ޚަބަރު

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އަޅަން ބާޖަމާލުއްދީން ހުސްކުރަން އީސީއަށް އަންގައިފި

މުހައްމަދު އިޝާން

އަރަބިއްޔާގެ ސްކޫލުގެ އާ އިމާރާތް އަޅަން ބާޖަމާލުއްދީން ހުސްކުރަން އިލެކްޝަން ކޮމިޝަން (އީސީ)އަށް އަންގައިފިއެވެ.

އީސީގެ ރައީސް ފުއާދު ތައުފީގު މިއަދު "ވަން" އަށް ވިދާޅުވީ، އެ ކޮމިޝަނުގެ އިންތިހާބާ ބެހޭ މަރުކަޒު ހިންގާ ބާޖަމާލުއްދީން ހުސްކުރަން ރައީސް އޮފީހާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ހައުސިން މިނިސްޓްރީން އެ ކޮމިޝަނަށް އަންގާފައިވާ ކަމަށާއި ހުސްކުރަން އެންގިތާ މިހާރު ދެތިން ދުވަސްވެފައިވާ ކަމަށެވެ.

ފުއާދު ވިދާޅުވީ، ބާޖަމާލުއްދީން ހުސްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެތަނުގައި ހުރި ވޯޓު ފޮށިތަކާއި ބައެއް އެހެނިހެން ސާމާނުތައް ވަގުތީ ގޮތުން އަރަބިއްޔާ މިހާރު ހިންގަމުންދާ އިމާރާތުގައި ހުންނަ ކްލާސްރޫމަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ބާޖަމާލުއްދީންގައި ހުންނަ އީސީގެ އޮފީހުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން މިހާރު މަސައްކަތްކުރަމުންދާނީ އީސީގެ މައި އޮފީހުގައި ކަމަށް ވެސް ވިދާޅުވިއެވެ.

"އެތަން ހުސްކުރަން ވަނީ އަންގާފައި. އެތަން ހުސްކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ދަނީ ކުރަމުން. ވޯޓު ފޮށިތަކާއި އޭނުން ވެސް ތަކެތި މިހާރު ގެންދަމުންދަނީ އަރަބިއްޔާ މިހާރު ހިންގާ އިމާރާތުގެ އުތުރުގައި ހުރި ކްލާސްރޫމަކަށް. މުވައްޒަފުން މަސައްކަތްކުރަމުން ދަނީ އިލެކްޝަންގެ މައި އޮފީހުގައި،" ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ބާޖަމާލުއްދީން ހުސްކުރަން އެންގީ އެތަނުގައި އަރަބިއްޔާގެ އާ އިމާރަތް އެޅުމަށް ސަރުކާރުން ކަނޑައަޅާފައިވާތީ ކަމަށާއި ބާ ޖަމާލުއްދީނުގައި އީސީން ކުރަމުންދިޔަ މަސައްކަތްކުރުމަށް އެހެން ތަނެއް ހޯދަމުން އަންނަ ކަމަށެވެ.

"މި ސަރުކާރުގެ ސިޔާސަތެއް އެތަނުގައި އާ އަރަބިއްޔާގެ އިމާރާތް އެޅުން، އެހެންވެ ހުސްކުރަން އެންގީ. ދެން އަޅުގަނޑުމުނެ މިދަނީ މިހާރު އެހެން ތަނެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން. ވީހާވެސް އަވަހަކަށް ތަނެއް ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ،" ފުއާދު ވިދާޅުވިއެވެ.

އަރަބިއްޔާ ސްކޫލުގެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބި, ތަން ބޮލަށް ވެއްޓިދާނެ ކަމުގެ ބިރު އޮތުމުން އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ނިންމީ އެ ސްކޫލުގެ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކޮށް, ހުޅުމާލޭގައި މިހާރު ހަދަމުން އަންނަ އެއް ސްކޫލު އަރަބިއްޔާއަށް ހާއްސަކުރުމަށެވެ.

ނަމަވެސް އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީގެ އެ ނިންމުމަކީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ އަރަބި އިސްލާމީ މަންހަޖުގެ ތައުލީމު ފުނޑުފުނޑުވާނެ ކަމެއް ކަމަށް ބުނެ, އެ ނިންމުމާ އެއްގޮތަށް އަމަލު ކުރެވެން ނެތް ކަމަށް ބެލެނިވެރިން ވަނީ ބުނެފައެވެ. އަދި އެކަމާ ދެކޮޅަށް އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ވަނީ އިހުޖިޖާޖު ވެސް ކޮށްފައެވެ. އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ވަގުތީގޮތުން މިހާރު ބޭނުންކުރަމުން އަންނަނީ ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތެވެ.

ބާޖަމާލުއްދީން ހުރި ގޯތި ތެރޭގައި އަރަބިއްޔާގެ އާ އިމާރާތް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ މިދިޔަ ޑިސެމްބަރު މަހުގެ 20 ގައެވެ.