ޚަބަރު

ނޫ ރާއްޖޭގެ އޯޝަން ޔޫސް ސާވޭއަށް އާއްމުންގެ ބޮޑު ތަރުހީބެއް

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ގުޅިގެން ސަރުކާރުން ހިންގާ "ނޫރާއްޖެ" ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ އޯޝަން ޔޫސް ސާވޭއަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ނޫ ރާއްޖެއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ އޯޝަން ޔޫސް ސާވޭގެ މަސައްކަތުގެ ދެބައި ކުޅަ އެއްބަޔާ ހިސާބަށް އާދެވިފައިވާ އިރު މިހާތަނަށް އެފަދަ މަސައްކަތަކަށް ލިބަފައިވާ ނުވާ ވަރުގެ ބޮޑު ތަރުހީބަކާއި ބައިވެރިވުން ލިބިފައިވާ ކަމަށެވެ. އަދި ފެށުނީއްސުރެއް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު މިހާތަނަށް 16 އަތޮޅަކުން 7500 މީހުން ރަމްޒުކޮށްދޭ 1،900 ރެސްޕޯންސް ލިބިފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

ނޫރާއްޖެއިން ބުނީ މިި ސާވޭ ކުރުމަށް ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި ނޫ ރާއްޖޭގެ 18 ފެސިލިޓޭޓަރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. އޯޝަން ޔޫސް ސާވޭއަކީ މުޖުތަމައުގެ ބައިވެރިވުމާއެކު ދިވެހިރާއްޖޭގެ މެރިން ސްޕެޝަލް ޕްލޭން އެކުލަވާލައި، ސަރުކާރުގެ ނޫ އިގްތިސާދުގެ ތެރެއިން ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތަށް އެހީތެރިވެދޭނެ ކަމެއް ކަމަށްވެސް ނޫރާއްޖޭގެ އެބަޔާނުގައި ބުނެފައިވެ އެވެ.

ނޫ ރާއްޖެ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ މި ސާވޭއަކީ ރައްޖޭގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު އޯޝަން ޔޫސް ސާވޭއެވެ. މި ސާވޭއިން މަސްވެރިންނާއި، އަމިއްލަ ފަރުދުންނާއި، ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭގޮތަށް 16 ދާއިރާއެއްގައި މަސައްކަތް ކުރާ ފަރާތްތައް، ދިވެހިރާއްޖޭގެ ކަނޑުފަޅުތައް ބޭނުން ކުރާ ގޮތް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޖަމިއްޔާތަކެއްގެ މައްޗަށް އެކުލެވިގެންވާ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ގުޅިގެން ސަރުކާރުން ކުރިއަށް ގެންދާ "ނޫ ރާއްޖެ" ޕްރޮގްރާމް އިފްތިތާހު ކުރީ 2020 ވަނަ އަހަރުގެ ޑިސެމްބަރު ގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ފިޝަރީޒް މިނިސްޓްރީގެ އިސްނެގުމުގެ ދަށުން ފަށާފައިވާ މި ޕްރޮގްރާމް ހިންގަނީ ސަރުކާރުގެ އެކި އިދާރާތަކާ ގުޅިގެންނެވެ.

2024 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް މެދުވެރިކޮށް ނޫ އިގުތިސޯދެއް ބިނާކުރުމުގައި ގުދުރަތީ ދިރުންތައް ދެމެހެއްޓޭނެ ގޮތަކަށް ސިޔާސަތުތައް އެކަށައަޅައި ކުރިއަށް ދިއުމުގައި ބޭނުންކުރާނެ، މެރިޓައިމް ސްޕަޝަލް ޕްލޭންތައް އެކުލަވައިލުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ 20 ޕަސެންޓަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުމަކީ ސަރުކާރުގެ މަގުސަދެކެވެ.