ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރައްވައި "ބްރޯ"އެއްގެ ލަގަބު ދިނުމަކީ ކޮންބޮޑުވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
ވައްޑެ "ވަން" އަށް އިއްޔެ ދިން އިންޓަވިއެއްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މައްސަލަތައް ފާހަގަކުރައްވައި ވިދާޅުވީ، ޗެއާޕަސަންގެ އިންތިހާބު ފަސްކުރުމާ މެދު ގޮތެއް ނިންމުމަށް މިމަހުގެ އަށް ވަނަ ދުވަހު ބޭއްވި ގައުމީ މަޖިލީހުގައި ފެނުނު މަންޒަރުތަކުގެ ސަބަބުން، އެކަންތައް ހިނގައިދިޔަ ގޮތް ބަލަން ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ޖަލްސާ ތަކުރާރުކޮށް ބާއްވަން މަސައްކަތްކުރުމުންވެސް އެކަން ނުވި ކަމަށް ވިދާޅުވިއެވެ.
"ކޯރަމް ހަމަނުވުމުގެ ސަބަބުން އެ ޖަލްސާ ބޭއްވޭ ގޮތެއް ނުވޭ. ގައުމީ މަޖިލީހުގެ މެމްބަރުންނާ ގުޅައި ނުފޫޒު އެބަ ފޯރުވާ، ނުދާށޭ އެބަ ބުނޭ. ނުފޫޒުގެ މައްސަލަތައް ބަލަން އަޅުގަނޑުމެން މަސައްކަތް މިކުރަނީ ޖަލްސާ ބާއްވައިގެން،" ވައްޑޭ ވިދާޅުވިއެވެ.
އިންތިހާބު ފަސްކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް މި މަހު ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޗެއާޕާސަން ކަމަށް އިމްތިޔާޒު ފަހުމީ (އިންތި)އާ ވާދަކުރައްވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ "އަސްލު ބްރޯއަކީ ކާކުކަން މިރޭ ސާފުވާނެ" ކަމަށް ވިދާޅުވެފައެވެ.
އެ ވާހަކަތަކާ ގުޅިގެން ވައްޑޭ ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކުރައްވައި ބްރޯއެއްގެ ލަގަބު ދިނުމަކީ ކޮންބޮޑުވާ ކަމެއް ކަމަށާއި ބާއްވަން އުޅޭ ގައުމީ މަޖިލީހުގައި އެކަންވެސް ބެލުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ އަންހެނުން ރޫހުގެ ރައީސްގެ މަގާމަށް ވާދަކުރައްވާ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ސިއްރާއި ފާޅުގައި، އެމްޑީޕީއަކީ ވަކި ބޭފުޅެއްގެ ތަރިކަ މުދަލެއް ނޫން ކަމަށާއި އަދި ބައެއް ފަހަރު ރައީސް ނަޝީދުގެ ނަން ގެންނަވައި އެމަނިކުފާނު ބޭނުންވާހާ ގޮތަކަށް ކަންތައް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ޕާޓީ ތެރެއިން ބާކީކޮށްލުމަށް މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވައްޑޭ އިތުރަށް ވިދާޅުވީ، ސަރުކާރު ކޯލިޝަން ދެމެހެއްޓުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އަދި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ޒައީމް، ރައީސް މައުމޫން އަބްދުއްގައްޔޫމްއާ މަޝްވަރާކުރެއްވި ނަމަވެސް އެފަދަ މަޝްވަރާއެއް ރައީސް ނަޝީދާ ނުކުރައްވާ ކަމަށެވެ.
"މިހާރު ކޯލިޝަން ދެމެހެއްޓުމަށް އަދާލަތު ޕާޓީގެ ރައީސް، އެމްއާރްއެމް، އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމްއާ އެބަ މަޝްވަރާކޮށް ހިޔާލު ބަދަލުކުރައްވާ. އެކަމަކު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއާ ބައްދަލުކޮށް މަޝްވަރާކޮށް ނުހައްދަވާ،" ވައްޑޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން އެންމެ ގަދަޔަށް ވަކާލާތުކުރި މާލޭ ރައްޔިތުންނަށް ގެދޮރު ދިނުމާ ގުޅޭ ގޮތުން ރައީސް ނަޝީދާ މަޝްވަރާ ކުރުމެެއްނެތި ކުއްލިއަކަށް އަޑު އިވިގެން ދިޔައީ މާލޭ ރައްޔިތުންނަށް ގޯތިދޭން ނިންމި އަޑު ކަމަށާއި މާލޭ ރައްޔިތުންނަށް ގޯތި ދިނުމަކީ އެމްޑީޕީގެ ސިޔާސަތެއް ނަމަވެސް މަޝްވަރާކޮށްފައި ނުވާ ކަމަށެވެ.