމަލައިން އަންގައިދީފިއެވެ. އަދި މިޒާތުގެ ހަތިޔާރުން ދިފާއު ވުމަށް ނޭޓޯއަށް ކުރެވޭނޭ ކަމެއް އަދި ކޮށްދެވޭނޭ ކަމެއްވެސް ނެތްކަން އަންގައިދީފިއެވެ. އެއްގޮތަކުން މިއީ ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވެދާނޭ ކަމެކެވެ. އަނެއް ގޮތަކުން ހަނގުރާމަ ފިނިވުމަށް އެޅޭ ބާރަކަށްވެސް ވެދާނެއެވެ.