ހަމަކަަވަރުން ކީރިތި ގުރުއާން ބާވައިލެއްވީ ލައިލަތުލް ގަދްރި ވިލޭރޭ ކަމަށާއި ލައިލަތުލް ގަދުރި ވިލޭރެއަކީ 1000 މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއް ކަމަށް، ކީރިތި ގުރުއާންގެ އަލްގަދުރު ސޫރަތުގައި މާތް ﷲ ވަހީ ކުރައްވާފައިވެއެވެ.

އެހެންކަމުން އެ ރޭގެ މާތްކަން ލިބިގަތުމަށްޓަކައި ރަމަޟާންމަހު އަޅުގަނޑުމެން ގަދައަޅާ މަސައްކަތްކުރަން ޖެހެއެވެ. އެކަމަށްޓަކައި ފަރުޟު ކަންތައްތައް އަދާކުރުމުގެ އިތުރުން ސުންނަތް ކަންތައްތައް އިތުރުކުރަންވެސް އަޅުގަނޑުމެން މަސައްކަތްކުރަންޖެހެއެވެ.

ލައިލަތުލް ގަދުރި ވިލޭރެއަކީ ކަނޑައެޅިގެން ވަކި ރެއެއްކަން ބަޔާންވެ އެނގެން އޮތް ރެއެއް ނޫނެވެ. އެއީ ކޮން ރެއެއްކަމާ މެދުގައި އިލްމުވެރިން ވަނީ ހިޔާލު ތަފާތުވެފައެވެ. ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި އެއީ ރަމަޟާން މަހުގެ 27 ވިލޭރެއެވެ. އަނެއްބައި އިލްމުވެރިން ވިދާޅުވަނީ އެއީ ރަމަޟާން މަހުގެ ފަހުދިހައިގެ ރޭތަކުގެ ތެރެއިން އޮނަހިރި ރެއެެއް ކަމަށެވެ. އެގޮތަށް ތަފާތު ރިވާއަތްތައް އައިސްފައިވެއެވެ.

ނަމަވެސް އަޅުގަނޑުމެނަށް އޮތީ މަސައްކަތްކުރުމެވެ. ރަމަޟާން މަހުގެ ކޮންމެ ރެއަކުވެސް ގަދައަޅާ މަސައްކަތް ކުރާނަަމަ ލައިލަތުލް ގަދުރި ވިލޭރޭ އެމީހަކަށް ލިބޭނެ ކަމަކީ ޝައްކެއްއޮތް ކަމެއް ނޫނެވެ. ލައިލަތުލް ގަދުރި ވިލޭރޭގެ އަޅުކަން އެމީހަކަށް ލިބިއްޖެ ނަމަ، އިލްމުވެރިން ވިދާޅުވަނީ އެމީހެއްގެ އުމުން 83 އަހަރު އަޅުކަންކުރިހާ ސަވާބު އެމީހަކަށް ލިބިގެންދާނެ ކަމަށެވެ. އެއީ އެ ރެއަކީ 1000 މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއަކަށްވާތީއެވެ.

އަޅުގަނޑުމެން މި އުއްމަތުގެ މީހުންގެ އުމުރަކީ ވަރަށް ކުރު އުމުރެކެވެ. އާންމުކޮށް އެއީ ގާތްގަނޑަކަށް 80 އަހަރާއި 70 އަހަރާ ދެމެދެވެ. ނަމަވެސް އިސްވެދިޔަ އުއްމަތްތަކުގެ ބޭބޭކަލުންގެ އުމުރު ވަރަށް ދިގުކަން އެނގެން އޮވެއެވެ. އެގޮތުން ނޫހުގެފާނުގެ އުމުރުގެ ވާހަކަ ކީރިތި ގުރުއާނުގައި އައިސްފައިވާ އިރު، އެކަލޭގެފާނު ހަމައެކަނި ދީނަށް ގޮވާލެއްވުމަށް 950 އަހަރު ހޭދަކުރެއްވި ކަމަށްވެއެވެ.

އިސްވެދިޔަ އުއްމަތްތަކުގެ ބޭކަލުންގެ އުމުރު އެހާ ދިގުވެފައި މި އުއްމަތުގެ މީހުންގެ އުމުރު ކުރުވި ނަމަވެސް ﷲ ސުބުހާނަހޫ ވަތައާލާ މިވަނީ ފުރުސަތު ތަކެއް ދެއްވައިފައެވެ. އެގޮތުން ލައިލަތުލް ގަދުރި ވިލޭރެއަކީ އެފަދަ ފުރުސަތެކެވެ. ރަމަޟާން މަހަކީ އެފަދަ ފުރުސަތެކެވެ.

އެހެންކަމުން އަޅުގަނޑުމެން ގަދައަޅާ ހެޔޮ އަމަލުތައް ކުރަންވީއެވެ. ދުއާކޮށް، ޒިކުރުކޮށް، ﷲ އަށް ހަމްދުކޮށް، ފާފަ ފުއްސެވުމަށް އެދި ގިނަގިނައިން ދަންނަވަންވީއެވެ. އެހެން މީހުންނަށް ހެޔޮ ފޯރުކޮށްދީ، ގާތްތިމާގެ ގުޅުން ދަމަހައްޓައި، ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަކުގައި މިމައްސަރުގެ މާތްކަމާއި މަތިވެރިކަން ހޯދައި ލައިލަތުލް ގަދުރި ވިލޭރޭގެ ދަރުމައާއި ސަވާބު ހޯދުމަށް މަސައްކަތްކުރަންވީއެވެ.

ދުއާއަކީ އަޅުގަނޑުމެން އެންމެނަށްވެސް ހެޔޮ އަމަލު ކުރުމުގެ ތައުފީގު ދެއްވައި، ދުނިޔެ އާއި އާހިރަތުގެ މަތިވެރި ދަރުމަ އާއި ސަވާބު މިމްވަރު ކުރެއްވުމެވެ.

މެސެޖު ދެއްވީ: ޑރ. އަނާރާ ނައީމް / އިލްމު އިންސްޓިޓިއުޓް

  • "ރޯދައިގެ މެސެޖް" އަކީ މި ބަރަކާތްތެރި ރޯދަމަހުގެ ކޮންމެ ދުވަހަކު ހަވީރު 6:00 ގައި ވަން މީޑިއާ ގުރޫޕުގެ ޑިޖިޓަލް ޓީވީ، ވަން ޕްލަސް އިން ގެނެސްދޭ ނަސޭހަތުގެ ބަސްކޮޅެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ވަން މީޑިއާ ގުރޫޕާއި އިލްމު އިންސްޓިޓިއުޓް ގުޅިގެންނެވެ.