ގެބޯންގެ ފޯވަޑް ޕިއޭ އެމެރިކް އޮބަމިޔާންގެ ގޯލާއެކު ނަތީޖާ އަނބުރާލައި، ބާސެލޯނާއިން ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ބާސާއިން ރޭ ރަށުން ބޭރުގައި ކުޅުނު ގަދަ 16 ގެ ދެވަނަ ލެގުގައި ގަލަޓަސަރާއީ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ސްޕެއިންގައި ދެ ޓީމުން ކުޅުނު މެޗު 0-0 އިން އެއްވަރުވެފައި އޮތުމުން، ރޭގެ ނަތީޖާއާއެކު ބާސާ ކުއާޓާއަށް ދިޔައީ 2-1 ގެ ނަތީޖައަކުންނެވެ.

މެޗުގެ ފުރަތަމަ ކޮޅުގައިވެސް ބާސާއަށް އެޓީމުގެ ޓެމްޕޯގައި ކުޅެން އުނދަގޫ ކަމެއް ކުރިމަތިވި އިރު، 28 ވަނަ މިނެޓުގައި ގަލަޓަސަރާއީން ލީޑު ނެގިއެވެ. އެޓީމަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ޑިފެންޑަރު މަރްކާއޯއެވެ. އެހެން ނަމަވެސް ހާފު ނިމެންދެން ގަލަޓަސަރާއީއަކަށް އެ ލީޑެއް ނުހިފެހެއްޓުނެވެ. މެޗުގެ 37 ވަނަ މިނެޓުގައި ބާސެލޯނާގެ ސްޕެއިން މިޑްފީލްޑަރު ޕެޑްރީ ގޮންޒާލޭސް ވަނީ ހިތްގައިމު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ބާސާއިން މެޗުގެ ދެވަނަ ގޯލު ޖެހީ 49 ވަނަ މިނެޓުގައެވެ. ރޭގެ މެޗުގައި ބާސާގެ ދެވަނަ ގޯލު ޖެހި އޮބަމިޔާން ޖެނުއަރީގައި އާސެނަލް ދޫކޮށް ބާސާއަށް ދިޔަ ފަހުން މިހާތަނަށް ވަނީ ހަތް ގޯލު ޖަހައިފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ލީޑު ނަގައި ދެން ބާސާއިން މަސައްކަތްކުރީ ބޯޅަ ހިފަހައްޓައިގެން ވަގުތު ދުއްވާލުމަށެވެ. އެކަމުގެ މާޔޫސްކަމުގައި ގަލަޓަސަރާއީގެ ސަޕޯޓަރުން ދަނޑަށް ފުޅިއާއި ޕްލާސްޓިކް ތަށި ފަދަ ތަކެތި އުކަމުންދިއުމުން ކުޑަ ވަގުތުކޮޅަކަށް މެޗު ހުއްޓާލަންވެސް ރެފްރީއަށް ޖެހިފައިވެއެވެ. ސަޕޯޓަރުން ކޮންޓްރޯލް ކުރީ ގަލަޓަސަރާއީ ކުޅުންތެރިންނެވެ.

ރޭ ކުޅުނު ޔޫރޮޕާ ލީގުގައި އަނެއް މެޗުތަކަށް ބަލާ އިރު، އެޓްލާންޓާ، ރޭންޖާސްގެ އިތުރުން ވެސްޓް ހޭމްއާއި ބްރާގާއިންވެސް ވަނީ ބާސާއާއެކު ކުއާޓާ ފައިނަލް ޔަގީން ކޮށްފައެވެ.