މިދިޔަ އަހަރުގެ ރޯދަމަސް ހޭދަވެގެން ދިޔައީ ބިރާއި ހާސްކަމާއި މިވަނީ ކީއްކަން ނޭނގޭ ގޮތެއްގައެވެ. ކޮވިޑު19އިގެ ހާލަތުގައި، ގިނަ ބަޔަކު ފައްސިވެ ކުއްލިނުރައްކަލުގެ ހާލަތުގެ ދުވަސްވަރު ކަމުން ރޯދަމަސް ދިޔައީ ވަރަށް ހިތްދަތި އުނދަގޫ ގޮތެއްގައެވެ. އެހެންނަމަވެސް އިރާދަކުރެއްވީތީ މިއަހަރު ރޯދަމަސް މިބައްދަލުކުރީ އަމާންކަމާއި އުފާވެރިކަމުގެ ނައުރާ ކުރަމުން ހިނިތުންވަމުންނެވެ.
ރޯދަމަހުގެ ހުސްވަގުތުތައް ހޭދަކޮށްލާނެ ގޮތުގެ ތާވަލެއް ހެދިއްޖެހެއްޔެވެ؟ ރޯދައިގެ ތަފާތު ތައްޔާރީތައް ކުރިއަށްދާއިރު މިއީވެސް މުހިންމު ދުރާލައި ތައްޔާރުވެލަން ބޭނުންތެރި ކަމެކެވެ. ރޯދަމަހަކީ އަޅުކަމުގެ ހާއްސަ މަހަކަށް ވިޔަސް ހުސްވަގުތުކޮޅެއް ނުލިބި ނުދާނެއެވެ. ހުސްވަގުތޭ މިކިޔަނީ، ދުވަހުގެ ކުރަން ޖެހޭ ހުރިހާ ކަމެއްހެން ނިމި، ގޭތެރޭގެ މަސައްކަތްތަކާއި އެހެނިހެން ހުރިހާ ކަމަކުންވެސް އަވަދިވެގެން އޮންނަ ވަގުތުކޮޅުކޮޅުގެ ވާހަކައެވެ. އާންމުކޮށް ރޯދަމަހުގެ މެންދުރު ނަމާދަށްފަހު މިފަދަ ހުސްވަގުތުކޮޅުތައް އޮންނާނެއެވެ.
މިއީ އެހާ ދިގު ގިނަ ވަގުތުތަކަކަށް ނުވިޔަސް މިވަގުތުކޮޅުތަކުގައި ތިމާއަށާއި އަދި ކުދިންނަށްވެސް ކުރެވޭނެ ވަރަށް ފައިދާ ހުރި ބޭނުންތެރި މުހިންމު ކަންތައްތައް ހުރެއެވެ. އަވަހަށް ނޯޓު ފޮތާއި ގަލަން ނޫނީ ފަންސުރުވިޔަސް، ލިޔަން ބޭނުން ކުރެވޭނެ އެއްޗެއް ހިފައިގެން ފަށްޓަވާށެވެ. އެހެންނޫނީ ފޯނުގެ ނޯޓުފޮތް ވިޔަސް ހުޅުވައިގެން ނޯޓުކުރަން ފަށްޓަމާހެއްޔެވެ؟
ރޯދަމަހު އެންމެ ފޫހިވުމާއި އެންމެ ސަމާލުކަންދޭން ޖެހޭވެސް ބަޔަކީ ގޭގައި އުޅޭ ކުޑަކުދިންނެވެ. އެހެންކަމުން އެކުދިން ދުވާލުގެ ވަގުތުގައި ރޯދައަށް ތިބޭއިރު ނަމާދުގަޑިތައް ފިޔަވައި އެހެން ގަޑި ހޭދަކުރާނެ ގޮތުގެ ތާވަލެއް އެކުދިންނާ ހިއްސާ ކޮށްލުން ވަރަށް ރަނގަޅުވާނެއެވެ. އޭރުން އެކުދިންވެސް ރޯދަމަހުގެ ދުވަސްތައް ހޭދަކުރާނީ ވަރަށް ގަޔާވެގެން، ފޫހިވުމެއްނެތި، ކުރާހިތުން ކަންތައްތައް ކުރުމުގެ ތެރޭގައެވެ. މި ފާހަގަ ކުރާ ކަންތައް ނޫނަސް