ޚަބަރު

ކޮވިޑުގެ ވޭރިއަންޓް ދެނެގަންނަ ސަރުކާރުގެ ލެބޯޓަރީ މެއި މަހު ހުޅުވަނީ

އަލީ ޔާމިން

ރާއްޖޭގައި ފެތުރޭ ކޮވިޑުގެ ވޭރިއަންޓުތައް ދެނެގަތުމަށް، ޖެނެޓިކް ސީކުއެންސް (ޖެންސީ) ޓެސްޓުތައް ހެދުމަށް ސަރުކާރުން ގާއިމުކުރާ ލެބޯޓަރީ ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ގައުމާ މުހާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ރާއްޖޭގައި ފެތުރެނީ ކޮވިޑުގެ ކޮން ވޭރިއެންޓެއްތޯ ދެނެގަތުމަށް، ގަވާއިދުން ޖެނެޓިކް ސީކުއެންސް ޓެސްޓުތައް ކުރެވޭނެ ނިޒާމެއް ރާއްޖޭގައި މިހާރު ގާއިމުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި ޖެންސީ ޓެސްޓު މިހާރު ހަދަނީ ރާއްޖޭން ބޭރަށް ފޮނުވައިގެންނެވެ. އެގޮތުން ކޮންމެ ހަފުތާއަކު ސާމްޕަލްތައް ރާއްޖޭން ބޭރަށް ފޮނުވައެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން "ވަން" އަށް މިއަދު ވިދާޅުވީ، ޖެންސީ ޓެސްޓު ކުރެވޭނެ ލެބޯޓަރީއެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ގާއިމުކޮށްފައިވާ ކަމަށާއި އެ ލެެބް މެއި މަހުގެ ތެރޭގައި އޮޕަރޭޓް ކުރެވެން ފަށާނެ ކަމަށެވެ.

"އެ ލެބަށް ބޭނުންވާ މީހުން ތަމްރީންކޮށް ހުރިހާ ކަމެއް މިހާރު ނިމިފައިވަނީ،" ތަސްލީމާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ފެތުރެމުން ދަނީ އޮމިކްރޯންގެ ލުއި ވައްތަރެއް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ މިފަހުން ވިދާޅުވެފައެވެ.