ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުލަތުން ކުރާ ރިޝްވަތުގެ މައްސަލަ ސާބިތުކުރުމަށް ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހެޅި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޗެޓްލޮގްތަކާ ގުޅިގެން ހައިކޯޓުގައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ގިނަ ސުވާލުތަކެއް ދައުލަތަށް އަމާޒުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން، ކުރިމިނަލް ކޯޓުގައި މަހުލޫފުގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތު ހިފުމުގެ ދައުވާއެވެ.
އެއީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އިރު، 27 އޮގަސްޓު 2014 ގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، އެސްއޯއެފްގެ އެކައުންޓުން މަހުލޫފްގެ އެކައުންޓަށް 33،000 ޑޮލަރު، 01 ސެޕްޓެންބަރު 2014 ގައި ޖަމާކޮށް، ރިޝްވަތު ހިފާފައިވާތީ ކަމަށް ބުނެއެވެ.
ނަމަވެސް އެއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫން ކަމަށް ބުނެ އެ މައްސަލަ ކްރިމިނަލް ކޯޓުން ވަނީ ބޭރުކޮށްލައިފައެވެ.
ހައިކޯޓުގައި އިސްތިއުނާފު ކޮށްގެން ކުރިއަށްދާ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި އެއީ ކޮންކަމެއް ސާބިތުކުރަން ހުށަހެޅި ޗެޓްލޮގް ތަކެއްތޯއާއި އެތަކެތި ހުށަހެޅިތޯ ބެންޗުން ދައުލަތާ ސުވާލުކުރިއެވެ.
ޖަވާބުގައި ދައުލަތުން ބުނީ އެއީ އެ މައްސަލައިގައި ހުށަހެޅި މޯބައިލް ފޮރެންސިކް ރިޕޯޓުގެ ބައެއް ކަމަށެވެ. އެތަކެތި ހުށަހެޅީ، މަހުލޫފު ޕީޕީއެމްގެ މެމްބަރަކަށް ހުންނެވިޔަސް އެސްއީޒެޑްގެ ބިލަށް ވޯޓު ދޭން ރިޝްވަތު ނެންގެވިކަން އެ ވައިބާ މެސެޖުތަކުން ސާބިތުކޮށްދޭން ކަމަށްވެސް ދައުލަތުން ބުންޏެވެ.
ނަމަވެސް އެ ޗެޓްލޮގަކީ ދައުލަތުން ހުށަހެޅި ހެތްކެއް ނޫން ކަމަށް، މަހުލޫފުގެ ދިފާއީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވިއެވެ. އަދި މަހްލޫފް ރިޝްވަތު ނެންގެވީ އެސްއީޒެޑް ބިލްގެ ވޯޓުގެ މުގާބިލުގައި ކަން ސާބިތުކުރުމަށް، ދައުލަތުން ދައްކާފައިވަނީ، މޯބައިލް ފޮރެންސިކް ރިޕޯޓެއްގެ ވާހަކަ އެކަނި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ ޗެޓްލޮގްތަކާ ގުޅޭ ގޮތުން މަހުލޫފު ވިދާޅުވީ، އޭނާއާއި އަދީބާ ދެމެދު ކުރި އެއްވެސް މުއާމަލާތެއް އެ ވައިބާ ޗެޓް ލޮގްތަކުގައި ނެތް ކަމަށެވެ. އަދި އެ ބުނާ ޗެޓް ލޮގެއް ހުރި ފޯނެއްވެސް ނޯންނާނެ ކަމަށާއި އަދީބުގެ ފޯނުން މެސެޖު ކުރަނީ އޭނާ ނޫން ކަމަށާއި އެކަން ކުރަނީ ފުލުހުން ކަމަށް އަދީބުގެ ވަކީލެއްގ ގޮތުގައި މަސައްކަތް ކުރެއްވި އަދި މިހާރުގެ ޕީޖީ ހުސައިން ޝަމީމް ކުރިން ވިދާޅުވެފައިވާކަންވެސް މަހުލޫގު ފާހަގަކުރެއްވިއެވެ.
ދައުލަތުން މިއަދު ބުނީ ކުރީގެ ހެކިތަކާ އެކު އެ މައްސަލަ އަލުން ހުށަހެޅޭނެ ކަމަށް ހައިކޯޓުން ކަނޑައަޅަން ހުރަހެއް އޮތްކަމަަށް ގަބޫލުނުކުރާ ކަމަށެވެ.
ގިނަ ސުވާލުތަކަކަށް ފަހު އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފައެވެ. އެހެންކަމުން ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ.
އެ މައްސަލަ ބައްލަވާ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީއާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާއާއި ފަނޑިޔާރު އަލީ ސަމީރެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ފަރުހީޒާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު