ދަރިފުޅު ގޭމް ކުޅޭތީ އެކަމާ ފަހުރުވެރިވާ ބެލެނިވެރިންވެސް މަދެއް ނޫނެވެ. ހަމައެހެންމެ އެކަމާ ކަންބޮޑުވާ މީހުންވެސް އެހާމެ ގިނައެވެ. ބައެއް ބެލެނިވެރިންނަށް ކަމަކީ ހަމައެހާ ބޮޑު ކަމަކަށް ނުވިޔަސް، އަނެއްބައި ބެލެނިވެރިން ކުއްޖާ ކުޅޭ ގޭމްތަކުން ފެށިގެން ފޯނުން ކޮށްލާ އެންމެ ކުޑަކުޑަ ކަމަށް ދާންދެން، އެނގޭ ގޮތް ހަމަޖައްސާފައި ނޫނީ ކުއްޖާ ނެޓަށް ވަދެވޭނެ ގޮތް ހަދައެއްނުދެއެވެ. މިފަދަ ބެލެނިވެރިން އެންމެ ކުޑަމިނުން ކުދިން އެއްޗެއް ހޯދަން ކުރާ ސާޗަށް ދާންދެން ހޯދައިބަލައެވެ. އަދި ހަމައެހެންމެ ކުއްޖާއަށް ބުނެދިނުމުގައާއި ހޭލުންތެރިކުރުވުގައި ބަރާބަރަށް ޒިންމާ އަދާކުރެއެވެ.
ލޮލުން ފެނި ތަޖުރިބާ ކުރެވިފަ ހުރި މަންޒަރުތައް ގިނައެވެ. ކޮންމެ ދުވަހަކު ދަރިފުޅުގެ އައިޕެޑަށް، ޓެބްލެޓަށް ނޫނީ ފޯނަށް ޕެކޭޖު އަޅައިދެނީ ގޭތެރޭގައި ބަސްއަހައިގެން ކޮޓަރިން ނުނުކުމެ އޮންނާނެތީއެވެ. ފިލާވަޅުތައް ޓީޗަރު އައިމަ ހަދާނެއެވެ. ދެން ކާލައިގެން އެނދުގައި އޮންނާނެއެވެ. ކިހާ ފަސޭހަތޯއެވެ.
"ވަރަށް މޮޅުވާނެ އިނގިރޭސިއަށް. ދިވެހިން ވާހަކަ ދައްކާކަށް ނުވެސް އެނގޭނެ. ބައެއް ފަހަރު އަޅުގަނޑަށް އެވަރަށް މޮޅަށް އިނގިރޭސި ނޭނގޭތީ ލަދުގަންނަން ޖެހޭ ފަހަރުވެސް އާދޭ." މިއީ ފަހުރުވެރިކަމާއެކު ބެލެނިވެރިޔަކު ބުނެލި ވާހަކައެކެވެ.
"ނުދާނެ ބޭރަކަށް. ބޭރަށް ދާކަށް ނުވެސް އުޅޭނެ. އޯޑަރު ދިނީމަ ކާއެއްޗެހި ލިބޭ ގޮތް ހަދާފަ ހުންނާނި. ބޭނުން އެއްޗެއް ކައިގެން ގޭމް ކުޅެން އޮންނަނީ. އޭނަގެ ބައްޕަ އޭނަ ބުނި ވައްތަރަކުން ފޯނާއި ޓެބް ހޯދައިދޭނެ ވިއްޔަ. އަނެއްހެން އެއްވެސް ކަމަކާ އެހާބޮޑަށް ކަންބޮޑު ކުރީމަ މާގޯސް ވާނީ. ބޮޑުވީމަ އަމިއްލައަށް ވިސްނިގެން ހުއްޓާލަފާނެ. އެހެންވެ އެހާ ބޮޑަށް އެކަމަކާ ނުބެހެން."
