ދީން

ތަޤްވާއާއި ރޯދަޔާ ހުރި ގުޅުން

އަބްދުﷲ ފާރޫގް ހަސަން

ތަޤްވާގެ މާނަތައް އަޅުގަނޑުމެންގެ ސިކުނޑީގައި ހަރުލައްވައިފިނަމަ އަޅުގަނޑުމެންނަށް ވިސްނައިގަތުން އުނދަގުލެއް ނުވާނެއެވެ. އަޅުގަނޑުމެންގެ ނަފުސުތަކުގައި ތަޤްވާވެރިކަން އަށަގެންނެވުމަށްޓަކައި ރޯދަހިފުމާއި ރޭއަޅުކަންކުރުމާއި ކީރިތި ޤުރްއާން ކިޔެވުމަށްވުރެ ރަނގަޅު ނުސްޚާއެއް ފެނުމަކީ ވަރަށް އުނދަގޫކަމެކެވެ. ކޮޅެއްނެތްހައި ނާދިރު ކަމެކެވެ. އެނުސްޚާގެ ބޭނުންކުރުމަށް އެންމެ އެކަށޭނަ މަހަކީ ރަމަޟާންމަހެވެ. ރޯދަ ހިފުމާއި ރޭއަޅުކަމުގައި (ނުވަތަ ތަރާވީސް ނަމާދުގައި) ޤިޔާމުގައި ތިބެ ޤުރްއާން ކިޔެވުން ރަމަޟާންމަހަށް ޚާއްޞަކުރައްވައި އަރަހުށި މާތް اللّــه سبحـانــه وتـعــالــى ވަނީ ތަޤްވާވެރިކަން ޙާޞިލުކުރުމުގެ މަގު އަޅުގަނޑުމެންނަށް ފަހިކޮށްދެއްވައިފައެވެ.

އަޅުގަނޑުމެން ރޯދަޔަށް ތިބޭއިރު ފަޖުރުލީއްސުރެ އިރުއޮއްސެންދެން އަޅުގަނޑުމެން ތިބެނީ އަޅުގަނޑުމެންގެ ހަށިތަކަށް ބޭނުންވާ ހުއްދަ ކަންތައްތައްވެސް ދޫކޮށްލައިގެންނެވެ. މާތް اللّــه ގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައެވެ. ބަނޑުހައިކަމުގެ ހޫނު ފިނިކޮށްލުމާއި ކަރުހިއްކުން ފިލުވުންފަދަ އަޅުގަނޑުމެންގެ ހަށިތަކަށް ބޭނުންވާ ކަންތައްތަކެވެ. އަޅުގަނޑުމެންގެ ބޭނުމަކީ اللّــه ގެ ޙަޟްރަތުން ދަރުމައާއި ސަވާބު ހޯދުމެވެ. ރޭގަނޑު އަޅުގަނޑުމެން ޤިޔާމުގައި ތިބެ މާތް اللّــه ގެ ކަލާމްފުޅު އަޑުއަހަމުއެވެ. ޢާންމުގޮތެއްގައި ކޮންމެ މުސްލިމަކުވެސް ރަމަޟާންމަހު އެއްފަހަރު ނަމަވެސް މާތް اللّــه ގެ ކަލާމްފުޅު އަޑުއަހައެވެ. ނަސީބު ދެރަކަމުން ނުވަތަ އެކަށޭނަ މަސައްކަތެއް ނުކުރެވުމުގެ ސަބަބުން ޢަރަބިބަސް ނޭނގޭތީ އެކަލާމްފުޅުގައިވާ އެއްޗެއް ނޭނގުނުކަމުގައި ވިޔަސްވެހެވެ. އެކަލާމުފުޅަކީ އަޅުގަނޑުމެން އެއާއެއްގޮތަށް ޢަމަލުކުރާންޖެހޭ އަމުރުފުޅުތަކަކާއި ނަހީތަކެކެވެ. އަޅުގަނޑުމެން އެހެނިހެން އިންސާނުންނަށް ރައްދުކޮށްދޭންޖެހޭ މެސެޖުތަކެކެވެ. ވިސްނާލަމާ ހިންގަވާށެވެ. މިކަމަކީ އަޅުގަނޑުމެން އެންމެ ބިރުވެތިވާންޖެހޭ އަދި އެންމެބޮޑަށް ލޯބިވާންޖެހޭ ފަރާތްޕުޅުން އަޅުގަނޑުމެންނަށް ފޮނުއްވައިފައިވާ "ސިޓީފުޅުތަކެއް" އަޅުގަނޑުމެންގެ އަތުގައި ހުރުންފަދަ ކަމެކެވެ. "އެސިޓީފުޅުތަކުގައި" ހުރި ވާހަކަފުޅުތައް އަޅުގަނޑުމެންނަށް ނޭނގޭކަމުގައިވާނަމަ ދެރަކަމުގެ ކޮޅެއްވެސްނެތެވެ. ޒަމާން އަޅުގަނޑުމެންނާއެކު މިހައިތަނަށް ދައުރުވަމުން އައިއިރު އަޅުގަނޑުމެންނަށްވަނީ "އެސިޓީފުޅުތައް" ކިޔައިލެވޭނެ މަގު ފަހިވެފައެވެ. މުސްލިމުން ވާހަކަދައްކައިއުޅޭ ގާތްގަނޑަކަށް ހުރިހައި ބަސްބަހަކަށް "އެސިޓީފުޅުތައް" ވަނީ ތަރުޖަމާކުރެވިފައެވެ. އަރަހުށި މާތް اللّــه ކީރިތި ޤުރްއާނުގެ ސިފައިގައި އަޅުގަނޑުމެންނާ ހަމަޔަށް ފޮނުއްވައިފައިވާ އަމުރުފުޅުތަކާއި ނަހީތައް މޭރުންކޮށްގަނެ އެއާއެއްގޮތަށް ޢަމަލުކުރުމާއި އެއަމުރުފުޅުތަކާއި ނަހީތަކަށް އެހެންމީހުންނަށް ދަޢުވަތު ދިނުމަކީ އަޅުގަނޑުމެންގެ އެންމެބޮޑު ވާޖިބެވެ. ޤުރްއާން ކިޔެވުމަކީ އަޅުގަނޑުމެންނަށް އީމާނާއި ޢަމަލުގެ މަގުފެންނަ ކަމެކެވެ. ރޯދަ ހިފުމަކީ އެމާތް ފޮތަށް ޢަމަލުކުރުމުގެ ހަކަތައާއި ބުންވަރުލިބޭ ކަމެކެވެ.

އަރަހުށި މާތް اللّــه ގެ ޙުކުމްފުޅާ އެއްގޮތަށް ރޯދަމަހުގައި އަޅުގަނޑުމެން ކައިބޮއިހަދަމުއެވެ. ކައިބޮއިހެދުމުން އެއްކިބާވަމުއެވެ. ކެއިންބުއިން ހުއްޓައިލުމަކީ ބައެއް ޙާލަތްތަކުގައި ހުއްދަކަމެއްވެސް ނޫނެވެ. އެކަމަކުވެސް މާތް اللّــه ގެ އަމުރުފުޅު އައުމާއެކު އަޅުގަނޑުމެން އެކަންކަމުންވެސް މަނާވެގަންނަމުއެވެ. އަޅުގަނޑުމެންގެ އަސާސީ ބޭނުންތަކެއް ހިތުން ރުހުމުން ދޫކޮށްލަނީ އަޅުގަނޑުމެންގެ ރައްބަށް ކިޔަމަންވެ ބޯލެނބުމަށްޓަކައެވެ. އެގޮތުން މާތް اللّــه މަނާކުރައްވާ ކަންކަމުން ދުރުވެގަތުމުގެ ތަމްރީނު ހޯދަމުއެވެ. އަޅުގަނޑުމެންގެ ހަށިތަކަށް އެކަންކަމުގެ ބޭނުން ކިތަންމެ ބޮޑުވިކަމުގައި ވިޔަސްވެހެވެ. އެކަންކަމަށް އަޅުގަނޑުމެންގެ ހިތްތައް ކިތަންމެ ދަހިވެތިވިކަމުގައި ވިޔަސްވެހެވެ. އެއީ ކިތަންމެ ފައިދާހުރި ކިތަންމެ ބޭނުންތެރި ކަންތައްތަކެއް ކަމުގައި އަޅުގަނޑުމެންގެ ޒަމީރު ވިސްނައިދިންކަމުގައި ވިޔަސްވެހެވެ.

ރޯދަ އަޅުގަނޑުމެންގެ ޔަޤީން ވަރުގަދަކޮށްދެނީ އަރަހުށި މާތް اللّــه އާއި އެކަލާނގެ ރަސޫލާ އަޅުގަނޑުމެންނަށް ޚަބަރު ދެއްވައިފައިވާ ޙަޤީޤަތްތަކަކީ ހަމައެކަނި މާއްދީ އަދި ޙިއްސީ ކަންތައްތަކެއް ނޫންކަމާމެދުގައެވެ. ހައިހޫނުކަމާއި ކަރުހިއްކުމާއި ޖިންސީ އަލާއެރުންފަދަ މާއްދިއްޔަތާ ގުޅުންހުރި ކަންތައްތަކެއް ނޫންކަމާމެދުގައެވެ. އެއަށްވުރެ މާ މަތިވެރި މާއަގުހުރި މާމީރު ކަންތައްތަކެއްކަމާމެދުގައެވެ. އަޅުގަނޑުމެން ދިރިއުޅޭންވީ ހަމައެކަނި ބަނޑުފުރައިލުމަށްޓަކައެއް ނޫނެވެ. މަތިވެރި އަޚްލާޤީ މަޤްޞަދުތަކަކީ އަޅުގަނޑުމެންގެ ޙަޔާތަށްޓަކައި މާބޮޑަށްވެސް ބޭނުންތެރި ކަންތައްތަކެކެވެ. މިދުނިޔޭގައި ވަގުތުން އަޅުގަނޑުމެންނަށް އެކަންކަމުގެ މީރުކަން ލިބޭކަންކަމަށްވުރެ މާއަރާމާއި އުފާ ލިބެނިވި ކަންތައްތަކެކެވެ. މިގޮތުން އަޅުގަނޑުމެން ލިބިގަންނަނީ މަތިވެރި ރޫޙާނީ އަދި އަޚްލާޤީ މަޤްޞަދުތަކަށްޓަކައި ދުނިޔަވީ އެދުންތައް ޤުރްބާންކޮށްލުމުގެ ހިތްވަރެވެ. ހަކަތައާއި ބާރެވެ. މާފަހުގެ ދުވަހެއްގައި އެކަންކަމުގެ މީރުކަމާއި އުފަލާއި ޢައިޝު ލިބިގަތުމަށްޓަކައެވެ.

ރޯދަ އަޅުގަނޑުމެންގެ ޔަޤީން ވަރުގަދަކޮށްދެނީ އިންސާނާގެ ޙަޤީޤީ އަމާޒަކަށް ވާންޖެހެނީ މާތް اللّــه އަށް ކިޔަމަންވުންކަމާ މެދުގައެވެ. ކަމެއްގެ ރަނގަޅު ނުރަނގަޅުކަމުގެ ސަނަދަކީ މާތް اللّــه ގެ ޙުކުމްފުޅު ކަމާމެދުގައެވެ. ހެޔޮކަމާއި ސަވާބުހުރީ ކެއިންބުއިމަކު ނޫންކަމާމެދުގައެވެ. ނިދުމުގައިވެސް ހޭލައިހުރުމުގައެއްވެސް ނޫންކަމާމެދުގައެވެ. ހެޔޮކަމާއި ސަވާބުހުރީ ހަމައެކަނި اللّــه އަށް ބޯލަނބައި ކިޔަމަންވުމުގައި ކަމާމެދުގައެވެ. ޤިޔާމުއްލައިލުންވެސް ހާސިލުވަނީ މިދެންނެވިފަދަ ބާރާއި ހަކަތައެވެ. އެބާރު ލިބިގަނެވި އެޙާލަތު އުފެއްދުނުވަރަކަށް ފަރުދީގޮތުންނާއި ޤައުމެއްގެ ހައިސިއްޔަތުންވެސް ދާނީ ޤުރްއާނުގެ އަމާނަތުގެ ބަރު އުފުލުމުގެ ޤާބިލުކަން ލިބެމުންނެވެ. މިދުނިޔޭގައި މާއްދީގޮތުން އަތްލައިހެދޭ އަދި އެތަކެއްޗަކާއި ކަންތައްތަކަކުން ވަގުތުން ފޮނިމީރުކަން ހޯދޭ ތަކެތީގެ ބަދަލުގައި ޤުރްއާނުގެ މިޝަން ނުވަތަ މުހިންމަތު ފުރިހަމަކުރުމުގެ އެދުމާއި އެކަމުގެ އެކަށޭނަކަން އުފެދުމުގެ ނަމަކީ ތަޤްވާއެވެ.

އަދި އެހެން ރޮނގަކުންވެސް ވިސްނައިލަމާތޯއެވެ؟ ރޯދަޔަކީ ބޭރުފުށުން އަނެކުންނަށް އެކަން ދަނެގަނެވޭކަހަލަ ސިފައެއް އޮންނަކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ނަފުސުތަކުގެ އަޑީން އުފެދިގެން އަންނަ އެދުންތަކާއި ގޮހޮރުގައި އާލާވާ ހައިހޫނުކަމާއި ކަރުހިއްކުމާއި ފެންބޮވައިގަތުންފަދަ ކަންކަމަކީ އަނެކަކަށް ފެންނާނެ ކަންކަމެއް ނޫނެވެ. އަނެކަކަށް އިޙްސާސުކުރެވޭނެ ކަންކަމެއްވެސް ނޫނެވެ. އެކަކަށްވެސް އަނެކެއްގެ އިޙްސާސުތަކުގައި ބައިވެރިޔެއް ނުވެވޭނެއެވެ. ނަފުސުގެ އެދުންތައް ޤުރްބާންކޮށްލުމުގެވެސް މާއްދީ ސިފަކުރެވުމެއް ނުވެއެވެ. އެހެންކަމުން އެދުންތައް މަތަކޮށް އެކަންކަމުން އެއްކިބާވުމަކީ މާއްދީ މިންގަނޑަކުން މިންއެޅޭނެކަމެއް ނޫނެވެ. މިގޮތުން ބަލާއިރު ރޯދަވެރިޔާގެ ރޯދަ ވަޒަންކުރެއްވޭނީ ހަމައެކަނި އިންސާނާގެ ރައްބަށެވެ. ޚާލިޤަށެވެ. ސިއްރާއި ފާޅު ދެނެވޮޑިގެންވާ ރަސްކަލާނގެ ރަސްކަންފުޅަށެވެ. އަރަހުށި މާތް اللّــه އަބަދުވެސް އިންސާނާއާއެކު ވޮޑިގެންވެއެވެ. ދެމީހަކު ހާޒިރުވެތިބި ތަނެއްގައިނަމަ ތިންވަނަ ފަރާތަކީ އެއީއެވެ. އެކަހެރީން އެކަނި ހުރިކަމުގައިވާނަމަ ދެވަނަ ފަރާތަކީ އެއީއެވެ. އެކަލާނގެ ވޮޑިގެންވަނީ އަޅުގަނޑުމެންގެ ކަނދުރާގެ މައިނާރަށްވުރެވެސް އަޅުގަނޑުމެންނާ ގާތުގައެވެ. އަޅުގަނޑުމެން އަބަދުވެސް އެކަލާނގެ ޙަޟުރަތަށް ހާޒިރުކުރެވިފައި އެކަލާނގެ ބައްލަވައިވޮޑިގަތުމުގެ ދާއިރާގައި ތިބޭކަމުގެ އިޙްސާސާއި ޔަޤީންކަމަކީ ރޯދައިގެ އަސްލު މޭވާއެވެ. ޤުދްސީ ޙަދީޘެއްގައި އަންގަވައިފައިވަނީ "ރޯދަ ވަނީ ހަމައެކަނި ތިމަން اللّــه އަށެވެ. ރޯދައިގެ ބަދަލުދެއްވޭނީ ހަމައެކަނި ތިމަން اللّــه އަށެވެ." (ބުޚާރީ، މުސްލިމް، އަބޫހުރައިރާ)

އަދިވެސް މުހިންމު އެއްވާހަކައެއް ދަންނަވައިލާނަމެވެ. ޝައިޠާނާ ދައްކާ މަގުދޫކޮށްލައި އިންސާނާ އުޚުރަވީ މަންފާތަކާ ދިމާޔަށް ކުރިއަރަމުން ދާންފެށުމުން ޝައިޠާނާ މާޔޫސްވެއެވެ. އޭނާ ދެން އުޅޭނީ އިންސާނާގެ އުޚުރަވީ މަންފާތަކުގެ ދާއިރާ ވީހައިވެސް ހަނިކުރެވޭތޯއެވެ. ރަޙުމަތުގެ ކަނޑުގެ އެންމެ ފެންތިއްކަކުން ފުއްދައިލައިގެން ހުއްޓި މަޑުޖެހިލާތޯއެވެ. އިންސާނާ ރޯދަޔާއި ޤިޔާމުއްލައިލުގެ މަންފާ ހޯދާންފެށުމުން އޭނާގެ ކިބައިގައި އާލާވަމުންދާނީ އުޚުރަވީ ބޮޑެތި މަންފާތައް ހޯދައިގަތުމުގެ ޝައުޤެވެ. އެކަމުގެ ހަކަތައާއި ބުންވަރެވެ.

ޝައްކެއްނެތެވެ. އަރަހުށި މާތް اللّــه ބަރަކާތްތެރި ރަމަޟާންމަހުގެ ރޯދަ ފަރުޟުކުރެއްވުމުގެ ޒަރީޢާއިން އަޅުގަނޑުމެންގެ ކިބައިގައި އުފައްދަވަން އިރާދަކުރައްވާ ތަޤްވާވެރިކަމަކީ ވަރަށް މަތިވެރިކަމެކެވެ. އެތަޤްވާއަކީ އަޅުގަނޑުމެންގެ ކިބައިގައި ޤުރްއާނުގެ މިޝަން ފުރިހަމަކުރުމުގެ ޙައްޤު އަދާކުރުމުގެ ޤާބިލިއްޔަތު އުފެއްދުމެވެ. ފަރުދީގޮތުންނާއި އުންމަތެއްގެ ހައިސިއްޔަތުން ވެސްމެއެވެ. ވިސްނައިލަމާ ހިންގަވާށެވެ. ޞާލިޙު ޢަމަލުތަކުގެ ތެރެއިން އެންމެ މުހިންމު ޢަމަލަކީ ޤުރްއާނުގެ މިޝަން ފުރިހަމަކުރުމެވެ. ވާޖިބުތަކުގެ ތެރެއިން އެންމެބޮޑު ވާޖިބަކީ ޤުރްއާނުގެ މަގަށް ދަޢުވަތު ދިނުމެވެ. އެންމެ ގިނަގުނަ ހެޔޮކަން ލިބޭނީ ޤުރްއާނުގެ ޙައްޤު އަދާކުރުމުންނެވެ. އެއީ ޤުރްއާނުގައި ދައްކަވައިފައިވާ މަގަށް އެކަލާނގެ އަޅުތަކުންނަށް ދަޢުވަތު ދިނުމަށް އަޅުގަނޑުމެންގެ ނަފުސުތައް ތައްޔާރުކުރުމެވެ. އެރޮނގުން މަސައްކަތްކުރަމުން ގެންދިޔުމެވެ.

މިދެންނެވި ފަރުޟު އަދާކުރުމާމެދު އަޅުގަނޑުމެންނަށް ފިކުރު ހިންގޭނީ الــقـــرآن الـكـــريـم އާއި، ރަމަޟާންމަހުގެ ރޯދައާއި ތަޤްވާއާ މިތިން ކަންތަކުގެ މެދުގައި އެއްކަމެއް އަނެއްކަމަކާ ހުރިގުޅުން ވިސްނައިގަނެވިގެންނެވެ. އާދޭހެވެ! ރަމަޟާންމަހުގައި ރޯދަހިފުން ފަރުޟުކުރެއްވީ އެމަހަކީ މާތްވެގެންވާ ޤުރްއާން ބާވައިލެއްވި މަސްކަމުގައި ވާތީއެވެ. މި މާތް މައްސަރުގެ ހުރިހައި ބަރަކާތަކާއި މަތިވެރިކަމެއްގެ ސިއްރަކީ އަރަހުށި މާތް اللّــه މިމާތް މައްސަރުގައި އެކަލާނގެ އަޅުތަކުންނަށް ހިދާޔަތު ދެއްވުމުގައި ދީލަތިވަންތަވެ ވޮޑިގެންނެވިކަމެވެ. އެކަލާނގެ އެންމެފަހުގެ މެސެޖު އެކަލާނގެ އެންމެފަހުގެ ނަބިއްޔާގެ ޒަރީޢާއިން އިންސާނިއްޔަތާ ޙަވާލުކުރެއްވީތީއެވެ. މިމާތް މައްސަރުގައި ރޯދަ ފަރުޟުކުރެއްވީ މާތް اللّــه ގެ ހިދާޔަތުގެ ފޮތުގެ ޙައްޤު އަދާކުރުމަށްޓަކައި ބޭނުންވާ ހަކަތައާއި ޤާބިލިއްޔަތު އަޅުގަނޑުމެންގެ ކިބައިގައި އުފެއްދެވުމަށްޓަކައެވެ. ތަޤްވާގެ ޒަރީޢާއިންނެވެ.