ވަރަށް ގިނަ އެހެނިހެން ކަންތައްވެސް ހުންނާނެއެވެ. އަދި ހަމަ މިކަންތައްތަކުގެ ތެރޭގައި އަޅުކަމުގެ، މާނައަކީ ދީނީ ގޮތުން އަޅުކަމަކަށް ފުދޭނެ ކަހަލަ ކަންތައްވެސް ހިމެނިދާނެއެވެ. އެއީ ކޮންމެ ކަމަކަށްވެސް ކުދިން އަހުލުވެރި ކުރުވަން އެންމެ ފަސޭހަ އަދި ރަނގަޅު މޮޅު ގޮތަކީ ކޮންމެވެސް ކަހަލަ ހަރަކާތެއްގެ ތެރެއިން އެކަމެއް ކުރުވުން ކަމަށްވާތީއެވެ. އެހެންނޫނަސް މިގޮތަށް ކުރެވޭ ހަރަކާތްތަކާއި ކުޅިވަރެއްގެ ގޮތުގައި ގެންދާ ކަންތައް ކުއްޖާގެ ސިކުނޑީގައި ހަރުލަން ފަސޭހަވާނެއެވެ. ހަނދާނުގައި ބަހައްޓަން ފަސޭހަވުމުން އެކަމެއް ދަސްވުމާއި ދެނެގަތުން ވެސް ނުހަނު ފަސޭހަވީއެވެ.
މިގޮތުން ކުދިންނަށް ގުރުއާނުގައި ހާއްސަ ފާހަގައެއް ލެވިދާނެއެވެ. ގޭގެ އެންމެނާއި ވާދަކުރާ ގޮތަށް ހަތިމު ކުރުމުގެ އަޅުކަން ކުރިއަށް ގެންދެވިދާނެއެވެ. މިސާލަކަށް، ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދަށްފަހު ހެނދުނުގެ ޒިކުރުކޮށްގެން އޮންނާނީ ގުރުއާން ކިޔެވުމެވެ. އާދަވެ ކޮންމެ ނަމާދު ގަޑިއެއްގައި ކިޔަވާ ހަތަރު ސޮފްހާ ނޫނީ ކިޔަވަން ހަމަޖައްސާފައިވާ އަދަދަށް ކިޔެވުމަށްފަހު ދެން ކުރިއަށްދާނީ އަވަހަށް ހަތިމުކޮށް ދެވަނަ ހަތިމު ފެށުމަށް ކުރާ މަސައްކަތުގެ ކިޔެވުމެވެ. އަވަސްއަރުވާލައިގެން ތެޅިގެނެއް ނޫނެވެ. މަހުރަޖާއި ތަޖުވީދުގެ ހަމަތަކަށް ބަލައިގެން ރީތިނަލަ އަޑުންނެވެ. ރޯދަމަހު އެއް ހަތިމު ކުރުމަށް ކަނޑައެޅި އަޒުމުގައި ހަރުދަނާކަމާއެކު ސާބިތުވެ ހުރެގެނެވެ.
އެކަމަކު ގޭގައި އެހެން ކުދިންނާއި ބޮޑެތި މީހުންވެސް ވަގުތުތައް ހާއްސަކޮށްގެން ކިޔަވާނެއެވެ. ކުދިންނަށް މިކަހަލަ ކަމެއް ކުރެވިދާނެއެވެ. މިސާލަކަށް ހުރިހާ ކުދިން އެއްވެލައިގެން ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއްގަޑިއެއްގައި އެނގިފައިހުރި މިންވަރަކުން ގުރުއާން ކިޔެވުމުގެ ކުޑަކުޑަ މުބާރަތެއް ގޭގައި ކުރިއަށް ގެންދެވިދާނެއެވެ. މުސްހަފުން ކިޔަވަން ނުފަށާ ކުދިންނަށް އަންމަފޮތުން ކިޔަވާ ކުދިންގެ ގުރޫޕެއް، ހެދިހާނެއެވެ.
މީގެ ސަބަބުން ކުއްޖާއަށް ގުރުއާން ކިޔެވުމާއެކު ފޫހިވުމެއް ނެތި ނުހަނު ޝައުގުވެރިކަމާއެކު މިއަޅުކަންވެސް ކުރެވުނީއެވެ.
ރޯދައިގެ ސުފުރާ ކަލަންޑަރެއް ތައްޔާރުކޮށްލެވިދާނެއެވެ. އަދި ހަމައެއާއެކު 'މެސެޖު ކަލަންޑަރެއް' ތައްޔާރު ކޮށްފައި ބެހެއްޓިދާނެއެވެ. މިކަލަންޑަރުގައި ކޮންމެ ދުވަހަކަށް ހާއްސަ މެސެޖެއް ބަންދު ކުޑަކުޑަ އުރައެއްގައި ނޯޓެއްގަ ލިޔެވިފައި އޮންނާނެއެވެ. މިއީ އެހާ ބުރަ އަދި އުނދަގޫ ކަމެއް ނޫނެވެ. އޭ4 ސައިޒުގެ އަލިކުލަތަކަކުން ބޭނުން ކުލައެއް ނުވަތަ އެކިކުލައިގެ ހަތަރު ވަރަކަށް ގަނޑާއި ކުލަ ގަލަންތަކެއް ނޫނީ އާދައިގެ ގަލަމެއްވިޔަސް އެންމެ ރަނގަޅެވެ.
އެއްމިނެއްގައި 30 ކަރުދާސްކޮޅު އަދި އޭ4ގެ އެއްގަނޑުގައި ރީތި ގޮތަކަށް ރޯދަމަސް އެކަނި ވާގޮތަށް ކަލަންޑަރުގަނޑެއް ހަދާލާށެވެ! ކުރިން ކެފި 30 ކަރުދާސްކޮޅުގައި ލިޔެ ތައްޔާރު ކުރާށެވެ. ދީނީ ގޮތުން ސައްހަ މައުލޫމާތު، ސައްހަ، ތެދު ނަސޭހަތެއް ކުރުކޮށް ކޮންމެ ކަރުދާސްކޮޅެއްގައި އެކެއް ކަމަށް ލިޔެލާށެވެ. އަދި ދުވަހުގެ ޝިއާރެއްވެސް ދެވިދާނެއެވެ. މިސާލަކަށް: ތެދުވެރިކަން، އަމާނާތްތެރިކަން، އޮޅުވައިނުލުން، އިހުލާސްތެރިވުން، ދެފުށްދެގޮތް ނުވުން، މީހުންނެތް ތަންތާނގައި މީހުންގެ ވާހަކަ ނުދެއްކުން. (ޣީބަބުނުން) ޝުކުރުވެރިވުން، ޝުކުރުވެރިކަން، މިހެން ގޮސް ކިތަންމެ ކަމެއް ހިމެނިދާނެއެވެ. އަދި ކޮންމެ ކަރުދާސްކޮޅެއްގައި ދަރިފުޅަށް ކުރާ ތައުރީފެއް ހިމެނިދާނެއެވެ. "ދަރިފުޅުތީ ދުނިޔޭގެ އެންމެ ބަސްއަހާ ކިޔަމަންތެރި ކުއްޖާ"، "ދަރިފުޅުގެ މަންމަ(ނުވަތަ ބައްޕަ.ކޮންމެ ނަމެއް ޖެހިޔަސް ރަނގަޅު)އަށް ވީތީ ވަރަށް އުފާވޭ."، މިފަދަ އެތައް އިބާރާތެއް ހުންނާނެއެވެ.
