ޚަބަރު

އެމެރިކާއިން ރާއްޖެއަށް އިތުރު 3.2 މިލިއަން ޑޮލަރުގެ އެހީއެއް

މުހައްމަދު ޖަމްޝަތް ވަހީދު

އެމެރިކާއާއި ރާއްޖެއާ ދެމެދު ވެފައިވާ ބައިލެޓްރަލް އެގްރީމަންޓަށް އިސްލާހެއް ގެނެސް، އިތުރު 3.2 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދޭ ބައިލެޓްރަލް އެހީ އިތުރުކުރުމާ ބެހޭ އެއްބަސްވުމުގައި އެ މިނިސްޓްރީއެކު މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އިތުރު 3.2 މިލިއަން ޑޮލަރުގެ އެހީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އެހީވުމަށް ކަނޑައަޅާފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) މޯލްޑިވްސްގެ މިޝަން ޑިރެކްޓާ ރީޑް އެއިޝްލިމަން ވިދާޅުވީ މި އެއްބަސްވުމުގެ ތެރެއިން، ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެމެރިކާއާއި ރާއްޖެއިން ސަމާލުކަންދޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް އަންނާނެ ކަމަށާއި މި އެއްބަސްވުމަކީ އެމެރިކާއާއި ދިވެހި ސަރުކާރާއި ރައްޔިތުންނާއެކު އިތުރުވަމުންދާ އެއްބާރުލުން ފެނިގެންދާނެ ހަރުދަނާ ރަމްޒެއް ކަމަށެވެ.

އެމެރިކާއާއި ރާއްޖެއާ ދެމެދު ވެފައިވާ މި ބައިލެޓްރަލް އެގްރީމަންޓުގައި އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ 12 މާޗް 2019 ގައެވެ. އޭގެ ފަހުން އެމެރިކާއިން ވަނީ ރާއްޖެއަށް 25 މިލިއަން ޑޮލަރަށްވުރެ ގިނަ ބައިލެޓްރަލް އެހީ ފޯރުކޮށްދިނުމަށް އޮބްލިގޭޓްކޮށްފައެވެ.

މި އެހީގެ ތެރޭގައި ޕަބްލިކް ފައިނޭންސް މެނޭޖްމަންޓަށާއި، ގާނޫނުގެ ބާރުވެރިކަން ހަރުދަނާކުރުމަށާއި، ލާމަރުކަޒީ ނިޒާމަށް އެހީވުމަށާއި ތިމާވެށި ރައްކާތެރިކުރުން ހިމެނެއެވެ. އަދި މިއަދު ސޮއިކޮށްފައިވާ އެމެންޑްމެންޓާއެކު މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް އެހީތެރިވުން ހިމެނިގެންދާނެއެވެ.

ޔޫއެސްއެއިޑް އިން އަންނަނީ ތިމާވެށީގެ ވިލުންވެރިކަން އިތުރުކުރުމަށާއި، އިގުތިސާދީ އަދި ޑިމޮކްރެޓިކް އިސްލާހި ބަދަލުތައް ރާވައި ހިންގުމަށާއި، ބާރުވެރި އަދި ހިންގުންތެރި މަދަނީ ޖަމިއްޔާ ޖަމާއަތްތަކެއް ބިނާކުރުމަށް ދިވެހި ސަރުކާރާ ގުޅިގެން މަސައްކަތްކުރަމުންނެވެ.