ބައެއް ފަހަރު ކުދިން ކުރާ ކަންތަކާ މާބޮޑަށް އަޅައިނުލެވުމުގެ ނަތީޖާ އެހާ ރަނގަޅު ނުވެދާނެއެވެ. ހަމައެހެންމެ ގިނަ ބެލެނިވެރިންނަކީ ކުއްޖާ ކުޅޭ ގޭމްތަކާއި އެކުއްޖާ ފޯނުން ނުވަތަ ޓެބުން ނުވަތަ އައިޕެޑުން ކުރާ ކަންތައްތައް ފިލިން ފިއްޔަށް ބަލައި އެކަމަށް ލޯހުޅުވައިގެން ތިބޭ މީހުންނެވެ. އެހެންނަމަވެސް ބައެއް ފަހަރު ކުއްޖާ ކުޅޭ ގޭމްތަކާ ބެހޭ ގޮތުން މާބޮޑަށް ނޭނގޭ ބެލެނިވެރިންވެސް އުޅެއެވެ.
ކުދިންނާއި ބެލެނިވެރިންނާ އޮންނަ ގުޅުން ރަނގަޅުވެ އެދެމެދުގައި އޮންނަ ލޯތްބާއި އިތުބާރު ބޮޑުވެ ގުޅުން ބަދަހިވާނީ ގިނަ ވަގުތު އެކީގައި އުޅެވި ދެކެވޭ ވާހަކައާއި ހިއްސާ ކުރެވޭ ކަންތައް ގިނަވެގެންނެވެ. މީގެ އަހަރުތަކެއް ކުރިން އަޅުގަނޑުމެން ކުޅެން ހުރި ތަކެތީގެ ސަބަބުން އަޅުގަނޑުމެންނާއި އާއިލާއާ ދެމެދު އޮންނަ ގުޅުމަކަށް އެއްވެސް ހީނަރުކަމެއް ނާދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިއަދުވެސް އާއިލާއަށް ބެލެނިވެރިޔާއަށް މަންމައަށް ބައްޕައަށް އަދި އެހެންވެސް ތިމާގެ މީހަކަށްވިޔަސް ކަމެއް ދިމާނުވިޔަސް ދޭތެރެއަކުން ހާލުއަހުވާލު ބަލައިލެވެއެވެ. އަދި ކަމެއް ވެއްޖެނަމަ އަަހަރެމެން ތެޅިގަންނަނީ އަމިއްލަ ހަށިގަނޑަށް ކަމެއް ވީމަ އުޅެގަންނަ ކަހަލަ ގޮތަކަށެވެ.
ނަމަވެސް މިހާރު ކުދިންގެ ކުޅޭ ސާމާނާއި ކުޅޭ ގޭމްތައްވެސް ތަފާތެވެ. އޭރު ހަދާފައި ދީފައި އޮންނަ ފޮތީގެ ނޫނީ ޕްލާސްޓިކު ބުދެއް، ކާރެއް، ސްކިޕިންރޯޕް، ހޫލާހޫޕްސް ފަދަ ތަކެތިން ވާނެ ގެއްލުމެއް ނޯވެއެވެ. ގިނަ ވަގުތު ކުޅުމަށް ހޭދަކުރަނީވެސް ގެންގުޅޭ ތަކެތި ފިޔަވައި އެހެން ކަހަލަ ކަންކަމުގެ ތެރެއިންނެވެ. ބައެއް ފަހަރު މުދައްރިސަކު ކަމަށް ހެދިގެން ކުދިންނަށް ކިޔަވައިދިނުމުގެ ކުޅިވަރު ކުޅޭނެއެވެ. ފީކޮއި ކުޅުމާ ރަންފައިލުން ކަހަލަ ކަންތައް މިހާރުގެ ކުދިންނަށް އެއްވެސް ވަރަކަށް ނުވެސް އެނގޭނެއެވެ. އަދި އެޒަމާނުގައި އެންމެ އުފާވާނީ ފޮތެއް ލިބުމުންނެވެ. އެހެން ލިބޭ ފޮތްތައް އެއްކުރަމުން ގޮސް މިނީ ލައިބްރަރީއެއް އުފެދިފައި ހުރެދާނެއެވެ. އަދި އެއީ ވަރަށް ބޮޑު ނަސީބެއްކަމަށް އަދި އެހާ އުފާވާ ކަމަކަށްވެސް މިލައިބްރަރީ ވެއެވެ.
