ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި 15 ޓަނުގެ ކަރުދު އެކި މުއައްސަސާތަކަށް ބަހައިފި އެވެ.

އިސްލާމިކް މިިިނިސްޓްރީން އިއްޔެ ބުނީ ސައުދީގެ (މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަވާހް އެންޑް ގައިޑެންސް) އިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ރާއްޖޭގެ އެކި މުއައްސަސާތަކަށާއި، ކޮލެޖްތަކަށާއި، ދީނީ ޖަމާއަތްތަކަށް ބަހާފައިވާ ކަމަށެވެ.

އެ ކަދުރު ހަވާލުކުރުމުގެ ރަސްމިއްޔާތު އިސްލާމީ މަރުކަޒުގައި ކުރިޔަށްގެންދިޔަކަމަށް މިނިސްޓްރީން ބުންޏެވެ. އެ ރަސްމިއްޔާތުގައި ސައުދީގެ ފަރާތުން ކަދުރު ހަވާލުކުރީ ސައުދީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަތްރެކް ބިން އަބްދުالله އަލްއަޖަލީން އަލްދަސަރީއެވެ.

ރާއްޖެއިން ކަދުރާ ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރުވަނީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި، ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށާއި، ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.

އޭގެ އިތުރުން ސައުދީގެ އިސްލާމިކް މިނިސްޓަރު ދަވާހް އެންޑް ގައިޑެންސް، ޝެއިހް ޑރ. އަބްދުއްލަތީފް ބިން އަބްދުލްއަޒީޒް އަލް ޝެއިހްގެ މަސައްކަތްޕުޅުތަކަށް ތައުރީފު ކުރެއްވިއެވެ. މީގެ އިތުރުން މިނިސްޓަރު ވަނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ދެ ގައުމުގެ ގުޅުން ދެމެހެއްޓުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.