ކުޅިވަރު

ށ. ކަނޑިތީމާއި ހއ. އިހަވަންދޫ ޒޯން ފައިނަލަށް

މުޙައްމަދު ޝަމްޢޫން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ޒޯން އެކެއްގެ ފައިނަލަށް ށ. ކަނޑިތީމާއި ހއ. އިހަވަންދޫ ދަތުރުކޮށްފިއެވެ.

މުބާރާތުގެ ޒޯން ބުރުގައި ރޭ ވަނީ ހަ މެޗު ކުޅެފައެވެ. އޭގެ ތެރޭގައި ހިމެނުނީ ޒޯން އަށެއްގެ ފަހު މެޗުގެ އިތުރުން ޒޯން ދޭއްގެ މެޗަކާއި ޒޯން އެކެއްގެ ދެ ގުރޫޕުގެ ދެ މެޗު އަދި މާލޭގެ ޓީމުތައް ހިމެނޭ ޒޯން އަށެއްގެ ދެ މެޗެވެ. ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ޒޯން ހަތެއްގެ ޗެމްޕިއަންކަން މާލެގަން ހޯދި އިރު، ޒޯން އަށެއްގައި ކުޅުނު މެޗުތައް ކާމިޔާބުކުރީ މާފަންނާއި ވިލިމާލެއެވެ. އަދި ޒޯން ދޭއްގައި ކުޅުނު މެޗުން ބ. އޭދަފުށި މޮޅުވީ ބޮޑު ތަފާތަކުންނެވެ.

ޒޯން އެކަކީ ޒޯން ފައިނަލް ކުޅޭނެ ހަމައެކަނި ޒޯނުވެސް މެއެވެ. އެ ޒޯނުގައި ހަ ޓީމަކުން ވާދަކުރާ އިރު، މެޗުތައް ކުޅުނީ ދެ ގުރޫޕަަށް ބަހާލައިގެންނެވެ. ދެ ގުރޫޕުގެ އެއްވަނަ ފައިނަލަށް ދާ އިރު، ފައިނަލުގައި ކުޅޭނެ ދެ ޓީމަށްވެސް ގަދަ 16 އިން ޖާގަ ޔަގީންވާނެއެވެ. ފައިނަލުން އެނގިގެންދާނީ ޒޯން ޗެމްޕިއަން ޓީމެވެ.

ޒޯން އެކެއްގެ ގުރޫޕް އޭ އިން ށ. ކަނޑިތީމު ފައިނަލް ޔަގީންކުރީ ކުޅުނު ދެ މެޗުންވެސް މޮޅުވެގެންނެވެ. ރޭގެ މެޗުގައި ހއ. ވައިކަރަދޫއާ ދެކޮޅަށް ނުކުތުމުގެ ކުރިން ކަނޑިތީމުން ހއ. ހޯރަފުށި ބަލިކޮށްފައި ވަނީ 5-0ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ވައިކަރަދޫ ބަލިކުރީ 6-3ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ކަނޑިތީމުގެ މުހައްމަދު ޝާން ހެޓްރިކް ހެދި އިރު، ޓީމުގެ އަނެއް ގޯލުތައް ޖަހައިދިނީ ހުސައިން ނައުޝާދާއި ކެޕްޓަން އިބްރާހީމް ނަދާދު އަދި އިބްރާހީމް ޒަމީނެވެ. މެޗުގައި ވައިކަރަދޫން ތިން ގޯލު ޖެހި އިރު، އޭގެ ތެރެއިން ދެ ގޯލު ޖަހައިދިނީ އިބްރާހީމް އަގީލެވެ. އަނެއް ގޯލު ޖެހީ އަހުމަދު ރައުޝަންއެވެ. ވައިކަރަދޫން ކަނޑިތީމު ކޮޅަށް ޖެހި ގޯލަކީ މިހާތަނަށް، މުޅި މުބާރާތުގައިވެސް ކަނޑިތީމު ކޮޅަށް ވަން ހަމައެކަނި ގޯލުތަކެވެ. އެޓީމުން އަތޮޅު ބުރާއި ޒޯން ބުރުގެ ފުރުތަމަ މެޗުވެސް ނިންމާލީ ކޮޅަށް ގޯލެއް ވައްދާ ނުލައެވެ.

ޒޯން އެކެއްގެ ގުރޫޕް ބީން ފައިނަލަށް ހއ. އިހަވަންދޫ ދިޔައީ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް މޮޅުވެގެންނެވެ. ފުރަތަމަ އިހަވަންދޫން ކުޅުނު މެޗުގައި 3-2 އިން ހދ. ނައިވައިދޫ ބަލިކޮށްފައި އޮތް އިރު، ރޭ ށ. މިލަންދޫ ކައިރީ މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ. މެޗުގައި އިހަވަންދޫގެ މުހައްމަދު ޒަޔާން ޒުހައިރު ދެ ގޯލު ޖަހައި ދިން އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ އިބްރާހީމް ހާމިދެވެ. މެޗުގައި މިލަންދޫގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ޝަނީއެވެ.

ޖުމުލަ 91 ޓީމާއެކު ފެށި މުބާރާތުގެ ޒޯން ބުރުގައި ޓީމުތައް ވާދަކުރާނީ އަށް ޒޯނަކަށެވެ. ކޮންމެ ޒޯނަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމު ފައިނަލް ބުރަށް ދާނެއެވެ. ޒޯން ބުރުގެ މެޗުތައް ނިމޭނީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭގައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. މުބާރާތުގެ ޒޯން ބުރުގެ ހަ މެޗު މިރޭވެސް އޮންނާނެއެވެ.

މުބާރާތުގައި މިރޭ އޮންނާނެ މެޗުތައް

20:15 ޅ. ހިންނަވަރު - ކ. ކާށިދޫ (ޒޯން 3)
20:15 އއ. މަތިވެރި - ކ. ގާފަރު (ޒޯން 3)

21:15 އދ. އޮމަދޫ - މ. ދިއްގަރު (ޒޯން 4)
21:15 އދ. މާމިގިލި - މ. މުލައް (ޒޯން 4)

22:15 ގއ. ކޮނޑޭ - ލ. ގަން (ޒޯން 6)
22:15 ގދ. ވާދޫ - ގއ. މާމެންދޫ (ޒޯން 6)