ވާހަކަ

ކުރުވާހަކަ: ރަނިންގެ ވެޔޮ

މާކުރިއްސުރެ އިވޭ ވާހަކައެކެވެ. ކޯއްޓެއާއި ކަންމަތީފަންނަށް ދާ މަގުމަތީގައި އޮންނަ ދުއްވާ ފެންގަނޑެއްގެ ވާހަކައެވެ. އެތަނުން ޕަރީން ފެނެޔޯލައެވެ. އަމުދުން އެރަނިން ހިނައިގަންނަން ފެންގަނޑަށް ފައިބާ ގަޑިއާ ދިމާވެއްޖެއްޔާ އެމީހެއްގެ ޒަމާން ދިޔައީޔޯލައެވެ. ކުޑައިރުގެ މިހަނދާން، ބޮޑުވެ ކިޔެވުންނިމި ވަޒީފާގެ މާހައުލަށް ނުކުތްއިރުވެސް ސިކުނޑީގައި ފާޑަކަށް ހަރުލައިފައި ހުއްޓެވެ. ކުއްލިއަކަށް ހަނދާން އާވީ ރައްޓެއްސަކު ފޭސްބުކުގައި ޝެއާކޮށްލި ޕޯސްޓަކާއެކުގައެވެ.

"އައްޑޫގެ ނަލަކަން، ރަނިންގެ ވެޔޮ. ދުއްވާ ފެންގަނޑުން."

ނޫނެކެވެ. ލާފައި ހުރި ފޮޓޯގަނޑު ކިތަންމެހާވެސް ހިތްގައިމެވެ. ތަނާމެދު މާބޮޑަށްވެސް ޝައުގު އިތުރުވެއްޖެއެވެ. ވީހާވެސް އަވަހަކަށް ދަތުރެއް ތައްޔާރު ކުރެވޭތޯ ރާއިދު ހުޅުވާލީ އޭނާގެ ހާއްސަ ތާވަލުފޮތެވެ. އަހަރުގެ ދުވަސްތަކާއި ވަގުތުތަކުގެ ތެރެއިން ރާއިދަށް ބަންދު ދުވަހެއް ފެނުނީ އިރުކޮޅެއްވީފަހުންނެވެ. އޮފީހުން ޗުއްޓީއެއް ލިބުނަސް އަދި އަނބިމީހާ ރުއްސަން ޖެހޭނެއެވެ. އެންމެ އުނދަގޫ ވާނެ މައްސަލައަކީ އެއީކަން މާކުރިންވެސް ރާއިދަށް އޮތީ ވިސްނިފައެވެ.

"ރާއިދު މޮޔަވީތަ؟ އެކަނިމާއެކަނި ކެމެރާގަނޑު ހިފައިގެން ގޮސް އެކުޅި ކައިރީގައި ޖަގަހަ ހެދިޔޭ ކިޔާފަ ތިބުނާ ޕަރީންތަކެއް ނާންނާނެ... އެހެންނެއް ނޫން.. މަދިރިއާއި ރޫހާނީ އެހެން އެއްޗެހި ފެނިދާނެ. އެކަމަކު ކެމެރާއަކަށް ނާރާނެ. ރާއިދާ އަވަލަފާނެ."

ޒޭބާ ރުޅިއައިސްގެން ދެއްކި ވާހަކަތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ރާއިދު އަވަހަށް ދަތުރަށް ފުރުމަށްޓަކައި ތައްޔާރުވާންފެށިއެވެ. އޮފީހުގެ ހުރިހާ ކަމަކުން އަވަދިވެގެން އަތްމަތީ ސާމާނު ދަބަހަށް އަޅަން ފަށާފައި އިހަށް ދުއްވައިގަތީ ކެމެރާގައި ބެޓްރީ ނުހުންނާނެކަމާއި އިތުރު ބެޓްރިވެސް ބޭނުންވާނެ ހަނދާން ވުމުންނެވެ. ފިހާރައަށް ގޮސްފައި އެނބުރި އައިއިރު އެނދުމަތީގައި ފާޑަކަށް ގުޅަކޮށްލާފައި ބެހެއްޓި ހެދުންތަކެއް ނެތެވެ. ހައިރާންވެފައި އަދި ނުރުހިފައި ހުރެ ޒޭބާއަށް ގޮވާލަން ކަމަށް ހީކޮށްލި ވަގުތު ބޮޑުކޮޓަރި ތެރެއަށް ނުކުތް ޒޭބާގެ އަތުގައި އޮތް ދަބަސް ފެނިފައި "ތިޔޯ"އޭ އަހާލެވުނެވެ.

