ކުޅިވަރު

ކުޑަހުވަދޫން ޗެމްޕިއަން ތިމަރަފުށި ހިފަހައްޓައިފި، ބިލެތްދޫ މޮޅުވީ ފަހު މިނެޓް

މުޙައްމަދު ޝަމްޢޫން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ޒޯން ފަހެއްގައި ރޭ ކުޅުނު މެޗުތަކުގައި ދ. ކުޑަހުވަދޫން އެންމެފަހުގެ ޗެމްޕިއަން ތ. ތިމަރަފުށި ހިފެހެއްޓި އިރު، ފ. ބިލެތްދޫން ފަހުވަގުތު ތ. އޮމަދޫ ބަލިކޮށްފިއެވެ.

ރޭގެ ނަތީޖާތަކާއެކު އެ ޒޯންގެ ފަހު މެޗުތައް ފެންނާނީ ފޯރިގަދަ ކޮށެވެ. ޒޯން ޗެމްޕިއަންކަމަށް މިހާރު އެންމެ ފުރުސަތު ބޮޑުކޮށް އޮތް ތ. ތިމަރަފުއްޓާއި ދ. ކުޑަހުވަދުއަށްވެސް ކޮންމެ ޓީމަކަށް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ދެން ގަދަ 16ގެ ފުރުސަތު އޮތީ ރޭ މޮޅުވި ބިލެތްދޫއަށެވެ. އެޓީމަށް ދެމެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، އޮމަދޫ އޮތީ ދެމެޗުން ޕޮއިންޓެއް ނުލިބި ކަޓައިފައެވެ.

ޒޯންގެ ފަހު މެޗުތަކުގައި ބިލެތްދޫން ތިމަރަފުށްޓާ ދެކޮޅަށް ނުކުންނަ އިރު، އަނެއް މެޗުގައި ކުޑަހުވަދޫން ނުކުންނާނީ އޮމަދުއާ ދެކޮޅަށެވެ.

ތިމަރަފުށްޓާއި ކުޑަހުވަދޫ ރޭ ކުޅުނު ފޯރިގަދަ މެޗު 2-2 އިން އެއްވަރުވި އިރު، މެޗުގެ ފުރަތަމަ މިނެޓުގައި އިބްރާހީމް އަސްވަދު (ގަބޭ) ޖެހި ގޯލުން ތިމަރަފުށި ލީޑު ނެގިއެވެ. އެ ގޯލާއެކު ތިމަރައިން ހަމަލާތައް ގިނަކޮށް ފެނުނު ނަމަވެސް އެޓީމަށް ލީޑު ފުޅާ ނުކުރިވިގެން އުޅެނިކޮށް، 17 ވަނަ މިނެޓުގައި ޝައުކަތު އަމީން ވަނީ ކުޑަހުވަދުއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި ދެ މިނެޓު ފަހުން ޝައުކަތުގެ ދެވަނަ ގޯލާއެކު ކުޑަހުވަދޫން ލީޑުވެސް ނެގިއެވެ.

ކުޑަހުވަދޫން ލީޑުގައި އޮވެ ހާފު ނިންމާލި އިރު، ދެވަނަ ހާފުގައި ތިމަރަފުށިން އެޓޭކް އިތުރުކޮށް ހަމަލާތައްވެސް ގިނަކުރިއެވެ. ގަބޭ އާއި އިބްރާހީމް ހަމްދާންގެ އިތުރުން އާދަމް ނާސިހް (އާދަންނާ) ފޮނުވާލި ބާރު ހަމަލާތައްވެސް މަތަކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކުޑަހުވަދޫގެ ގޯލްކީޕަރު އަބްދުލް މާނިއު އެވެ.

ތިމަރަފުށިން ދެވަނަ ގޯލެއް ޖެހީ މެޗުގެ 25 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ކެޕްޓަން އިބްރާހީމް ސިނާހް (ސިނާ) ކުރިއަށް ޖެހި ފޮނުވާލި ބޯޅައަކުން ވައްދާލި ގޯލެކެވެ. މެޗުގައި ތިމަރަފުށްޓަށް ދުރު ޕެނަލްޓީއެއް ލިބުނު ނަމަވެސް އާދަންނާގެ ޕެނަލްޓީ ކުޑަހުވަދޫ ގޯލްކީޕަރު މާނިއު މަތަކުރިއެވެ.

އޮމަދުއާ ދެކޮޅަށް ކުޅުނު މެޗު ބިލެތްދޫން 5-4 އިން ކާމިޔާބުކުރި އިރު، ދާދި ހަމަހަމަކޮށް ދިޔަ މެޗުގައި ބިލެތްދޫން މޮޅުވި ގޯލު ޖެހީ ފަހު މިނެޓުގައެވެ. އެ ގޯލު ޖަހައިދިނީ މުނީފް އަބްދުﷲ ނަސީރެވެ. އޭގެ އިތުރުން ބިލެތްދޫގެ ގޯލުތައް ޖަހައިދިނީ ސާމިދު އަހުމަދާއި ހަސަން އަހުމީލާއި ހުސައިން ސަހުމީލެވެ. މި މެޗުގައި ސާމިދު ދެ ގޯލު ޖެހިއެވެ.

އޮމަދޫގެ ގޯލުތައް ޖެހީ އަޒުމާން އަހުމަދާއި އަހުމަދު ނަޝްވާން އެވެ. އެއިން ކޮންމެ ކުޅުންތެރިޔަކުވެސް ވަނީ ދެ ގޯލު ޖަހައިފައެވެ.

ރޭ ޒޯން ބުރުގައި ކުޅުނު އަނެއް މެޗުތަކުން ލ. ގަމާއި ގދ. އޮމަދޫގެ އިތުރުން މ. ދިއްގަރު އަދި އދ. މާމިގިލިން ވަނީ މުހިއްމު މޮޅުތަކެއް ހޯދައިފައެވެ.

ޖުމުލަ 91 ޓީމާއެކު ފެށި މުބާރާތުގެ ޒޯން ބުރުގައި ޓީމުތައް ވާދަކުރާނީ އަށް ޒޯނަކަށެވެ. ކޮންމެ ޒޯނަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމު ފައިނަލް ބުރަށް ދާނެއެވެ. ޒޯން ބުރުގެ މެޗުތައް ނިމޭނީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭގައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. މުބާރާތުގެ ޒޯން ބުރުގެ ހަ މެޗު މިރޭވެސް އޮންނާނެއެވެ.

މިރޭ އޮންނާނެ މެޗުތައް

20:15 މާލެގަން - ސ. ފޭދޫ (ޒޯން 7)
20:15 ބ. އޭދަފުށި - ނ. ކުޑަފަރި (ޒޯން 2)

21:15 ވިލިމާލެ - ހެންވޭރު (ޒޯން 8)
21:15 ހއ. އިހަވަންދޫ - ށ. މިލަންދޫ (ޒޯން 1/ ގްރޫޕް ބީ)

22:15 މާފަންނު - ހުޅުމާލެ (ޒޯން 8)
22:15 ހދ. ވައިކަރަދޫ - ށ. ކަނޑިތީމް (ޒޯން 1/ ގްރޫޕް އޭ)