ލިޔަން ޖެހޭ ބައި ލިޔެނިމުމުން ދެފަށްކޮށް އެންމެ ކުދި އުރަތަކަށް ލާށެވެ. ދެން އެކެއް ދޭއް ތަރުތީބުން ކަލަންޑަރުގެ ތާރީހުތައް ފެންނަގޮތަށް އެކަމަކު އެގޮޅީގައި ތަތްކޮށްލާށެވެ. ބޭރަށް ފެންނަން ހުރި އުރައިގެ ބޭރުގައި ރީތި މަންޒަރެއް ކުރަހާލާށެވެ. ދެން ކަލަންޑަރު ސޮފްހާ ހިތްހަމަޖެހޭ ބޭނުންވާ ގޮތަކަށް ރީތިކޮށް ހަރުކަރުދާހެއްގައި ހިއްޕާލާށެވެ. އެއަށްފަހު ރޯދައަށް ހަނދުބަލާ ރޭގައި ބަލަން ފެށޭނެ ގޮތަކަށް ދަރިފުޅަށް ފަސޭހަ ތަނެއްގައި ބަހައްޓާށެވެ. މިއީ ކޮންމެ ދުވަހަކުވެސް ފަތިހު އެނދުން ފުންމާލުމަށްފަހު އެދުވަހުގެ މެސެޖު ބަލަން ވަރަށް ކެތްތެރިކަން ކުޑަވެގެން އުޅޭ ކަހަލަ ކަމެކެވެ. އަދި ހަމައެހެންމެ މިއީ ވަރަށް ބޭނުންތެރި ނަސޭހަތްތަކެއް ލިބޭނެ ކަމަކަށްވާނެއެވެ. ހަމަ އެހެންމެ ތިމާއަށް ކޮށްފައިވާ ތައުރީފުގެ ސަބަަބުންވެސް ކުދިން ތިބޭނީ ވަރަށް އުފާވެފައެވެ. ގިނަގިނައިން ހެޔޮކަންތައް ކުރުމަށް ފޯރިހުންނާނެވެ.
ވަރަށް ގިނަ ކުޑަކުދިންނަށް ހާއްސަ ދީނީ ކުދި ވާހަކަތައް ހުންނާނެއެވެ. އިސްލާމީ ތާރީހުގެ ތެރެއިން ހަނގުރާމަވެރި ބަތަލުންގެ ވާހަކަތަކާއި ހަލީފާއިން، ނަބިއްޔާ ސައްލަﷲއަލައިހި ވަސައްލަމަގެ ސަހާބީންނާއި ދަރިކަނބަލުންގެ ވާހަކަތައްވެސް ހުންނާނެއެވެ. މިކަހަލަ ވާހަކަތަކެއް އެއްކޮށްލައިގެން ކުދިންނަށް ވަކި ގަވާއިދެއްގެ ދަށުން ކިޔައިދޭށެވެ. އަދި އެގަވާއިދުގެ ދަށުން މިސާލަކަށް ކޮންމެ ދުވަހަކުވެސް މެންދުރުފަހު ކުޑަކޮށް އަރާމުކުރަން އޮށޯވެލާ ގަޑީގެ ތެރެއިން ވާހަކަ ކިޔުމަށް ބައިގަޑިއެއްހާއިރު ހަމަޖެއްސިދާނެއެވެ. އަދި ކުދިންނަށް ރޯދަމަހާ ބެހޭގޮތުން ފޮތްތަކުން ދިރާސާ ކުރަން ދަސްކޮށްދޭށެވެ. ދެން ރޭގަނޑު ނިދުމުގެ ކުރިން ކުދިން ލައްވައި ކިޔުއްވާލާށެވެ. މިގޮތަށް ކިޔައިދޭއިރު ކުއްޖާގެ ކިބައިގައި އިސްލާމްދީނާ ބެހޭ މައުލޫމާތު ހުރިވަރު އޮޅުންފިލުވޭނެމެއެވެ.
މިއީ އުނގަންނައިދިނުމުގެ ފަސޭހަ ގޮތެކެވެ.
