ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރައީސްކަމުން ވަކިކޮށް، އެމަނިކުފާނު ޕާޓީން ބާކީކުރުމަށް ޖާގަ ނުދެއްވާނެކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ، މާފަންނު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ކެމްޕޭނަށް ހުވަދޫ އަތޮޅުގެ ރަށަކަށް ވަޑައިގެން ވާހަކަދައްކަވަމުން އިންތި މިއަދު ވިދާޅުވީ، ރައީސް ނަޝީދަށް ބަޔަކު މީހުން ގެއްލުން ދިނުމަށް ޖާގަ ނުދެއްވާނެ ކަމަށާއި އެމަނިކުފާނު ޕާޓީން ބޭރުކުރަން ވެސް ޖާގަ ނުދެއްވާނެ ކަމަށެވެ. އަދި އޭނާ ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން އެމްޑީޕީގެ އަސްސާތައް ކުރިއަރުވައި އެ ޕާޓީ ކުރިއަރުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"މިވަރުގެ ގެއްލުމެއް ދޭކަށެއް އަޅުގަނޑުމެން ނުތިބޭނެ. މި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބޭރުކުރަން، ބާކީކުރާކަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތުން މި ޕާޓީއަށް ކުރިއެރުން ލިބޭނީ. މި ޕާޓީގެ އުސޫލުތައް، އަސާސްތައް ނެގެހެއްޓުމަށް އަޅުގަނޑު މި ޕާޓީގެ ޗެއާޕާސަންކަމުގައި ހުރެގެން ކުރާނެ ހުރިހާ މަސައްކަތެއް ކުރާނަން،" އިންތި ވިދާޅުވިއެވެ.
ރައީސް ނަޝީދު އެމްޑީޕީގެ ރައީސްކަމުން ވަކިކޮށް ޕާޓީގެ ތެރެއިން ބޭރުކުރަން ބަޔަކު މަސައްކަތްކުރަމުންދާ ކަމަށް އިންތި ވިދާޅުވިޔަސް އެއީ ކޮން ބައެއްކަން ވިދާޅެއް ނުވެއެވެ.
އިންތި ދެއްކެވި ވާހަކައިގެ ތަފްސީލުދެއްވަމުން، އޭނާގެ ކެމްޕޭނު މެނޭޖަރު އަދި ސްޕޯކްސްޕާސަން، އުނގޫފާރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) މިރޭ "ވަން" އަށް ވިދާޅުވީ، ސަރުކާރު ކޯލިޝަން ދެމެހެއްޓުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އަދާލަތު ޕާޓީގެ ރައީސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މަޖިލިސް ގާސިމް އިބްރާހީމް އަދި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ޒައީމް، ރައީސް މައުމޫން އަބްދުއްގައްޔޫމްއާ މަޝްވަރާކުރައްވާ ކަމަށެވެ. ނަމަވެސް ރައީސް ސޯލިހު، ކޯލިޝަން ދެމެހެއްޓުމުގެ ގޮތުން ކުރައްވަން ޖެހޭ މަޝްވަރާ ރައީސް ނަޝީދާ ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
"މިހާރު ކޯލިޝަން ދެމެހެއްޓުމަށް އަދާލަތު ޕާޓީގެ ރައީސް، އެމްއާރްއެމް، އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމްއާ އެބަ މަޝްވަރާކޮށް ހިޔާލު ބަދަލުކުރައްވާ. އެކަމަކު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއާ ބައްދަލުކޮށް މަޝްވަރާކޮށް ނުހައްދަވާ،" ވައްޑެ ވިދާޅުވިއެވެ.
ވެއްޑެ ވިދާޅުވީ އެމްޑީޕީން އެންމެ ގަދަޔަށް ވަކާލާތުކުރި މާލޭ ރައްޔިތުންނަށް ގެދޮރު ދިނުމާ ގުޅޭގޮތުން ރައީސް ނަޝީދާ މަޝްވަރާ ކުރުމެެއްނެތި ކުއްލިއަކަށް އަޑު އިވިގެން ދިޔައީ މާލޭ ރައްޔިތުންނަށް ގޯތިދޭން ނިންމި އަޑު ކަމަށާއި މާލޭ ރައްޔިތުންނަށް ގޯތި ދިނުމަކީ އެމްޑީޕީގެ ސިޔާސަތެއް ނަމަވެސް މަޝްވަރާކޮށްފައި ނުވާ ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މައްސަލަތައް ފާހަގަކުރައްވައި ވައްޑެ ވިދާޅުވީ، ޗެއާޕަސަންގެ އިންތިހާބު ފަސްކުރުމާ މެދު ގޮތެއް ނިންމުމަށް މިމަހުގެ އަށްވަނަ ދުވަހު ބޭއްވި ގައުމީ މަޖިލީހުގައި ފެނުނު މަންޒަރުތަކުގެ ސަބަބުން، އެކަންތައް ހިނގައިދިޔަ ގޮތް ބަލަން ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި ނަމަވެސް އެ ޖަލްސާ ތަކުރާރުކޮށް ބާއްވަން މަސައްކަތް ކުރުމުން ވެސް އެކަން ނުވި ކަމަށެވެ.
"ކޯރަމް ހަމަނުވުމުގެ ސަބަބުން އެ ޖަލްސާ ބޭއްވޭ ގޮތެއް ނުވޭ. ގައުމީ މަޖިލީހުގެ މެމްބަރުންނާ ގުޅައި ނުފޫޒު އެބަ ފޯރުވާ، ނުދާށޭ އެބަ ބުނޭ. ނުފޫޒުގެ މައްސަލަތައް ބަލަން އަޅުގަނޑުމެން މަސައްކަތް މިކުރަނީ ޖަލްސާ ބާއްވައިގެން،" ވައްޑެ ވިދާޅުވިއެވެ.
