ކަދުރު

ފުވައްމުލަކު ކަދުރު ރުކެއްގައި ކަދުރުއަޅައި ބަރުވެފައި، އޮށެއް ނެތް، ކަދުރު ރަހައާއި ފޮނިމިން ރަނގަޅު

މަރިޔަމް ޝަފާ އިބްރާހިމް

ޒަމާނުއްސުރެ އާންމުކޮށް އަބަދުވެސް ފެންނަ އެހެނަސް ރޯދަމަހަށް ހަމަ ކޮންމެހެންވެސް ހޯދަން މަޖުބޫރު ބާވަތެކެވެ. އެތައް ގޮތަކުން ފައިދާ ހުރި ބޭނުންތެރި މޭވާއެކެވެ. އެއާ ނުލައި ރޯދަމަސް ފުރިހަމަ ނުވާ ކަދުރެވެ.

ކަދުރަކީ ސިއްހަތަށް އެތައް ގޮތަކުން ފައިދާ ހުރި އެހާމެ ހަށިގަނޑަށްވެސް ލުއި ބާވަތެކެވެ. ހާއްސަކޮށް ރޯދަ މަހު ކަދުރު މުހިންމު ވާ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. އެންމެ ފުރަތަމަ އަދި އެންމެ ހާއްސަ ސަބަބަކީ އެއީ ރޯދަ ވީއްލުމުގެ ސުންނަތެއްކަމަށް ވުމެވެ. ތިން އޮށް ކަދުރުން ރޯދަވީއްލަން ޖެހޭ އެއަސްލު ސަބަބާއި އޭގެ މަގުސަދު ނުދަންނަ މުސްލިމަކު ކުޑަވެސް ބޮޑުވެސް އުޅޭނެހެނެއް ހިއެއް ނުވެއެވެ. މިއީ ދުވާލު ހަތަރުދަމު ހުސްގޮހޮރާ ހުރުމަށްފަހު އެންމެ ފުރަތަމަ ގޮހޮރަށް ދިއުމަށް އެންމެ ރަނގަޅު ކާނާ ކަމަށް ދިރާސާތަކުންވެސް ވަނީ ހޯދައިފައެވެ.

ރޯދަމަސް އައުމުގެ ކުރިންވެސް އާންމުކޮށް ގޭގޭގައި ކަދުރު ބޭނުން ކުރެއެވެ. ކަދުރުގެ ވިޔަފާރި އަހަރުގެ ހުރިހާ ދުވަސްތަކެއްގައިވެސް ކުރިއަށް ދެއެވެ. އެހެންނަމަވެސް ރޯދަމަހާ ދިމާކޮށް ކަދުރުގެ ވިޔަފާރި ވަރަށް ބާރަށް އެހާމެ ކާމިޔާބުކަމާއެކު ކުރިއަށްދެއެވެ. ހަމަމިއާއެކު ތަފާތު މީސްމީހުން ރަށުތެރެއަށް ކަދުރުން ސޮދަގާތް ދިނުން ވެސް ކުރިއަށްދެއެވެ. މިފަދަ ހުރިހާ ގޮތަކުންވެސް ކަދުރަށް އޮންނަ ޑިމާންޑް ވަރަށް ބޮޑެވެ. އަދި ކަދުރުގެ ވިޔަފާރިވެސް އެހާމެ ފުޅާވެކާމިޔާބު ވެގެންދެއެވެ.