ސަދަގާތާ ބެހޭ ގޮތުން ކުދިންނަށް އޮތީ ބުނެދެވިފައި ހެއްޔެވެ؟ ކިޔައިނުދެވި އޮތިއްޔާ އަވަހަށް އެވާހަކަ ކިޔައިދޭށެވެ. ސޮދަގާތް ދޭން ކުރެވިދާނެ ކަންތައް ކުއްޖާއަށް ކިޔައިދޭށެވެ. ރޯދަމަހު ދަރިފުޅު ނުވަތަ ދަރިފުޅުމެނަށް މީހުންނަށް އެހީތެރިވެ ސޮދަގާތް ދިނުމަށް ކަންތައް ކުރެވޭނެ ގޮތެއް ނުވަތަ ގޮތްތަކެއް ހޯދާފައި ކުދިންނަށް އެގޮތް ދަސްކޮށްދޭށެވެ. މިއީ އަދި ކުޑަކުދިންވީމަ މިކުދިން އަތަކު ސޮދަގާތެއް ދޭނެ ފައިސާއެއް ނުހުންނާނެއެވެ. އެހެންނަމަވެސް ކުއްޖާ މިކަމަށް އާދަކުރުވުމަށް ކޮންމެވެސް ވަރެއްގެ ފައިސާކޮޅެއް ދެވިދާނެއެވެ. ސޮދަގާތް ދޭނެގޮތާއި ކަންތައް ކުރަން ޖެހޭނެ ގޮތްވެސް ކިޔައިދެވިދާނެއެވެ. އެއަށްފަހު ރޯދަމަހު ކުއްޖާ ލައްވައި މީހުންނަށް ސަދަގާތްދީ އެކަމަށް އެހީތެރިވެވިދާނެއެވެ. މިގޮތުން ދަރިފުޅަށް ސަދަގާތް ދިނުމާބެހާގޮތުން އެނގުމުގެ އިތުރަށް ރޯދައިގެ ބަރަކާތް އިތުރަށް ލިބުމަށް މަގުފަހިވެގެންދާނެއެވެ.
ކުދިން ފޫހިފިލުވުމުގެ އިތުރަށް ފައިދާ ކުރުވަނިވި އުފެއްދުންތެރި ކަމެއް ކުރުމަށް ކުރެވިދާނެ އެހެން ކަންތައްތަކަކަށް ބަލައިލަމާހެއްޔެވެ. މިއީ 90އިގެ ފަހުކޮޅު އަހަރުތަކުގައި އޭރުގެ ކުޑަކުދިންނަށް މައިންބަފައިންނާއި ބެލެނިވެރިން އަދި ދޮށްޓަށް ތިބޭ އާއިލީ މެންބަރުން ރޯދަމަހު ކޮށްދޭ ކަންތައްތަކެވެ. ގޭގެއަށް އަލަށް އައިސް އަލަމާރި ލިބިގެން އުޅުނު ދުވަސްވަރެވެ. ގޭގޭގައި މައިލޯއާއި ކިރު އަދި ފާޑުފަޑުގެ ގަނޑު ޗޮކްލެޓް ހުރެއެވެ. އައިސްކްރީމް ޕައުޑަރުވެސް ހުރެއެވެ.
ޒަމާން ބަދަލުވެ ނުހަނު ތަރައްގީވެފައިވާ މިޒަމާނުގައި އިހުގައި އޮންނަ ކަންތައްތަކެއް އެއްވެސް ވަރަކަށް މިހާރަކު ނުފެނެއެވެ. އެހެންނަމަވެސް އެއްބައިވަންތަކަމާއި ގުޅުން ބަދަހި ކުރުމުގެ އާދަތައް އާލާކުރުމަށް މަސައްކަތްކުރެވިދާނެއެވެ. އަދި ހަމަ އެހެންމެ ރޯދަމަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހުރިހާ ގޮތަކުންވެސް އެންމެ ފުރިހަމަ އެންމެ ހިތްހަމަޖެހޭ ގޮތަށް ހޭދަކޮށްލެވުނު މަހަށް ހަދަން މަސައްކަތް ކުރެވިދާނެއެވެ. މިހާރު ރޯދަމަސް އަހަރެމެންނާ ބައްދަލުކުރުމަށް ބާކީ އޮތް މަދު ދުވަސްކޮޅުގައި އަވަހަށް ގޮތެއް ނިންމާށެވެ. މިރޯދަމަސް އެހެން ހުރިހާ އަހަރުތަކަށްވުރެ ރަނގަޅު ކުރެވޭނީ ހިތްވަރު ހުރެގެންނެވެ. މަސައްކަތް ކޮށްފިނަމަ ނުވާނެ އެއްކަމެއްވެސް ނޯންނާނެ، އެހެންނޫންހެއްޔެވެ!
ރޯދަ 2022
ރޯދަ 2022
ރޯދަ 2022