ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި އައްޑޫ މީދޫ ކޯގަންނު ގަބުރުސްތާނު ދާދިފަހުން ވަނީ ހިމަނާފައެވެ. މި ފަންޑަކީ ދުނިޔޭގެ ގަދީމީ އާސާރުތައް ހިމާޔަތްކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީ ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ ޖަމާއަތެކެވެ. މި ލިސްޓުގައި ކޯގަންނު ހިމަނާފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. ކޯގަންނު ހިމެނޭހެން ދުނިޔޭގެ އާސާރީ ފަންސަވީސް ތަނެއް ލިސްޓުގައި ހިމަނާފައިވެއެވެ. ލިސްޓު އެކުލަވާލާފައިވަނީ 225 ހުށަހެޅުމެއްގެ ތެރެއިންނެވެ. ވޯލްޑް މޮނިއުމަންޓް ވޮޗް ލިސްޓުގައި ކޯގަންނު ހިމަނާފައިވާއިރު އެ ތަނުގައި ހިރިގަލުން ބިނާކޮށްފައިވާ ފަނޑިޔާރު މިސްކިތަކީ ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ލިސްޓުގައިވެސް ހިމެނުމަށް ރާއްޖެއިން ހުށައަޅާފައިވާ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ މިސްކިތެކެވެ.
ކޯގަންނަކީ ހިމާޔަތް ކުރެވިފައިވާ ގައުމީ އާސާރެކެވެ. އެދަރަޖަ ލިބިފައި ވަނީ ކޮންމެހެން ގިނަދުވަސްވީ ގަބުރުސްތާނަކަށް ވެގެނެއް ނޫނެވެ. ގަބުރުތައް ވަޅުލާ ކަށްބިން ރާއްޖޭގައި ވަރަށް ގިނައެވެ. ދުވަސްވީ ތަންތަނާއި ދުވަސްނުވާ ތަންތަނެވެ. ކޯގަންނު ޚާއްސަވާ ސަބަބަކީ ހިރިގަލުގެ މަސައްކަތުގެ ތަފާތު ދައުރުތައް ފެންނާން ހުރުމުންނެވެ. ބިސްތާނުތަކުގެ ޑިޒައިންތަކުންނެވެ. މިސްކިތްތަކުގެ އަދަދުންނެވެ. އަދި ދެކުނުގެ އަތޮޅުތައް އެބޭކަލެއްގެ ގޮވައިލެއްވުމަށް އިސްލާމްދީނަށް އެނބުރުމަށް މެދުވެރިވި ކަލޭގެފާނު ފަސްދާނުލެވިފައިވާ ތާރީޚީ ޒިޔާރަތްވެސް ކޯގަންނުގައި ހުރުމުންނެވެ. އެ ބެއިކަލަކީ މީގެ 900 އަހަރު ކުރިން އެރަށަށް ވަޑައިގެންނެވި ޔަމަނުގެ ބެއިކަލެކެވެ. ނަންފުޅަކީ ޔޫސުފު ގާދިރީއެވެ.
ކޯގަންނުގެ އެންމެ ބޮޑު އެއް އެޓްރެކްޝަނަކީ ހަތް ފޫޓަށްވުރެވެސް އުހަށް އުފުލިގެންވާ ހިރިގަލުގެ ދެ މަހާނަގަލެވެ. ރާއްޖޭގެ އެއްވެސް ތަނެއްގައި މިއަށްވުރެ ބޮޑު މަހާނަ ގަލެއް ނުހުރެއެވެ. މިއީ އެކި އެކި ހިރި ކީހައިގެން އެކި ބައިތައް ގުޅުވައިގެން ހަދާފައިވާ ގަލެއް ނޫނެވެ. ކޮންމެ ގަލެއްވެސް ހަދާފައިވަނީ ބޮޑު އެއްހިރިންނެވެ. މި ދެގައު ހުރީ އަންހެނަކަށް ނިސްބަތްވާ ބިސްތާނެއްގައެވެ. އެ ބިސްތާނަކީ ދޮންބަންޑާރައިންގެ ދެ ދަރިކަލުން ކަމުގައިވާ މުއިއްޒުއްދީނާއި ނޫރައްދީނުގެ މައިދައިތަގެ ބިސްތާނެވެ. ނަމަކީ ދޮންކަދީދާބީއެވެ. އެކަމަނާ އަވަހާރަވިތާ އަދި 300 އަހަރުވެސް ނުވެއެވެ. މިދެންނެވި ދެބެއިން ޣިޔާސުއްދީނުގެ ރަސްކަމުގައި އައްޑުއަތޮޅަށް އަރުވާލެވިފައި ތިއްބެވިއިރު ކުރެއްވި ކައިވެނިފުޅުތަކަކީއެވެ.
