ޚަބަރު

ރާއްޖޭގެ ޓޫރިޒަމް އިންވެސްޓްމަންޓް ކަނެކްޓިވިޓީ އިވެންޓެއް އިންޑިއާގައި ބާއްވައިފި

އަލީ ޔާމިން

ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާއި ޓޫރިޒަމް އިންޑަސްޓްރީގެ އެހެން ސްޓޭކް ހޯލްޑަރުންނާ ގުޅިގެން އިންވެސްޓްމަންޓް އެންޑް ކަނެކްޓިވިޓީ އިވެންޓެއް އިންޑިއާގެ ކޮމާޝަލް ކެޕިޓަލް މުމްބާއިގައި ބާއްވައިފިއެވެ.

މިމަހުގެ 14 އިން 16 އަށް އިންޑިއާގެ މުމްބާއިގައި ކުރިއަށްދިޔަ ޓޫރިޒަމް ފެއާ "އައުޓް ބައުންޑް ޓްރެވަލް މާކެޓް" (އޯޓީއެމް) ގެ ހަވާސާގައި ބޭއްވި މި އިވެންޓު އޮތީ ވެސްޓިން ހޮޓެލްގައެވެ.

ރާއްޖޭގެ ޓޫރިޒަމް އިންވެސްޓްމަންޓާއި ކަނެކްޓިވިޓީ ފަހިކުރުމުގެ ގޮތުން ވަކިން ހާއްސަކޮށް ތިލަދުންމައްޗާއި މިލަދުންމަޑުލުގެ ފަތުރުވެރިކަމަށް އަމާޒުކުރެވިގެން ބޭއްވި މި އިވެންޓުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ނ. އަތޮޅު ކައުންސިލާއި ހދ. އަތޮޅު ކައުންސިލުން ބައިވެރިވިއެވެ.

އިންޑިއާގެ އިންވެސްޓަރުންނާއި އެއާލައިން އޮޕަރޭޓަރުންނާއި ޓްރެވަލް ޓްރޭޑް މީޑިއާ ބައިވެރިވި މި އިވެންޓުގައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި ކަނެކްޓިވިޓީގެ ފުރުސަތުތަކުގެ މައުލޫމާތާއި ރާއްޖޭގެ ފަތުރުވެރިކަމުގެ މައުލޫމާތު ހިއްސާކުރެވި ފަތުރުވެރިކަމުގެ މުއާމަލާތްތައް ކުރުމުގެ މަޝްވަރާތައް ކުރެވުނެވެ. އަދި އިވެންޓުގައި ފަތުރުވެރިކަމުގެ ރަން އަހަރުގެ ތީމް ލަވަ، "ނަލަ ނަލަ ރާއްޖެ" އިޝްތިހާރު ކުރުމާއި ގޯލްޑަން ޖުބްލީގެ އެކިއެކި ހަރާކާތްތަކުގެ ތެރެއިން ފޭސްބުކާއި އިންސްޓެގްރާމްގައި ވީޑިއޯ ޗެލެންޖެއް ކުރިއަށް ގެންދިއުމަށް އިއުލާންކުރެވުނެވެ.

މި އިވެންޓުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހުސައިން ނިޔާޒާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާތިފާއި އިންޑަސްޓްރީގެ އިސްބޭފުޅުން ވާހަކަ ދެއްކެވިއެވެ.

މި އިވެންޓުގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ޑެލިގޭޝަންގައި ސިވިލް އެވިއޭޝަން އޮތޯރިޓީއާއި ރީޖަނަލް އެއާޕޯޓާއި ރާއްޖޭގައި އޮޕަރޭޓްކުރަމުން އަންނަ ހަތަރު އެއާލައިން ކަމަށްވާ މޯލްޑިވިއަން، ފްލައި މީ، މަންތާ އެއާ އަދި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ހިމެނެއެވެ. އަދި ފަތުރުވެރިކަމާ ގުޅުންހުރި ޖަމިއްޔާތަކުގެ ތެރެއިން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (މަޓީ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ނޭޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާޒް (މަޓާޓޯ) ވެސް ބައިވެރިވިއެވެ.