މިހާރު އަޅުގަނޑުމެންގެ ދަރިން ނުވަތަ އަދުގެ ކުޑަކުދިން މިކަހަލަ ކަންތައްތަކާ ވަރަށްވެސް ދުރެވެ. މިފަދަ ކަމެއް ނުމެއެނގޭމެއެވެ. ނުވަތަ އެނގުނަސް އެކަހަލަ "މޮޔަ" ކަންތައް ކުއްޖާ ބޭނުމެއް ނުވާނެއެވެ. ކުޅެން ހުރި އޮންލައިން ގޭމުތަކާއި ކުޅޭ އެއްޗެއްނަމަ ދިރުން ހުންނަ ފަދައަކުން ހުންނަ ތަކެތި މިހާރު ކުޅެން ލިބެން ހުރެއެވެ. އެނޫން އެއްޗެއް ބޭނުމެއްވެސް ނުވެއެވެ. ފޮތެއް ކިޔަން ސްކޫލުން އަންގައިފިނަމަ، ހަފުތާއަކު ދެ ބުކްރިޕޯޓު ލިޔަން ޖެހިއްޖެނަމަ، އެކަމާ ހަދާނެ ގޮތް ހުސްވާ ހިސާބަށް ކަންތައް ދާފަހަރުވެސް އެބައާދެއެވެ. ދެން ޖެހެނީ އިންޓަނެޓުން ކިޔައިދީފައި ހުންނަ ވާހަކަ އެޕްލިކޭޝަންތަކުން ވާހަކަ އަޑު އެހޭނެ ގޮތް ހަދައިދޭށެވެ. ބައެއް ކުދިން އެ ބުކްރިޕޯޓު ހަދަނީ ވާހަކަ އަޑުއަހާފައި އޭގައި ހުންނަ ސަމަރީ، ނުވަތަ ހުލާސާ ކޮޕީ ކޮށްލައިގެންނެވެ. އަދިވެސް އެހެނިހެން ނުރައްކާތެރި އަމާން ނޫން ކަންތައްވެސް އޮންލައިން ކޮށް ކުޅޭ ގޭމްތަކުންނާއި އެޕްލިކޭޝަންތަކުން ދިމާވަމުންދެއެވެ.
މީގެ އަހަރެއްހައި ދުވަސް ކުރީގެ ހާދިސާއެކެވެ. ކުއްޖާގެ މަންމައަކީ ވަރަށް ޒިންމާދާރު ކޭޝިއަރެއްގެ ވަޒީފާއަދާކުރަމުން އަންނަ މީހެކެވެ. ކުއްޖާ އުޅެނީ ގޭގައި އެކަންޏެވެ. މަންމަ ވަޒީފާއަށް ދިޔައިމަ ކޮއްކޮ އޮންނާނީ ގޭމު ކުޅޭށެވެ. ހެނދުނަށް ހުޅުވާލާ ލޮލާއެކު އަތްދިއްކޮށްލާފައި ނަގާނީ ނިދެމުން ދިޔައިރު އަތުން ދޫވެގެން ވެއްޓިފައި އޮތް ފޯނެވެ. އެހިސާބުން ޔޫޓީއުބުން ވީޑިއޯތައް ބަލަމުން ގޮސް މެންދުރު ކާގަޑީގައި ކާއެއްޗެހި ގެނެސް އެނދުމަތީ އިނދެ ޔޫޓިއުބު ބަލަމުން ކެއުމުގެ ކަންތައް ކުރިއަށް ދާނެއެވެ. މިހެންގޮސް ރޭގަނޑު ނިދުން ވަރަށް ދުުރުވެފައި ހުރި ކުއްޖެކެވެ.