ރާއްޖެ ކަހަލަ ހޫނު ގައުމެއްގައި ކަދުރު ހެދުމަކީ ވެދާނެ ކަމެއްކަމަށް އެއްބަސްވެވޭ ހަމައެކަނި ނުކުތާ އަކީ ރާއްޖޭގެ މޫސުމަށް އަންނަ ހޫނު ދުވަސްވަރެވެ. ހަގީގަތުގައި ދިވެހި ރުއް ފޯދޭ ގޮތާއި ތަފާތު ގޮތަކަށް ފޯދޭ ކަދުރު ރުއް ހެދެން ބޭނުންވާ ވަރުގެ ހޫނު ކަމަކާއި މޮޅު ފަސްގަނޑެއް މިރާއްޖޭގައި ނެތް ކަމަށް މީހުން ބުނެއެވެ. އެހެންވެ ކަމެއް، ނުވަތަ އެހެން ސަބަބަކާ ހެދި ކަމެއް ނޭނގެއެވެ. ކަދުރުރުއް އިންދައި ހައްދާކަށް ދިވެހީން މާބޮޑު ޝައުގުވެރިކަމެއް ނުދެއެވެ. ބ.ތުޅާދޫގައި ކަދުރު ރުއްތަކެއް ހުއްޓަސް އެއީވެސް ކޮންމެވެސް ގޮތަކަށް އުކައިލެވުނު އޮށްތަކަކުން ހެދުނު ރުއްތަކެއްކަމަށް ވެއެވެ. އަދި މިރުއްތަކުގައިވެސް ކަދުރު އަޅާފައި ނެތް ގޮތަށް ރާއްޖޭގައި މީގެކުރިން ހެދިފައިވާ ކަދުރުރުކެއްގައިވެސް އާލާވެ ފުޅާވާ ކަހަލަ ގޮތަކަށް ކަދުރު ހެދި ގިނަވި ކަމެއް ނޭނގެއެވެ.

އެހެންނަމަވެސް ދާދިފަހުން ފުވައްމުލަކުގައި ހެދިފައިވާ ދެރުކެއްގައި މިވަނީ ކަދުރު އަޅައި އެކަދުރު ރަށުގެ މީހުންނަށް ބަހައި ގިނަ ބަޔަކު ރަހަ ބަލައިފިއެވެ. އާންމުކޮށް ބާޒާރުން ގަންނަ ރޯކަދުރާއި މިކަދުރާ ހުރި ތަފާތަކީ މިކަދުރުގެ އެތެރޭގައި އޮށެއް ނެތުމެވެ. އަދި އަނގަޔަށް ގިނަވެފައި ހުންނަ ކަހަލަ ގޮތެއް ހުރުމެވެ.

"އަދި މިހާތަނަށް ފެނުނު ކަދުރުގައި އޮށެއް ނުހުރޭ. ކަދުރުގެ ރަހަޔަކު އެހެން ކަދުރުތަކާ މާބޮޑު ތަފާތެއް ނުހުރޭ. އެކަމަކު ހަފާލުމުން އަނގައިގެ ތެރޭގައި ގިނަވެ ހައްޕުޑު ހެދޭ ކަހަލަ ގޮތެއް ހުރޭ. ރޯކަދުރުގެ ތަންކޮޅެއް ޅަކަދުރު ކެއީމަ ވާނެ އެހެން. ރަހަޔާ މެދު ބުނަންޏާ ބުނެވޭނީ ހަމަ ފޮނިރަހަ ރަނގަޅޭ. ބޭރުން ގެންނަ ކަދުރުގެ އެހުންނަ ވަރަށް ފޮނި ރަހަ ނެތަސް ހަމަ ކަދުރުގެ ރަހަ، އެފޮނިރަހަގަނޑު ހުރޭ."
މުނީރު ހަސަން، ޏ. ފުވައްމުލައް

ފުވައްމުލަކުގެ ތާރީހު ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ، މުނީރު ހަސަން ވަން އަށް ވިދާޅުވީ މި ރުއް ފޯދުނީ ވަރަށް ފަހުން ނަމަވެސް، ރުކުގެ އުމުރުން ގިނަ އަހަރުތަކެއް ވެއްޖެ ކަމަށެވެ.