މިމަހު ބޭއްވި ގައުމީ މަޖިިލިސް ޖަލްސާގައި ވާހަކަދައްކަވަމުން ޗެއާޕާސަންކަމަށް އިންތިއާ ދެކޮޅަށް ނުކުންނަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވަނީ "އަސްލު ބްރޯ އަކީ ކާކުކަން މިރޭ ސާފުވާނެ" ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން ވައްޑެ މިރޭ ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކުރައްވައި ބްރޯއެއްގެ ލަގަބު ދިނުމަކީ ވަރަށް ކޮންބޮޑުވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ބާއްވަން އުޅޭ ގައުމީ މަޖިލީހުގައި އެކަން ވެސް ބެލުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ވައްޑެ ވިދާޅުވީ، އެމްޑީޕީގެ އަންހެނުން ރޫހުގެ ރައީސްގެ މަގާމަށް ވާދަކުރައްވާ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ސިއްރާއި ފާޅުގައި، އެމްޑީޕީއަކީ ވަކި ބޭފުޅެއްގެ ތަރިކަ މުދަލެއް ނޫން ކަމަށާއި އަދި ބައެއް ފަހަރު ރައީސް ނަޝީދުގެ ނަން ގެންނަވައި އެމަނިކުފާނު ބޭނުންވާހާ ގޮތަކަށް ކަންތައް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ޕާޓީ ތެރެއިން ބާކީކޮށްލުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
ފައްޔާޒާއި ރޮޒެއިނާ ދައްކަވާ ވާހަކަތަކުން އެމްޑީޕީގެ މެމްބަރުންގެ ހިތްތަކުގައި ރައީސް ނަޝީދު އެމްޑީޕީން ބާކީކުރަން އުޅޭ ކަހަލަ ތަސައްވަރެއް އުފެދިފައިވާ ކަމަށް ވައްޑެ ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު ޕާޓީން ބާކިވިޔަ ނުދޭނެ ކަމަށް އިންތި ވިދާޅުވީ އެހެންވެގެން ކަމަށް ވައްޑެ ވަނީ ވިދާޅުވެފައެވެ.
"ރައީސް ނަޝީދަކީ އެމްޑީޕީގެ މޫނުމަތި، އެމަނިކުފާނުގެ ބައިވެރިވުމެއްނެތި އިންތިހާބުތައް ކާމިޔާބުނުކުރެވޭނެ. އާންމު މެމްބަރުން އެބަ ބޭނުންވޭ ރައީސް ނަޝީދު ޕާޓީގައި ހުންނަވަން. ރައީސް ނަޝީދުގެ ލަފާފުޅުގެ މަތިން ކަންކަން ކުރިއަށް ގެންދިއުމަށް، ރައީސް ނަޝީދު ފަދަ މުހިންމު ބޭފުޅަކު ބާކީކޮށްލަން ވަކިބަޔަކު ބޭނުންވިޔަސް އެކަން އެގޮތަށް ނުކުރެވޭނެކަން އަންގައިދިނުމަށް އިންތި އެގޮތަށް ވިދާޅުވީ. ކަންކަން މި ދެންނެވިހެން ހުރީމަ،" ވައްޑެ ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު އަންނަ މެއި މަހުގެ 14 ގައި ބާއްވާ އިރު، ދެ ކެންޑިޑޭޓުން ވެސް އަންނަނީ ރަށްރަށަށް ވަޑައިގެން ކެމްޕޭން ކުރައްވަމުންނެވެ. މި ހަފުތާ ބަންދުގައި އިންތި ގެންދަވަނީ ހުވަދު އަތޮޅުގައި ކެމްޕޭން ކުރައްވަމުންނެވެ. އަދި ފައްޔާޒް ކެމްޕޭން ކުރައްވަނީ ބޮޑުތިލަދުންމަތީގައެވެ.
އެ އިންތިހާބުގެ ވާދެވެރިކަން ވަނީ މަޖިލީހުގެ ތަޅުމުގެ ތެރެއަށް ވެސް ވަދެފައެވެ. އިންތިގެ ޓީމުން ތުހުމަތުކުރާ ގޮތުގައި ފައްޔާޒުގެ ޓީމުން ދަނީ ސަރުކާރު ކުންފުނިތަކަށް ބިރުދައްކައި އިންތިއަށް ވޯޓު ނުލުމަށް އަންގަމުންނެވެ. އަދި އިންތިއަށް ތާއިދުކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކަމަށް ވެސް ތުހުމަތުކުރެއެވެ. ފައްޔާޒުގެ ޓީމުން އެ ހުރިހާ ތުހުމަތުތަކެއް ދޮގުކުރެއެވެ.
ދެ ކެންޑިޑޭޓުންގެ ވާދަވެރިކަން ބޮޑުވެފައިވާ އިރު، ފައްޔާޒު ނިސްބަތްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި އިންތި ނިސްބަތްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށެވެ.
އިންތިހާބުގެ ފޯރި ގަދަވެ އެއްބަޔަކު އަނެއްބަޔަކަށް ރައްދު ދެމުންގެންދާ އިރު، އޭގެ އެންމެ ކުރީގައި ރައީސް ނަޝީދު ހިމެނިވަޑައިގަންނަވައެވެ. އެމަނިކުފާނު ގެންދަވަނީ ތުހުމަތުތަކަކާއެކު ނުސީދާކޮށް ރައީސް ސޯލިހަށްވެސް ބައެއް ބަސްތައް އަމާޒު ކުރައްވަމުންނެވެ. ނަމަވެސް ރައީސް ސޯލިހު އެއްވެސް ރައްދެއް ދެއްވައިފައެއް ނުވެއެވެ.