އެއްރެއަކު މަންމައަށް ނިދުނުފަހުން ކުއްޖާ ގޭމުކުޅެން އިން ރެއެކެވެ. ދަންވަރު ޕަބްޖީ ކުޅެން މިސޮރުގެ ގުރޫޕުގައި މިތިބެނީ ރާއްޖޭގެ ކުދިންނެވެ. އެރޭ އެގޭގައި މިސޮރުގެ ބޮޑުދައިތައަކު ޑޮކްޓަރަށް ދައްކަން މާލެއައިސް މަޑުކޮށްގެން އިނެވެ. ކުއްޖާ ދަންވަރު ފޯނުން ވާހަކަ ދައްކާތީ ބޮޑުދައިތަ ދެފަހަރަކު ބަލައިލިއެވެ. ބަލައިލާ ކޮންމެ ފަހަރަކު ކުއްޖާ ނިދާކަމަށް މަކަރުހަދައެވެ. އެހެންވެ ބޮޑުދައިތަ ކަންފަތް ހުޅުވާލައިގެން ސަމާލުވެ އޮތީ ރަޖާ ދަށުގައި ހޭލައެވެ. ކުއްޖާ ދެއްކި ހުރިހާ ވާހަކައެއް އަޑުއިވުނެވެ. މިސޮރާ އެކީ ކުޅޭނެ ކުދިން ދަންވަރާ އެހެނިހެން ބައެއް ވަގުތުތަކުގައި ނުތިބޭތީ އެހެން ތިބޭ ކުދިންނަށް ޑޭޓާ ނަގަން ފޯނަށް ލާރި ފޮނުވައިދެނީ މިސޮރުކަން އެވާހަކަތަކުން އެނގުނެވެ. އަދި މާދަމާ މަންމަ އޮފީހަށް ދާއިރު އެބުނާ ވަރަކަށް ފޮނުވާނެކަމަށް ކުއްޖާ ވައުދުވެއެވެ.
ފަތިހު ހޭލުމުގެ ރީތި އާދައިގެ ބަދަލުގައި ފަތިސްދަމަށް ނިދާފައި ހެނދުނު އެގާރަޖަހާފަހުން ހޭލަން ކޮއްކޮއަށް ހުރީ އާދަވެފައެވެ. އެދުވަހު ބޮޑުދައިތަ ސިއްރުން ފޯނު ހުޅުވައި ބެލިއިރު ކަމުދާކަށް ނެތެވެ. ކުޑަ ފިރިހެންކުދިންގެ މައްސަލަ ދެފަހަރަކު ޖެހިފައި އޮތް މަޝްހޫރު މީހަކާ ކުއްޖާ އެހާ ގާތްކޮށް ވާހަކަ ދައްކައި ފަސްސަތޭކައިން އެމީހާގެ ފޯނަށް ރީލޯޑު ކޮށްދޭއިރު މަންމައަކަށް ހިލަމެއްވެސް ނުވެއެވެ. ކޮންމެއަކަސް ބޮޑުދައިތަ އެމައްސަލަ ވާހަކަ ދައްކައިގެން ހައްލު ކުރިއެވެ. އެހެންނަމަވެސް ކުއްޖާ ގޭމަކާ ދުރެއް ނުވިއެވެ. އަދި ކުއްޖާގެ މަންމަވެސް މިއީ މާބޮޑު ކަމަކަށް ނުހަދައި ދޫކޮށްލިއެވެ. އޭގެ ފަހުން އެގޭގައި ނޫޅެވިގެން އެދައިތަ އެހެން ގެއަކަށް ބަދަލުވީއެވެ.
މިފަދަ ކިތަންމެ ކަމެއް މުޖުތަމައު ތެރޭ ހިނގަމުން ދެއެވެ. ހަމަ މީގެ އިދިކޮޅުވެސް މެއެވެ. ކުދިންގެ ކަންތަކަށް ނުހަނު ސަމާލުކަންދޭ ކުދިން ފޯނުން ކުރާ ކަންތައް ދުވަހުން ދުވަހަށް ބަލައި ހަދާ ބެލެނިވެރިންވެސް އެބަތިއްބެއެވެ.
"މާކިން އޮންލައިން ގޭމްތަކަށް ވަރަށް މޮޅުވާނެ. އެކަމަކު ފާޑުފާޑުގެ ގޭމެއް އެހެނެއް ނުކުޅެވޭނެ. މާކީގެ ދޮންބައްޕަޔަކަސް އޭނާގެ މިހާރުގެ ޑޭޑީ ބަރާބަރަށް ބަލާނެ. ރޭގަނޑު ގެއަށް އައިސް ކިތަންމެ ވަރުބަލިވެފައި ހުއްޓަސް މާކީގެ އައިޕެޑް ޗެކްކޮށް، ހިސްޓްރީ ބަލާފަ ނޫނީ ނުނިދާނެ. ރޯބްލޮކްސް ކުޅެންވެގެން ވަރު ދެއްކީމަ އެއީ ކިހާ ނުރައްކާ ކިހާ ގޯސް އެއްޗެއްކަން ދައްކާފަ ސާބިތުކޮށްދީފަ މުޅީން މަނާ ކޮށްފަ އޮންނާނީ. ޔޫޓިއުބުން އެއްވެސް ނުރަނގަޅު އެއްޗެއް ނުބެލޭނެ. ވަރަށް ސެކިއުރިޓީ ހައި ވާނެ."
ޔުމްނާ ކިޔައިދިން ގޮތުގައި ދަރިފުޅު ބައެއްފަހަރު އެހެން ކުދިން އުޅޭހެން މާ މިނިވަންކޮށް އިންޓަނެޓް ބޭނުން ނުކުރެވޭތީ ޝަކުވާ ކުރެއެވެ. ކުޑަކުއްޖަކަށް ވީމަ އެހެންވާނެކަން ގަބޫލު ކުރާކަމަށްވެސް މިމަންމަ ބުންޏެވެ. އަދި ފޫހިކަމެއް ނެތި އެފަދަ ކޮންމެ ވަގުތަކުވެސް ދަރިފުޅަށް ވިސްނައިދޭކަމަށްވެސް އޭނާ ބުންޏެވެ.
ދަރިފުޅު އޮންލައިންވެ ކުރާ ކަންތައް ބަރާބަރަށް ދެނެގަނެ، އެކަންތައް ތަޖުރިބާ ކުރާ ބެލެނިވެރިންނަށް ދަރިފުޅާމެދު ޔަގީންކަމެއް ދެވޭނެއެވެ. ދަރިފުޅު ކުޅޭ ގޭމުގެ ހެޔޮ ނުބައި އޮންނާނީ ބުނެދެވިފައެވެ. ޔޫޓިއުބުން ބަލާ އެއްޗެއްނަމަ އޭގެ ހަގީގަތް ބުނެދެވޭނެއެވެ. ހަމައެހެންމެ ކުއްޖާއަށްވެސް އޭނާގެ ފާރަވެރިކަމުގައި ވާ ރައްކާތެރިކަން އިހުސާސްވުމުން ކަންތައްތަކުގައި ކުރިއަރައިގެންދާން ފަސޭހަވާނެއެވެ. އަދި ކޮންމެކޮންމެ މީހަކު ބުނާ ވާހަކައެއް ގަބޫލުކުރުމުގެ ބަދަލުގައި އޭގެ ރަނގަޅު ނުރަނގަޅު ދެނެގަތުމުގެ ގާބިލުކަން ކުއްޖާއަށް ލިބިގެންދާނެއެވެ.