ކޯގަންނުގައި ދެވަނަޔަށް އެންމެ ބޮޑު އެޓްރެކްޝަނަކީ ފަނޑިޔާރު މިސްކިތާއި އެ މިސްކިތުގެ ކައިރީގައިވާ ހިރިގަލުގެ ބޮޑު މިންބަރެވެ. ފަނޑިޔާރު މިސްކިތަކީ ކޯގަންނުން މިހާރު ފެންނާން އެހެރަ ހަތަރު މިސްކިތުގެ ތެރެއިން އެންމެ އިރުދެކުނަށް ހުރި ހިރިގަލުގެ މިސްކިތެވެ. މިއީ ކަޅުތުއްކަލާގެ ރަސްކަމުގެ ފަހު ދުވަސްކޮޅުގެ ތެރޭގައި އައްޑޫ ބޮޑު ފަނޑިޔާރުތަކުރުފާނު އަރުވައިލެއްވުމުން އެތަކުރުފާނު ބިނާ ކުރެެއްވި މިސްކިތެކެވެ. ފަނޑިޔާރު މިސްކިތޭ ކިޔަނީ އެހެންވެގެންނެވެ. މިހާރު ހަތަރުސަތޭކަ އަހަރުވާން ކައިރިވަނީއެވެ. މިންބަރަކީ ފަނޑިޔާރު މިސްކިތަށްވުރެވެސް ދުވަސްވީ ތަނެކެވެ. ގާތްގަޑަކަށް އަށްސަތޭކަ އަހަރެވެ. މިންބަރު ބިނާކުރި ކަމަށް ބުނެވެނީ ފުވައްމުލަކުގެ މާވަޑިޔަކާއި އޭނާގެ ބައްޕައެވެ. ފަންޑިތަވެރިކަމަކާއި ގުޅުވައިގެން ކަމަށް ރިވާވެގެންވެއެވެ.
މަތިމަތިން ބަލާ މީހެއްގެ ލޮލުގައި ތިންވަނަޔަށް އަޅައިގަންނާނެ ތަނަކީ ކޯގަންނު މެދުޒިޔާރަތެވެ. ހަގީގަތުގައި މިއީ ކޯގަންނު ޚާއްސަވުމުގެ ސަބަބާއި ގުޅިފައިވާ ޒިޔާރަތެވެ. ކޯގަންނު ގާއިމުވެގެންވަނީ މި ޒިޔާރަތުގެ ވަށައިގެންނެވެ. މިތަނުގައި ފަސްދާނުލެވިފައިވަނީ ޔަމަނުގެ ސުލައިމާނު ގާދިރުގެ ސޫރު ގާދިރުގެ އީސާ ގާދިރުގެ ޔޫސުފް ގާދިރެވެ. ކޯގަންނުގައި އެންމެ އިހަށް ފަސްދާނުލެވުނު ބެއިކަލަކީ އެއީ ކަމަށް ވެދާނެއެވެ. ކޮންމެއަކަސް އެ ޒިޔާރަތުގެ ތެރޭގައި އިތުރު ފަސް މީހަކުވެސް ފަސްދާނުލެވިފައިވެއެވެ. ތިން ފިރިހެނުންނާއި ދެ އަންހެނުންނެވެ. ކުރީ ޒަމާނުގައި މި ޒިޔާރަތް ހުރީ ހިޔައުކޮށްފައެއް ނޫނެވެ. ބިސްތާނެއްގެ ސިފައިގައެވެ. ހިޔައުކުރެވިފައިވާ ޒިޔާރަތެއްގެ ސިފަ ގެނެސްފައިވަނީ 1950ގެ އަހަރުތަކުގައި ސުވާދީބު ވެރިކަމުގެ ޒަމާނުގަަައެވެ.
ކޯގަންނަކީ ރާއްޖޭގައިވާ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ގަބުރުސްތާނެވެ. އެހެންނަމަވެސް އެއީ ވަރަށް ފަހަކާ ހަމަޔަށް އާއްމު ގަބުރުސްތާނެއް ނޫނެވެ. އެއީ ވަގުފު ތަނެކެވެ. އެއީ މީދޫގެ ހަތް އާއިލާއެއްގެ މިލްކުވެރިކަން އޮތް ޕްރައިވެޓް ތަނެކެވެ. މިދެންނެވި ޕްރައިވެޓްކަން ކެނޑުނީ މީގެ ދުއިސައްތަ އަހަރު ކުރިން ރަށުގެ އިޖުތިމާއީ އަދި އިދާރީ ހިންގުމަށް އައި ބަދަލެއްގައި ވަގުފު ފަތް އިރައިލުމުންނެވެ. އެކަން އެހެން ހިނގިޔަސް މީގެ ހަތްދިހަ ވަރަކަށް އަހަރު ކުރިޔާ ހަމަޔަށްވެސް އެއީ އާއްމުކޮށް ރަށު އެންމެން ވަޅުލެވުނު ތަނެއް ނޫނެވެ. ކޯގަންނުގައި ވަޅުލުމަށް ވަކި ކަންތައްތަކެއް ފުރިހަމަވާން ޖެހެއެވެ. އެހެންވީމާ ކޯގަންނުގެ އިތުރަށްވެސް އެހެން އާއްމު ގަބުރުސްތާނުތައް މީދޫގައި ހުއްޓެވެ. އެތަންތަން އުވާލައި ހަމައެކަނި ކޯގަންނުގައި މީހުން ވަޅުލާންފެށީ މީގެ ހަތްދިހަ އަހަރު ކުރިން ފެށިގެންނެވެ.