ޒޭބާގެ އަތުގައި އޮތީ އާ ދަބަހެކެވެ. ހެޔޮވަރުގެ އެންމެ ބޭނުންވާ ވަރުގެ ދަބަހެކެވެ. ޒޭބާގެ ގައިގައި ހުންނަ އެންމެ ކަމުދާ ސިފަޔަކީ މިއީއެވެ. ކޮންމެ އެއްޗެކޭ ބުނެ ދެކޮޅު ހަދަހަހާފަވެސް މިކަހަލަ ކަންތަކުގައި އަބަދުވެސް އެހީތެރިވެދޭނެއެވެ.

ފުރާގަޑި ގާތްވަމުން އަންނާތީ ޒޭބާއާ ސަލާންކޮށްލައިފައި ދޮރުމައްޗަށް ހުއްޓާލި ޓެކްސީއަށް އެރިވަގުތު ރާއިދުގެ އަތުގައި ޒޭބާ ހިފައިލިއެވެ. ކޮންމެވެސް ބޮޑު ވާހަކައެއް ބުނަން ބޭނުންވެފައިވާ ކަހަލަ ގޮތަކަށް ރާއިދަށް ބަލަހައްޓައިގެން ހުރި ޒޭބާގެ އަތްތިލައަށް މަޑުމަޑުން ފިތާލުމަށްފަހު ރާއިދު ޒޭބާގެ އަތުން ދަބަސް އަތުލިއެވެ. އަދި ނިއްކުރީގައި ބޮސްދިނުމަށްފަހު އަވަހަށް ކޮޓަރިން ނުކުންނަން އެނބުރިލިއެވެ.

"އޭތް... ބަލައިގެން އުޅޭނީ... މާ ދަންވަރާއި އިރާކޮޅު އެތަންތަނަށް ނުދައްޗޭ..."

ފަހުވަގުތުގައި ވެސް ޒޭބާ ރާއިދަށް ހަނދާންކޮށްދިނެވެ.

އައްޑޫއަށް ގޮސް ހުރުމަށް ހަމަޖެހުނު ރަށާއި އެރަށުން ކޮޓަރި، ލިބުނީ ރާއިދު ބޭނުންވާ ހިސާބުން އެންމެ ރަނގަޅު ސަރަހައްދަކުންނެވެ. ހިތަދޫގެ އޮޑައްސައު ކިޔާ އަވަށުގެ މެދުތެރެއިންނެވެ. މާދުރަށް ދަތުރު ނުކޮށް ކޯއްޓެއާއި ކަންމަތީ ފަންނާއި ކޯހެރެއަށް ދާ ތިންއަނގޮޅިއާ ވާ ހިސާބުން އެފެންގަނޑާ ހަމައަށް ދެވޭނެއެވެ. އެހެންކަމުުން ރާއިދު ކުރާން އައި ކަންތަކަށް މަގުފަހިވާނެކަމުގެ ޔަގީންކަން އޭނާއަށް ލިބުނެވެ.

އިތުރަށް އެންމެ ދުވަހެއްވެސް އިސްރާފުކޮށް ބޭކާރުކޮށްނުލައި، ރާއިދު ނިންމީ ހަމަ އެދުވަހުން އެދުވަހަށް ފޮޓޯ ނަގައި އެކުޅީގެ ހަގީގަތް އަމިއްލަ ލޮލުން ދުށުމަށެވެ. ނަސީބު ރަނގަޅު ކަމުން އެހިސާބަށް އޭނާއާއެކު ދާނެ ކުއްޖަކުވެސް އެގެއިން ލިބުނެވެ. އަނގަގަދަ، ފިސާރި މަޖާ، ހަލުވި މަންޖެއެކެވެ. ގާތްގަނޑަކަށް ސާދަވަރަކަށް އަހަރުގެ ޒައިނަބަކީ ހަމަރަނގަޅަށްވެސް ރަށްފުށުގެ، އެހެނަސް ވަލުތެރޭގައާއި އަވަށުތެރޭގެ ކަންތައްތަކަށް ލޯ ހުޅުވިފައި އިން މަންޖެއެކެވެ.