"ޔޫޓިއުބުން ވީޑިއޯތައްވެސް ސިއްމީ ބަލާނެ، ސައިންސާއި ގުރުއާނުގެ އިލްމުގެ ކުދިކުދި ކްލިޕްތައްވެސް ބަލާނެ، އަދި ހަމަ މީހަކު ދީނީވާހަކައެއް ބުންޏަސް ސިއްމީ ގަބޫލެއްވެސް ނުކުރާނެ، ހޯދައި ބަލާނެ. އެއީ އަޅުގަނޑުމެން އޭނަ ބިލްޑުކުރާ ގޮތް. އެއްޗެއް މަނާކުރުމުގެ ބަދަލުގައި އެއީ ކީއްވެގެން ރަނގަޅުނޫން އެއްޗެއްކަން ބުނެދިނުން ރަނގަޅީ. ހަމަމިވެނިކަމެއް ގޯސްވާނެއޭ، އެވެނިކަމެއް ނުކުރާށޭ ބުންޏަސް ކަމަކު ނުދާނެ. އޭރުން އެއީ ކޮންކަމެއްކަމާއި ކިހިނެއް ގޯސްވާކަމެއްކަން ދެނެގަންނަން ކިއުރިއަސް ވާނީ. ދެން ހެދޭނީ ގޯސް. އެހެންވެ ބައެއް ފަހަރު ކުދިން ނުރަނގަޅު ކަންތައް ތަޖުރިބާ ކުރަނީ އެއީ ގޯސްކަމެކޭ ބުނީމަ އެކަން ގޯސްވާގޮތް ދެނެގަންނަން. ކުއްޖާ ހޭލުންތެރިކުރުވުމަކީވެސް ޒިންމާއެއް. އަދި އެއީ ނުބައި ކަމެއްވެސް ނޫން."
މިއީ ސީނިއާ ކައުންސެލަަރަކު އޭނާގެ ސާދައަހަރުގެ އަންހެން ދަރިފުޅުގެ ތަރުބިއްޔަތު ކުރުމާ ބެހޭ ގޮތުން ކިޔައިދިން ވާހަކަތަކެކެވެ.
ތެދެކެވެ. ބައެއް ފަހަރު ކުއްޖާ ފުރާވަރަށް އަރައިގެން އަންނަ އިރު ބެލެނިވެރިންނަށްވުރެ އެހެންމީހުންނާ ގާތްކަން ބޭއްވޭ ގޮތް ވެއެވެ. އެހެންވާން ޖެހެނީ ކުއްޖާއަށް ދޭންވާވަރަށް ސަމާލުކަން ނުދެވޭތީއެވެ. ހަމައެހެންމެ ގިނަފަހަރަށް ކުއްޖާއަށް ބުނެދެވެނީ މިވެނި ކަމަކީ ގޯސްކަމެއްކަމުގައެވެ. އެކަން ގޯސްވަނީ ކިހިނެއްކަމާއި އެކަން ނުކުރުމަށް ބާރުއަޅާ ސަބަބެއް ބުނެއެއްނުދެވެއެވެ. ނަތީޖާއަކަށްވަނީ ގޯހޭ އެބުނާ ކަމެއް ކޮށްގެންވިޔަސް އެކަން ގޯސްވާ ސަބަބު ދެނެގަތުމެވެ. އިންޓަނެޓުން މިވެނި ވީޑިއޯއެއް ނުބަލާށޭ، ޓިކްޓޮކް މަނާވާނެއޭ، މިވެނި އެވެނި ގޭމެއް ނުކުޅެވޭނެއޭ، އެއީ ގޯސްކަމެކޭ، މިހެން ބުނުމާއެކު ކުއްޖާގެ ސުވާލަކަށް ވަގުތުން "އެކީއްވެ؟" މިސުވާލު ވާނެއެވެ. "އެއީ ގޯސްކަމެއް." މިވަރަކުން ކުއްޖާއަކަށް ނުފުދޭނެއެވެ. އެހެންކަމުން ކުއްޖާއަށް އެ ގޯސްވާ ސަބަބާއި އޭގެން ނުުކުންނާނެ ނަތީޖާ، އެކުއްޖެއްގެ އުމުރަކާ ގުޅޭ ގޮތުން ބުނެދިނުމަކީ އެންމެ ރަނގަޅު ގޮތެވެ.