"އެރުކަށް ގާތްގނޑަކަށް ވިއްސަކަށް އަހަރުވެދާނެ. ފޯދުނު ފަހުން ދިހައަހަރުވެއްޖެހެން ހީވަނީ. ފޯދުނު ފަހުން އަބަދުވެސް ކަދުރު އަޅާ. އެކަމަކު ވާލުގެ އުނދަގޫ ބޮޑުކަމުން އަހަރުމެންނަކަށް ލިބޭ ވަރެއް ނުވޭ. އެކަމަކު މިފަހަރު އިރާދަކުރައްވައިގެން ރޯދި ކުރައްވައިފި. ކުރިންވެސް ކަދުރު އެޅި. އެފަހަރުވެސް މިފަހަރުވެސް ބަހާލީ."

ޔަމަނު ގޯތީގެ ވެރިފަރާތް ކަމަށްވާ މުސްތަފާ 'ވަން' އަށް މައުލޫމާތު ދިން ގޮތުގައި މިއީ ވަކި ކަދުރު ރުކެއް އިންދުމުގެ ނިޔަތުގައި ކޮށްފައިވާ ކަމަކުން ފަޅައިގެން ހެދިފޯދިފައިވާ ރުކެއް ނޫނެވެ. މިއީ އެގޯތީގައި 'ހަމަ ހިތަށް' ހެދިފައި ހުރި ރުކެކެވެ. މީގެ ފަނަރަ ވިއްސަކަށް އަހަރު ކުރިން ގޯތިތެރެ އޮތް ގޮތާ ދޭތެރޭ، ބުއްދީގެ ހަމަތަކުން ފިކުރު ހިންގައި ވިސްނާލާއިރު ލަފާކުރެވެނީ، ރޯދަމަހަކު ކަދުރު ކައިފައި އޮށްއުކާލެވުނު ދިމާއެއް ކަމަށެވެ. އެތަނުން އޮށެއް އިންދިގެން ހެދި ފޯދިފައިވާކަހަލަ ގޮތަކަށެވެ.


މި ކަދުރު ރުކުގައި މީގެ ކުރީންވެސް ކަދުރު އެޅި ކަމަށާއި ކޮންމެ ފަހަރަކުވެސް އެކަދުރުތައް ރަށުތެރެއަށް ބަހާލަނީ ކަމަށް އޭނާ ބުންޏެވެ. އެއްވެސް މާނައެއްގައި ވިޔަފާރިކޮށް ނަފާ ހޯދާފައެއް ނުވެއެވެ.

"އެއްގޮތަކަށްވެސް ވިއްކާކަހަލަ ހިޔާލެއް ނުވެސް ކުރަން."

ޔަމަނުގޯތީގެ ވެރިފަރާތުން ދިން ޖަވާބުގައި ސާފުކޮށް އެއްވެސް ފަހަރަކު އެއްވެސް ގޮތަކަށް މިކަދުރުގެ ވިޔަފާރި ނުކުރާކަމަށާއި އަދި ދެންވެސް ނުވިއްކާނެކަމަށް ހަރުބަހުން ބުނެފައިވެއެވެ.

ޔަމަނުގޯތީގައި ކަދުރުރުއް ހުންނަތާ ވިއްސަކަށް އަހަރު ވެފައިވާއިރު މިރަށުގެ ގެންމިސްކިތުގައިވެސް ކަދުރުރުކެއް ވަނީ ފޯދިފައެވެ. އެރުކުގައިވެސް ވަނީ ކަދުރު އަޅައިފައެވެ.

ގެންމިސްކިތުގައި ހުރި ރުކަކީ ވެސް ބާރަ ނޫނީ ތޭރަވަރަކަށް އަހަރުވެފައިވާ ރުކެކެވެ. މިއީ އެއްވެސް މީހަކު ބަލަހައްޓާ ރުކެއް ނޫނެވެ. އެހެންކަމުން މިރުކުގައި ކަދުރު އެޅުމުންވެސް ވަކި ހާއްސަ މީހަކު ކަދުރު ކަނޑައި މިކަހަލަ އެއްވެސް ކަމެއް ނުކުރެއެވެ.