ކެމެރާ ހެޔޮވަރުކޮށްލައިގެން ކޮނޑުގައި އަޅުވާލައިގެން ޒައިނަބާއެކު ރާއިދު ހިނގާފައި ދިޔައީ ވަލުތެރެއިން ލާފައި އެދިމާއަށް ދާން އޮންނަ މަގުތަކުންނެވެ. ކޯއްޓެއަށް، ކޯހެރެއަށް އަދި ކަންމަތީފަންނަށްވެސް ދާން އޮންނަ ހަނިމަގަށް ނުކުމެވޭނީ އެއްކަލަ ކުޅި ހުރަސްކޮށް ގޮސްކަމުން ރާއިދު ހުރީ އެހިސާބަށް ދެވުމުން ރަނގަޅަށް ސުވާލުކުރަން ވަރަށް ތައްޔާރުވެގެންނެވެ. އެދިޔަ މަގުމަތީގައިވެސް މަގުތަކުގެ މަންޒަރުތައް ކެމެރާއަށް ދިޔައީ ނެގެމުންނެވެ.

ފެންގަނޑާ އަރައި ހަމަވުމުގެ ކުރިން ޗަކަފާޑަަކަށް އޮތް ކުޑަކުޅިއަކާ ދިމާވެއްޖެއެވެ. މޭސްތިރިއަކަށް ހުރި ޒައިނަބު ގާތު އެއީ ކޮން ކުޅިއެއްތޯ އަހައިލުމުގެ ކުރިން ޖަވާބު ދިނެވެ. ޒައިނަބު ބުނި ޖުމުލައާކު ރާއިދަށް ޕަކަޕަކަ އަޅާފައި ހީނގަނެވުނެވެ. ޕަރީން ފެންވަރާ ފެންގަނޑުގެ ކުރިއަށް މިއޮތީ ޖިންނީންނާއި ހަންޑިން ފެންވަރާ ތަނެވެ. ހާދަހާވާ މަޖާ ވާހަކައެކެވެ. ރާއިދުގެ މިމަލާމާތުން ޒައިނަބު ރުޅި އަތުވެއްޖެއެވެ. އަދި ދުވަސްވީ ހަރުމީހެއްފަދައިން މީގެ ހަމަކުޑަ ދުވަސްކޮޅެއް ކުރިން ރަށުގެ މީހަކަށް ދިމާވި ވާހަކައެއް ކިޔައިދިނެވެ.

ކަޅުބޭބެއަކީ އާންމުކޮށް ވަލަށް އަންނަން ޖެހޭ މީހެކެވެ. ވާރަށް ލިޔެފައި އޮންނަ ތަންތަން ބެލެހެއްޓުމުގެ އިތުރަށް ކަޅުބޭބެ ކޯއްޓެ ބަލަހައްޓަންވެސް ޖެހެއެވެ. މިގޮތަށް ރޭގަނޑު ވަރަށް ދަންވާފަހުންވެސް މަސައްކަތުގައި އުޅޭކަމަށްވެއެވެ. ކަޅުބޭބެ އާންމުކޮށް އުޅޭ ހިސާބަކީ ކަންމަތީފަންނަށް ނުކުންނަ ތާނގައި ހުންނަ ފަންޖިފުޓިގަނޑެވެ. އެތަނުގައި ރޯނުފުރި އެނދަކާއި ވަޅެއްވެސް ހުރެއެވެ. ކަޅުބޭބެ އެ ދުވަހު ހަވީރު އަސުރުން ފައިބައިގެން ދިޔަ ގޮތަށް ގެއަށް ނައިސްގެން އެރޭ ފަތިސްވީއިރުވެސް ހަބަރެއް ނުވުމުން ގެއިން ބަޔަކު ބުނެގެން އެއަވަށުގެ ބަޔަކު އެހިސާބަށް ގޮސް ބެލިއިރު ކަޅުބޭބެ އެގެގަނޑުގައި ފެންނާކަށް ނެތެވެ. ހިސާބުގަނޑު ބަލަމުން ދަނިކޮށް ފެނުނީ ފެހިކުލައިގެ ކުޅިއާދިމާލުން ގަސްތަކުގެ ތެރޭގައި ކަޅުބޭބެ ހޭނެތިފައި އޮއްވައެވެ.

އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ބޭބެގެ ހާލު ރަގަޅެއް ނުވެއެވެ. އެބޭގެ އެއްފަޅި ހުރީ ފާޑަކަށް ފިހިފައެވެ. ހީވަނީ އަލިފާން ހިފައި އަނދާފައި ހުރީ ހެނެވެ. އެކަަމަކު ފޮޅުނަގައި މިފަދަ އެއްވެސް ކަމެއް ވެފައެއް ނެތެވެ. އެބެއަށް ޖެހިގެން އުޅޭ ކަންވެރިކަން ދެނެގަންނަން ފުރަތަމަ ފަސޭހައެއް ނުވިއެވެ. ހޭއެރީއްސުރެ އެބޭ އުޅެނީ މުޅިން އެހެން ދުނިޔެއެއްގައެވެ. ހީވަނީ ބޮޑު އާއިލާއެއް ގޮވައިގެން އުޅޭ ހެނެވެ. އަނބި ނިޔާވެފައި ހުރި ކަޅުބޭބެ މިހާރު އުޅޭ ގޮތުން ބައެއް މީހުން ހާސްވެ ބިރުވެސް ގަނެއެވެ. ރަށުން ޑޮކްޓަރީ ފަރުވާ ދިނުމުގެ އިތުރަށް ކިޔެވެލި ކިޔަވައި ފަންޑިތަބެއެއްވެސް ގެނެވުނެވެ، މުދިންބެ ބުނިގޮތުގައި ފާލުތަކުން ދައްކާ ގޮތުގައި ކަޅުބޭބެ އެރޭ އެފެންގަނޑު ކައިރީ އުޅުނު އުޅުމުގެ ތެރޭ ރަނިން ފެންގަނޑަށް ފޭބިތަން ފެނުނީއެވެ. އެރެއަށް ކަޅުބޭބެ ފާރަލާތާ ކިތަންމެ ދުވަހެއްވިފަހުން މަންޒަރު ފެނުމުން އެމަންޒަރު ބަލަން ގަސްގަނޑު ތެރޭގައި އިނދެވުނީއެވެ. އެހެން އިންދައި އެތަނުން ރަންޏަކަށް ކަޅުބޭބެގެ ނަޒަރު އެމީހުންނާ ދިމާއަށް ހުރިކަން އެނގުނީއެވެ. ރަންޏަށް ކަޅުބޭބެއަށް ހަނާ އަޅައިލެވުނުކަމެއް ނޭނގެއެވެ. މިޗަކަ ކުޅި ތެރެއިން އަރައިގެން އައި އައްޔެއް ކަޅުބޭބެގެ ގައިގައި ހިފައިގަތީއެވެ. ރަނިންގެ ހުރިހާ އެންމެންވެގެން އެބެއަށް އެހީވިއެވެ. އަދި މިހާރު އެބެ އެއުޅެނީ އެއިން ރަންޏެއްގެ އަވައިގައެވެ. ޖިންނީގެ އުނދަގޫ ޖެހިގަންނަ ގަޑިތަކުގައި އެބޭ ހަޅޭއް ލަވައި ބިރުވެެރި ގޮތަކަށް އުޅެގަނެއެވެ. އެޖިންނިއަކީ ރަނިންގެ ތެރެއިން ހަގު ރަންޏަކާ އަޅައިގަނެގެން އުޅޭ ޖިންނިއެކެވެ. ކަޅުބޭބެއަށް މި މުއާމަލާތް ކުރެވުނީ ކައްޑެވިޖިންނި އަޅައިގަނެގެން އުޅޭ ރަންޏާއެވެ. ކަޅުބޭބެގެ ހާލު މިހާރުވެސް ހަމަ އެގޮތެވެ. ކިޔެވެލިބޭ ބުނާ ގޮތުގައި އެބެއަށް ފަރުވާ ދެވޭނީވެސް އެބޭ ވަކިކަމަކަށް އެއްބަސްވެގެންނެވެ. އެއީ ރަނިންގެ ފެންގަނޑުން އެފެނުނު ރަނިންނާ ބެހޭ ގޮތުން އެބެއަށް އެނގިގެން އުޅޭ ސިއްރުތަކެއް ކިޔެވެލިބޭއަށްވެސް އަންގައިގެންނެވެ.

ޒައިނަބުގެ ވާހަކަ އިވުމުން ރާއިދަށް އިތުރަށް ހީނގަނެވުނީއެވެ. އޭނާއަކީ އެއަށްވުރެ މާބޮޑަށް ސައިންސްގެ ކަންތައް ގަބޫލު ކުރާ މީހެކެވެ. އެންމެން މާ ހައިރާން ވެގެން ރަނިން ފެންވަރާ ފެންގަނޑޭ މިކިޔާ ފެހިކުލައިގެ ކުޅިއަށްވެސް އެކިޔާ ނަމަކީ ހައިރާންވާވަރުގެ ކަމެއް ނޫނެވެ. "ދުއްވާ"ފެންގަނޑޭ ކިޔާ ސަބަބަކީ އަބަދުވެސް އެކުޅީގައި ރާޅުބާނިލާފައި އޮންނާތީކަމަށް މީހުން ކިޔައެވެ. ރާއިދު ގަބޫލު ކުރާ ގޮތުގައި އެއީ ވެދާނެ ކަމެކެވެ. ކުޅީގެ އަޑިން ކަނޑާ ގުޅިފައި އޮވެއްޖެނަމަ އެގޮތަށް ލޮނުގެ އަސަރެއް ނެތަސް އެފެންގަނޑުން ރާޅުބާނިލައިފާނެއެވެ. އެއީ މާބޮޑަށް ހައިރާންވާވަރުގެ ކަމެއް ނޫނެވެ. މީހުން ކިޔާގޮތުންނަމަ އެކުޅީގައި އެގޮތަށް އަބަދު ބާނި ލާފައި އޮންނަނީ އެއީ ރަނިން ހިނައިގަންނަން އަންނަ ފެންގަނޑަށް ވާތީއެވެ. ކޮންމެ ހޮނިހިރުވިލޭރެއަކު ކޮންމެވެސް އެއް ބަޔަކު ޕަރީންގެ ސަހަރުން މިފެންގަނޑަށް އައިސް އުޅެއެވެ.

ޒައިނަބަށް ރާއިދުގެ މިސައިންސްގެ ހެކިތަކެއް ކަމަކު ނުދިޔައެވެ. އަމިއްލަ ރަށާ ބެހޭ ގޮތުން މަލާމާތް ކުރާ މީހަކަށް މަގު ދައްކާކަށް ނޫޅެމޭ ކިޔާފައި، ރާއިދު ގޮވަގޮވައި އޮއްވައި ފަހަތަށް އެނބުރި ދުވަމުން ގޮސް ކޮންމެވެސް ގޯޅިއެއް ތެރެއަށް ގެއްލިގެންފިއެވެ. ރާއިދުމެން މިހިސާބަށް އައުމަށް ގެއިން ނުކުތީ އަސުރުން ފައިބައިގެން ފަހެއް ޖަހަން އުޅެނިކޮށެވެ. ޒައިނަބު ރުޅިހަދާލާފައި ދިޔައިރު ގާތްގަނޑަކަށް ހައެއް ޖެހުމަކާ ގާތްވެއްޖެއެވެ. އަދި ގާތްގަނޑަކަށް ފަނަރަ ވަރަކަށް މިނިޓް ހުރުމުން ރާއިދު ގަސްދުކުރީ ހަމަކުޑަކުޑަ ތަންކޮޅެއް ކުރިއަށް ހިނގައިގެންފައި ފެންނަން އޮންނަ ކުޅިއާ ހަމައަށް ގޮސްފައި ނޫނީ ދަތުރު ނިންމައިނުލުމަށެވެ. އޮއްސެންދާ އިރުގެ ރަންދަޅަތައް އެޅިފައި އޮންނައިރު އެފެންގަނޑުގެ ފޮޓޯތައް ވަރަށްވެސް ފުރިހަމަވާނެކަން ޔަގީނެވެ.

މާދުރަށް ހިނގާކަށް ނުޖެހުނެވެ. އައްޑޫ ރަނިން ހިނައިގަންނަ ވެޔޮ ނޫނީ ކުޅި އަަދި މަޝްހޫރު ދުއްވާފެންގަނޑު އޮތީ ރާއިދުގެ ކުރިމަތީގައެވެ. ރާއިދަށް ފެންގަނޑުގެ ކުލައާއި އޭގެ ފުރިހަމަކަމުގެ ތެރެއަށް ގެއްލިފައި އިނދެވުނީ ޝޯހުވެފައެވެ. ކެމެރާއަށް ރީތި މަންޒަރުތައް ރައްކާކުރުމުގައި ކުޅަދާނަ ރާއިދަށް ފޮޓޯ ނަގަން ހަނދާންވީވެސް އިރުކޮޅެއްވީ ފަހުންނެވެ. އޭރު އިރުއޮއްސުމުގެ ދަޅަތައް އުދަރެސް ރަންފަތްގަނޑަކަށް ހަދަނީއެވެ. މޫނު އަނދިރިކަން ވެރިވަނީކަން އިހުސާސްވެފައި އަވަހަށް ގެއަށް ދާންކަމަށް ހީކޮށްލިއެވެ. މަގުތަކުން އެނބުރި ދާން ޖެހޭނީވެސް ހިތުލަފަޔަކަށެވެ. ނުލަފާ އަންހެންކުއްޖާ އޭނާ އެކަނި ދޫކޮށްލާފައި ދިޔައީވިއްޔާއެވެ.

ކުއްލިއަކަށް ފެންގަނޑުން ބަނޑިއެއް ޖެހިހެން ކަހަލަ އަޑެއް އިވުމުން ރާއިދު އެނބުރިލިއެވެ. އެއްވެސް މީހަކު ނެތެވެ. ސިހިފައި އަނެއްކާވެސް އަވަހަށް ދިއުމަށް ފިޔަވަޅު އެޅިއެވެ. ނެގިފިޔަވަޅު ހުއްޓުނީ ދިމާ ކުރިމަތީ ހިނިއައިސް ރަތްވެފައި ހުރި ޒައިނަބު ފެނުުމުންނެވެ. އިރުކޮޅެއް ކުރިން ރުޅިމޫނު ދައްކާފައި ދިޔަ ޒައިނަބު އެހާ އަވަހަށް އެހެރީ ހާދަހާ ނަލައެއްވެސް ހެދިލައިގެން އައިހެވެ. ރާއިދަށް އަމިއްލަ ނަފުސާއިދެކޮޅު ހަދާފައިވެސް ތައުރީފުގެބަހެއް ބުނެލަން މަޖުބޫރުވިއެވެ. ރަށްފުށުގައި މިވަލުތެރޭގައި ހާދަހާ ރީތި ކުދިން ދިރިއުޅެއެވެ. އަރާހާ އަތްވަކާ ވެހޭހާ ވާރެއެއްގެ ތެރޭ އެހެން މިހެން ދަނޑުތަކުން ވަލިތަކުން ދުވެދުވެ މިކުދިންގެ ދޮންކުލައަށް ހުތުރުކަމެއްވެސް ނާދެއެވެ.

ރާއިދު އެނބުރި ގެއަށް ދިއުމުގެ ބަދަލުގައި އެތަނުގައި އޮތް އުސްގަނޑުމަތީގައި ޒައިނަބާ އެކުގައި އިށީނދެލީ ފަހަތުން ކަނޑުން ނަގާ ރާޅުތަކުގެ ހިތްގައިމު އަޑާއެކު މާހައުލަށް ވެރިވަމުންދިޔަ ތެތްފިނީގެ އަސަރުގައި މިރޭގެ ތޭރަވިލޭރޭގެ ހަނދުއަރާ މަންޒަރުވެސް ކެމެރާގެ ލެންސުގައި ރައްކާ ކުރުމުގެ ޝައުގު ފުރިހަމަކޮށްލުމަށެވެ. ހަމަހުގެ ދަރިފުޅަކަށް ބަލިވެ އިން ޒޭބާގެ ހަނދާން ހިނދުކޮޅެއްގެ ތެރޭގައި އެރޭގެ ފިނިމާހައުލުގެ އުފާވެރިކަމުގެ މަސްތުން ރާއިދުގެ ހަނދާނުން ފޮހެވިގެން ދިޔައީއެވެ.

ދަތުރު ނިންމާފައި ރާއިދު މާލެއަށް އެނބުރި އައިފަހުން އޭނާގެ ފަރާތުން މީހުންނަށް އެހެންޏާ ނުފެންނަ ތަފާތު ކަމެއް ފާހަގަ ކުރެވެން ފެށިއެވެ. އެކަމާ ބެހޭ ގޮތުން ކުރާ ސުވާލަކަށް ރާއިދު މާބޮޑު ސަމާލުކަމެއް ނުދެއެވެ. ބައެއްފަހަރު އެކަނި ހުރެ ހޭތަން ފެންނައިރު އަނެއްބައިފަހަރު ވާހަކަ ދައްކާ މަންޒަރުވެސް ފެންނާތީ ކަންބޮޑުވެގެން ޒޭބާއާ މިސުވާލު ކުރުމަށް ރާއިދު ދަންނަ ހެޔޮއެދޭ ރައްޓެހިން ގަސްދުކުރިއެވެ. ޒޭބާ ދިން ޖަވާބުން އިތުރަށް ލިބުނީ ހައިރާން ކަމެކެވެ. ރާއިދުގެ ފަރާތުން ޒޭބާއަކަށް މިފަދަ އެއްވެސް ކަމެއް ނުފެންނަކަމަށް ޒޭބާ ޔަގީންކަމާއެކު ބުނުމުންނެވެ. ރާއިދުގެ ދިރިއުޅުމަށްވެސް ބަދަލުތަކެއް އައެވެ. ވަޒީފާ ދޫކޮށްލައި ގޭގައި ވަކިން އުޅެން ފެށުމެވެ. މީހުންނާ ވާހަކަ ދެއްކުމާއި މީހުންގެ ތެރެއަށް ނުކުމެ އުޅުން ހުއްޓުމެވެ. މިފަހަރު ޒޭބާއަށްވެސް މަންޒަރު ފެނުނެވެ. އަޑުތައްވެސް އިވުނެވެ. ވިހަން ތައްޔާރުވެފައި އިން ބަނޑާއެކު ޒޭބާ އޭނާގެ މަންމަމެން ގާތަށް ދިޔައީ ދެން އިތުރަށް ރާއިދާއެކު އުޅޭން ވެއްޖެނަމަ އޭނާ މަރާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރަށެވެ. ރާއިދު ޒޭބާއަށް ވިސްނައިދިނެވެ. އޭނާގެ ފަރާތުން ޒޭބާ އަކަށް އެއްވެސް ގެއްލުމެއްް ނުވާނެއެވެ. އޭނާއާ އެކުގައި އެއުޅެނީ އޭނަގެ ހަނގުއަނބިމީހާއެވެ. ޒޭބާގެ ފަރާތުން މައްސަލަތަކެއް ނުނިކުންނަނަމަ ޒައިނަބެއް ޒޭބާއަކަށް އުނދަގުލެއް ނުޖައްސާނެއެވެ. އެއްވެސް މަސައްކަތެއް ނުކުރިޔަސަ ބޭނުން ހުރިހާ ކަމެއް ފުދޭނެއެވެ. އެހެންޏާ ފަހެ ރާއިދުގެ ހަނގުއަނތްބަކީ އާދައިގެ މީހެއްނޫނިއްޔާއެވެ. އެއީ ރަންޏެކެވެ. ޕަރީންގެ ސަހަރުގެ ރާނީގެ އިން ހަމައެންމެ ހަނގު ރަނިކަނބާއެވެ. ވީއިރު ރާއިދަށް ދަތިވާން ޖެހޭ ކަމެއް އޮވެގެނެއް ނުވާނެނޫންހެއްޔެވެ؟

ޒޭބާއަށް ނޭނގުނީ ފަހުންވެސް އޭނާގެ ދަރިފުޅަށް ކިޔައިދޭނީ ކޮން ވާހަކައެއްކަމެވެ. ބައްޕަ ގުރައިދޫއަށް ގެންދިޔައީ ކަމާބެހޭ ފަރާތްތަކުން ކަމާއި އެއީ ބައްޕަ ފަރުވާ ލިބިގަންނަން އެއްބަސް ނުވުމުގެ ނަތީޖާކަމަށް ދަރިފުޅަށް ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ. ފަރުވާކުރަން ތިބި މީހުންނަށް ރާއިދު އެއްބާރުލުމެއް ދޭކަށް ބޭނުމެއްނުވިއެވެ. ރަނިންގެ ވެޔޮ ނޫނީ ދުއްވާ ފެންގަނޑު ކައިރިއަށް ދިޔަ ދުވަހާއި އެރޭގެ އެއްވެސް ވާހަކައެއް ރާއިދު ކިޔައިދޭކަށް އެއްބަހެއް ނުވިއެވެ. ރާއިދަށް ފަރުވާއެއް ކުރެވެން އޮތީ ކޮންމެވެސް ވަރަކަށް އެވާހަކަތައް އެނގިގެންކަމަށް ފަންޑިތަބެމެން ބުނެއެވެ.

ނިމުނީ