ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ގެވެށި އަނިޔާގެ ތުހުމަތުތަކެއް އޭނާގެ ކުރީގެ އަނބިކަނބަލުން ކޮށްފިއެވެ.
ޒަރީރުގެ ކުރީގެ އަނބިކަނބަލުން ފާތިމަތު ޝަޒްރާ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ޒަރީރުއާ ކައިވެނިކޮށްގެން ހޭދަކުރެއްވި 17 އަހަރުގެ ތެރޭގައި ތަކުރާރުކޮށް ގެވެށި އަނިޔާކޮށްފައިވާ ކަމަށެވެ. އަދި ވަރިކުރި ފަހުން ޝަޒްރާގެ ދިރިއުޅުމަށް ނުފޫޒު ފޯރުވާ ހެއްދެވި ކަމަށެވެ. އެ ހުރިހާ ދުވަހެއް ވަންދެން ހިތްދަތިކަން ފޮރުވައިގެން ހުންނެވީ ކަމަށާއި އެއީ ދިރިއުޅުމުގައި ހެދުނު ވަރަށް ބޮޑު ގޯހެއް ކަމުގައި ޝަޒްރާ ވިދާޅުވިއެވެ.
"އަބަދުވެސް އެދުނީ މަނިކުފާނު ދިރިއުޅެފައި އަޅުގަނޑަށް ދިރިއުޅުނު ދޭށޭ. އެއްކޮށް އުޅުނު ދުވަސްތަކުގައި އާއިލާ މީހުން ކުރިމަތީ އާއި ރައްޓެހިން ކުރިމަތީ މަނިކުފާނު ކުރަމުން ދިޔަ ވާބަލް އަދި ފިޒިކަލް އެބިއުސް (ރޭޕް، ޑޮމެސްޓިކް ވަޔަލެންސް) މިހުރިހާ ކަމަކަށް މާފު ކުރުމަށްފަހު، އަޅުގަނޑު ދިރިއުޅެއް ފެށީ މިދުނިޔެ މިއީ ކުޑަކުޑަ ހިނދުކޮޅެއްގެ ތަނެއްކަން އެނގޭތީ" ޝަޒްރާ ވިދާޅުވިއެވެ.
ޝަޒްރާ ވިދާޅުވީ، އޭނާ އާ ދިރިއުޅުމެއް ފެށީ ރީތި ދިރިއުޅުމެއް ހޯދުމުގެ މަގުސަދުގައި ކަމަށާއި އެނބުރި ޒަރީރުގެ ހަޔާތަށް ދެން ނުދާނެ ކަމަށެވެ. ޒަރީރުގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވީ ޒަރީރުގެ އުނދަގުލާ ހެދި ކަމަށާއި ދުނިޔޭގެ އިނގިލިތަކަށް ލަދުން އަދި ޒަރީރުގެ "ސިޔާސަކަން" ދެން އެއްގޮތަކަށްވެސް "ޓޮލަރޭޓް" ނުކުރާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ޝަޒްރާ ވިދާޅުވީީ، ޒަރީރު ކުރި ކަންތައްތަކަށް މާފު ކުރުމުން ވެސް ނުވިސްނިގެން، ކެތްތެރިކަން އިމްތިހާނު ކުރަމުން ދިޔައިރު ވެސް ހިތްވަރާއެކު ކެތް ކުރީ "ކަތިވަޅި ގެއްލި، މަރިޔަނބު ގެއްލުމަކީ" ޒަރީރަށް ވަރަށް އަސަރު ކުރާނެ ކަމެއް ކަމަށް އޭނގޭތީ ކަމަށެވެ. އެހެން ނަމަވެސް މިހާރު އެހެން މީހަކާ ކައިވެނި ކުރީ ފަށްކަންޑަން ވެގެން ނޫން ކަމަށެވެ.
ކޮންމެ ދުއާއެއްގައި ޒަރީރު އޭނާގެ ދިރިއުޅުމަށް ނުލެއްވުން އެދި ދުއާ ކުރާ ކަމަށާއި ޒަރީރު ކޮށްފައި ހުރި އަނިޔާއަށް ކެތްތެރިވެގެން ކުދިންނަށްޓަކައި ދިރިއުޅެމުން އައީ އޭނާއަށް ހެދުނު ގޯހަކުން ކަމަށް ވެސް ޝަޒްރާ ވަނީ ވިދާޅުވެފައެވެ.
އެ ތުހުމަތުތަކާ ގުޅިގެން ޒަރީރު ރޭ މަޖިލިސް ލެޓާހެޑުގައި ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ، އޭނާއާ ގުޅުވައިގެން ދައްކާ ވާހަކަތަކަކީ، ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ޝަޒްރާ އާއި އޭނާގެ މިހާރުގެ ފިރިމީހާ ދިރިއުޅޭ ގެއަށް ގޮސް، އެމީހުން ގެއިން ނެރުމުން "ސީން" ބަދަލު ކޮށްލަން ވެގެން ދައްކާ ވާހަކަތަކެއް ކަމަށެވެ.
ޒަރީރު ވިދާޅުވީ، ޝަޒްރާ މިހާރު ކައިވެނި ކޮށްގެން އުޅޭ ފިރިހެން މީހާ ކުދިން އުޅޭ އެޕާޓްމެންޓްގައި ނިދަން އޭނާގެ އަންހެން ދަރިފުޅު ހިތްހަމަ ނުޖެހޭ ކަމަށާއި އެޕާޓްމެންޓްގައި ޝަޒްރާއާއި އޭނާގެ ފިރިމީހާ ނިދައި ކައިބޮއި ހަދާތާ އެތައް މަހެއް ވެއްޖެ ކަމަށެވެ. އެހެން ނަމަވެސް ހުރިހާ ހަރަދެއް ކުރަނީ އޭނާ ކަމަށް ޒަރީރު ވިދާޅުވިއެވެ.
"އިއްޔެ ހަވީރު އެންމެ ދޮށީ އަންހެން ދަރިފުޅުގެ ގައިގައި ޖަހައި އަނިޔާކޮށް ހަދާތީ ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ބޭފުޅުން ގޮސް ކުއްޖާގެ ދޮން ބައްޕަ ގެއިން ނެރެލީ. އެހެންވެ އެކަމާ ވިއްދައިގެން މުޅި ސީން އެހެން ގޮތަކަށް ބަދަލު ކޮށްލަންވެގެން ޖައްސާ ގޭމެއް." ޒަރީރު ވިދާޅުވިއެވެ.
ދަރިންގެ ހުރިހާ ހަރަދެއް ކުރަނީ އޭނާ ކަމަށާއި، ޝަޒްރާ މަސައްކަތްކުރަނީ ދަރިންނާއި ދޮންބައްޕައާ އެކުދިންގެ އަސްލު ބައްޕައަށްވުރެ ގާތް ގުޅުމެއް އުފައްދަމް ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ. ނަމަވެސް އެކަމާ އެންމެ ދޮށީ ދަރި ހިތްހަމަ ނުޖެހިގެން އެ ވާހަކަތައް ދައްކައި ހަދާ ކަމަށް ޒަރީރު ވިދާޅުވިއެވެ. ދޮންބައްޕަގެ ފަރާތުން އަސްލު ބައްޕަގެ އިހުސާސް ނުވާ ވަހަކަ ދޮށީ ދަރިފުޅު ޝަޒްރާ ކައިރީ ބުނުމުން ޝަޒްރާ އާއި އޭނާގެ ފިރިމީހާ ވެގެން ދަރިފުޅު ގައިގައި ތަޅައި އަނިޔާކުރާ ކަމަށްވެސް ޒަރީރު ވިދާޅުވެއެވެ.
އެގޮތަށް ދަރިފުޅަށް އަނިޔާކުރަން ފެށުމުން އެކަން ނުކުރުމަށް އެދުނު ކަމަށާއި ނަމަވެސް އެ ދެމަފިރިން ދިޔައީ ދަރިފުޅަށް އަނިޔާކުރަމުންކަމަށް ވުމުން އެ މައްސަލަ ފުލުހަށާއި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާނެ ކަމަށް ޒަރީރު ވިދާޅުވިއެވެ.
މީގެ އިތުރުން ޒަރީރު ވިދާޅުވީ، ޝަޒްރާ ހިއްސާ ކޮށްފައިވާ ވީޑިއޯއަކީ ވެސް މީގެ އެތައް އަހަރެއް ކުރިން ގޭގައި ހިނގާފައިވާ ޒުވަބެއްގެ އެއްބައި ލައިގެން އޭނާ ބަދުނާމު ކުރަން ވެގެން ހިއްސާ ކޮށްފައިވާ ވީޑިއޯއެއް ކަމަށާއި ހަގީގަތަކީ ޝަޒްރާ މަސައްކަތް ކުރަމުން ދިޔައީ ދަރިފުޅަށް ކުރަމުން ގެންދިޔަ އަނިޔާ ޖެންޑާގެ ސަމާލުކަމަށް ގެނައުމުން އެކަމުގެ ހަގީގަތް އޮޅުވައިލަން ކަމަށް ޒަރީރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު