ޅ. ކުރެންދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެރަށާ އިންވެގެން އޮންނަ ކަނޑުގައި 1000 ގޯތި ދޫކުރެވިދާނެ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައްދުދެއްވައިފިއެވެ.

ކުރެންދޫ ކައުންސިލުގެ ރައީސަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނުގައި ޕީޕީއެމްގެ ކެނޑިޑޭޓަށް ކެމްޕެއިން ކުރެއްވުމަށް އެރަށުގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ، ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ރައްޔިތުން ޖެހިވަޑައިނުގަތުމަށް އެދިވަޑައިގެންފައެވެ.

"...ސަރުކާރަށް ދަންނަވާލަން އޮތީ ލިބިފައި ހުރި ވަސީލަތަކުން ތަރައްގީ ކުރައްވާށޭ. އަދި ނުޖެހޭ މާދުރަށް ދާކަށް. އެކަމަކު ތަރައްގީ ކުރުމުގެ އެއްވެސް ކަހަލަ ތަޖުރިބާއެއް ނުވަތަ އެއްވެސް ކަހަލަ ސާބިތު ހިފޭ ކަހަލަ ކަމެއް ފެންނަން ނެތް އިރުގައި، އަޅުގަނޑު ދަންނަވާލަން އޮތީ ރައްޔިތުންވެސް އެ ވާހަކަތަކުގައި ޖެހިވަޑައިނުގަންނަވާށޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ކުރެންދޫގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވަނީ، އެރަށުގައި ކަނޑުން 1000 ގޯތި ދޫކުރެވިދާނެ ކަމުގެ ކުރެހުމެއް ނެދަލޭންޑްސްގެ ކުންފުންޏަކުން ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކުރިއަށްގެންދާނެ މަޝްރޫއެއް ކަމެއް ވިދާޅެއް ނުވެއެވެ.

"މާލެ އަތޮޅުގައި އެބަ ހަދާ ފްލޯޓިން ސިޓީއެއް. ނެދަލޭންޑްސް ބައެއް ކުރާ މަސައްކަތެއް. އަޅުގަނޑު މިދެންނެވި ކުންފުނީގައި ބުނިން ކުރެންދޫ ބޭރުގައި ދިރިއުޅެވިދާނެހޭ މާކަނޑުގައި. އޭނާ އެބަ އޮތް ދެލިކޮޕީ ކުރެހުމެއް ފޮނުވާފައި ކުރެންދޫ ބޭރުގައި އެއްހާސް ގޯތި އަދި ދެވިދާނެ ކަމަށް ބުނެ," ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރެންދޫ ކައުންސިލުގެ ރައީސްކަމުގައި ހުންނެވި އިމްރާހީމް ސިމާއު އިސްތިއުފާދެއްވުމާއި ގުޅިގެން މިމަހުގެ 26 ވަނަ ދުވަހު ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އަލީ ނަސީމެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ އިސްމާއީލް މަދީހެވެ.