މުސްތަފާ ބުނީ މި ރުއްތައް ހައްދަން ބަޔަކު ހާއްސަ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.

"އެއްވެސް މަސައްކަތެއް ނުކުރަން. ދޭތެރެއަކުން ރުއް ސާފުކޮށްލައި ރުކުގެ ފަންތައް ކަނޑާލަން."

މުސްތަފާ ބުނި ގޮތުގައި ރުކުގެ ދިގުމިނުގައި 15ފޫޓު ވަރު ހުންނާނެއެވެ. އެހާ ދިގު ރުކެއްވީމަ އޭގެން އެއްވެސް އުނދަގުލެއް ވޭތޯ ސުވާލުކުރުމުން މުސްތަފާ ބުނީ އެރުކުގެ ސަބަބުން ޖެހިގެން ހުރި ގޭގެ މީހުންނަށް ދަތިވެ އުނދަގޫ ވެގެން އެ ޝަކުވާ އަތުވެއްޖެނަމަ ޖެހޭނީ ރުއް ކަނޑާލަން ކަމަށެވެ. ބަހައްޓަން ބޭނުންވިޔަސް، މަންފާއަކަށް ނުވިޔަސް ރީތިގަހެއްގެ ގޮތުގައި ބަހައްޓަން ބޭނުން ވިޔަސް ބަޔަކަށް އަމުދުން އަވަށްޓެރިންނަށް އުނދަގޫވާ ކަހަލަ އެއްވެސް ކަމެއް ކުރަން ބޭނުން ނުވާތީ އެރުއް ކަނޑާލަން ޖެހިއްޖެއްޔާ އެކަން ކުރާގޮތަށް ހުރި ކަމަށްވެސް މުސްތަފާ ބުންޏެވެ.

ކޮންމެއަކަސް ފުވައްމުލަކުގެ ދުވަސްވީ ހަރުފުރައިގެ ބައެއް މީހުން ދެކޭ ގޮތުގައި އެރަށުގައި ކަދުރުރުއް ހެދުމުގެ ފުރުސަތު އެބައޮތެވެ. އެކަމަށް ބޮޑަށް ބާރުއަޅާ ސަބަބަކީ މިހާތަނަށް އެއްވެސް އެހެން ރަށެއްގައި ނުވަތަ އެހެން އެއްވެސް ހިސާބެއްގައި މިހާގިނަ ފަހަރެއްގެ މަތިން ރުކެއްގައި ކަދުރުއަޅައި ކައިފައިވާ ކަމުގެ އެއްވެސް ހަބަރެއް ކަށަވަރު ވެފައި ނުވާތީއެވެ. އަދި މިފަދަ 'ނުވާ' ކަމެއް މިރަށުގައި ވޭތުވެދިޔަ ހަތަރުވަރަކަށް އަހަރުތެރޭގައި ވަމުން އަންނަ ކަމީ މިރަށުގެ ފަސްގަނޑުގައި ކަދުރުގެ މުސްތަގުބަލެއް އޮތް ކަމުގެ ހެއްކެއް ކަމަށް އެމީހުން ދެކެއެވެ. އެއްވެސް އަޅައިލުމެއް ނުދީ ހަމަ 'ގަހުގަތްބުރަށް' ހިތުހުރިގޮތަކަށް ހެދެން ދޫކޮށްލާފައިވާ ރުކަކުން މިހާ ރަނގަޅު ކަދުރު ލިބޭކަމަށް ވަންޏާ ފަރުވާއާއި ބެލެހެއްޓުންތެރިކަމާއެކު، ކަދުރު ރުއް އިންދައި ހެއްދިއްޖެނަމަ ފޯދިގެން އޭގައި ހަމަ އެންމެ ރަހަ ރަނގަޅު ކަދުރު އެޅުމަކީ އެކަށީގެން ނުވާ ކަމެކޭ ނުބުނެވޭނެއެވެ.