ކުދިންނަކީ މައުސޫމު، ކުށެއްނެތް ނުވިސްނޭ ޅަސިކުނޑިތަކެއްގެ ވެރިންނެވެ. އެކުދިންނަށް ހެވާއި ނުބައި ދައްކައި މަގުހިނގުމަށް އާދަކޮށްދޭނީ ބެލެނިވެރިންނާއި މައިންބަފައިންނެވެ. ކޮންމެ ކުއްޖަކީވެސް ފިތުރަތުގެ ސާފުކަންމަތީގައި އަންނަ ކުއްޖެކެވެ. ވީއިރު ބޭނުން ގޮތަކަށް ކުއްޖާ ބައްޓަން ކުރެވޭނެ ނޫންހެއްޔެވެ؟ އަދުގެ މުޖުތަމައުން ކުށުގެ ވެށިން ގިނަ ކުޑަކުދިން ފެނުމުން ދޭހަވަނީ އަޅައިލަންވާ ވަރަށް އަޅައިނުލެވޭ ކަމެވެ. ކޮންމެވެސް އެއްދިމާއެއްގައި އިހުމާލެއް ނެތި ކުއްޖަކު އެހިސާބަކަށް ނުދާނެއެވެ.
ވަގުތުފާއިތު ނުވަނީސް ޒިންމާދާރު ހަރުދަނާ ބަޔަކަށްވަމާހެއްޔެވެ؟ ކުއްޖާ އެދޭ ކޮންމެ ކަމެއް ކޮށްދިނުމަކީ ލޯބިވުމެއް ނޫނެވެ. އެކަމަކު ކުއްޖާ ކަމެއް ބޭނުން ވުމުން އޭގެ ހެވާއިނުބައި ބުނެދީ ނަތީޖާ ބުނެދިނުމަކީ ލޯބިވުމެވެ. ހަމައެހެންމެ ހެވާއިނުބައި ބުނެދިނުމަކީ ގޯސްކަމެކޭ ނުވަތަ ރަނގަޅު ކަމެކޭ، ބުނާކަން ގޯސްވާ ސަބަބާއި ރަނގަޅުވާ ސަބަބު ބުނެދޭން ޖެހޭނެއެވެ. އޭގެ ނުރަނގަޅު ނަތީޖާއާއި ރަނގަޅު، މޮޅު ނަތީޖާވެސް ބުނެދޭންވާނެއެވެ. ކުއްޖާ ހޭލުންތެރިކުރުވުމަކީވެސް ކޮނޑުގައި އޮންނަ ޒިންމާއެކެވެ. އެކުއްޖެއްގެ އުމުރާ ގުޅޭ ގޮތުން އެކުއްޖަކަށް ކަންތައްތައް ބުނެދީ ހޭލުންތެރި ކުރުވުމަކީ ހެދިބޮޑުވަމުން އަންނަ ކުޑަކުއްޖާ ހެޔޮނުބައި ވަކިކޮށް ދެނެގަތުމުގައި ކުޅަދާނަ ކެރޭ ކުއްޖަކަށްވާނެ ކަމެކެވެ. އަމުދުން ކުރިއަށް މިއޮތީ ބަރަކާތްތެރި ރޯދަމަސްކަމުން ދަރިފުޅު މިދުވަސްތަކަށް ތައްޔާރުކޮށް ހާނުވައި މުސްތަގުބަލުގައި ރޯދަމަހުގެ ރޯދައަށް ކަމޭހިތައި ސަމާލުވާ ވަރުގެ ކުއްޖަކަށް ހެދުމަށް ހިތްވަރުކޮށްލަމާތޯއެވެ. ދަރިންނަކީ ވިދާބަބުޅާ ޖަވާހިރުތަކެކެވެ. ޖަވާހިރަށްވެސް ވިދުން އަންނާނީ ކަނޑައި ކޮށައި މަށައި އޮފް ކުރިވަރަކަށެވެ. ކުޑަކުދިން ހަރުދަނާ ކުރެވޭނީ އެކުދިންގެ ޒިންމާ އުފުލަން ތިބޭ މީހުން ފިސާރި ހަރުދަނާވެގެނެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް