ރައްޔިތުންގެ މަޖިލިސް މިހާރު އެކުލެވިގެންވާ ގޮތް ބަދަލުކުރަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ޓުވިޓާގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މެންބަރުން އައްޔަންކުރުމުގައި މިހާރު ހަމަޖެހިފައިވާ އުސޫލުތައް ބަދަލުކުރަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ތިބުންވެސް އިންތިހާއަށް ބޭނުންތެރި ކަމަށާއި ގައުމީ ލިސްޓުގެ އަދަދެއް ނުވަތަ ވަކި އެހެން އަދަދަކީ އަންހެނުން ކަމުގައި ކަނޑައެޅުމަކީ ގާނޫނު އަސާސީއަށް ގެނެވޭ އިސްލާހުގައި ގެނެވިދާނެ ބަދަލެއް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ކަންކަން ހިނގަމުންދަނީ ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމެއްގެ ތެރެއިން ކަމަށާއި މަޖިލީހަށް އިންތިހާބުވާ ގިނަ މީހުންނަކީ ޕާޓީތަކުގެ ފިކުރުގައި އިންތިހާބުވެފައިވާ މެންބަރުން ކަމަށެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ސިޔާސީ ޕާޓީތަކަށް ލިބޭ ގޮނޑިތަކުގެ އަދަދުން އެ ޕާޓީއަކަށް އިތުރު ގޮނޑި ލިބޭ އުސޫލެއް އޮންނަ ކަމަށެވެ. އަދި އެއީ ނެޝަނަލް ލިސްޓުގައި މަޖިލީހުން ޖާގަ ލިބޭ މެންބަރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ބާވަތުގެ ބަދަލު ގެނައުމަކީ ބޭނުންތެރި ކަމެކެވެ. މަޖިލީހުގެ މެންބަރުންނަށް އެ ބޭފުޅުންގެ ރަށްތައް ތަމްސީލު ކުރުން ފިޔަވައި އެހެން ކަމެއް ކުރުން ދައްޗެވެ. ގައުމީ ނަޒަރަކުން ކަންކަމާއި ވަކާލާތު ކުރާނެ ބަޔަކު ބޭތިއްބުމަށް ނެޝަނަލް ލިސްޓުގެ މެންބަރުންގެ ބޭނުންތެރިކަން ވަނީ އެތައް ގައުމެއްގެ ސިޔާސީ ހަޔާތް ކަށަވަރު ކޮށްދީފައެވެ..،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ވަކި ދާއިރާއަކުން ނުވަތަ ވަކި ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންގެ ވޯޓު ލިބި އެ ސަރަހައްދެއް ތަމްސީލު ކުރުމަށް މަޖިލީހަށް އިންތިހާބުވާ މެންބަރުންގެ އެންމެ އަސާސީ މަސައްކަތަކީ އެ މެންބަރުންގެ ސަރަހައްދުގެ ފަރާތުން ވަކާލާތު ކުރުން ކަމަށާއި ސަރަހައްދީ ވަކާލާތުގައި މެންބަރުން ބަނދެވުމުން މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ މެންބަރުން މަދުވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް ވެސް އެންމެ ބޮޑަށް ބޭނުންވެފައިވަނީ މުޅި ރާއްޖޭގެ ފަރާތުން ވަކާލާތުކުރާނެ ރައްޔިތުންގެ މަޖިލީހެއް ކަމަށެވެ. ވަކިވަކި ދާއިރާތަކުން ވަކާލާތު ކުރައްވާ މެންބަރުން އެކަނި އެކުލެވޭ މަޖިލީހެއްގައި ކޮންމެ މެންބަރަކުވެސް ބާރު އަޅުއްވާނީ އެ މެންބަރެއްގެ ދާއިރާއަށް ރަނގަޅު ގޮތް ހޯދުމަށް ކަމަށާއި އެގޮތުން މައްޗަންގޮޅި ތަމްސީލު ކުރައްވާ މަޖިލިސް މެމްބަރު އެ ދާއިރާގައި އެއާޕޯޓެއް އެޅުމަށް ވަކާލާތުކުރަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މިއަދުގެ ދިވެހި ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ކަމަކީ މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނެތް ކަމެވެ. ވަކިވަކި ދާއިރާތަކަށް ވަކާލާތުކުރައްވާ މެންބަރުން އެކަނި އެކުލެވޭ މަޖިލީހެއްގައި ކޮންމެ މެންބަރަކުވެސް ބާރު އަޅުއްވާނީ އެ މެންބަރެއްގެ ދާއިރާއަށް ރަނގަޅު ގޮތް ހޯދުމަށެވެ. މައްޗަންގޮޅީ މެދަށް އެއާޕޯޓެއް ބޭނުންވާ ކަމަށް އެ ދާއިރާގެ މެންބަރު ވަކާލާތު ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ..،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ގިނަ ބިލުތަކާއި ގަރާރު އަދި މައްސަލަތައްވެސް ހުށަހެޅެނީ މުޅި ރާއްޖެއަށް ނިސްބަތްކޮށް ކަމަށްވާ އިރު، ވަކި ރަށަކަށް ނިސްބަތްކޮށް ހުށަހަޅާ ގިނަ ކަންކަމަކީ އެ ރަށެއްގެ މައްސަލައެއްގެ ގޮތުގައި ހުށަހެޅޭ ކަންކަން ނޫން ކަމަށާއި އެ ރަށެއްގައި އެކަން ހިނގާތީ އެ ރަށަކަށް ނުވަތަ ސަރަހައްދަކަށް ނިސްބަތްވަނީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މެންބަރުން އިންތިހާބު ވެފައިވަނީ ސަރަހައްދުތަކުން ކަމުން މެންބަރުން ވަކާލާތުކުރަނީ ރަށާއި އަތޮޅަށް ފަހިވާ ގޮތަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރަދުންގެ އަށް މެންބަރުންވެސް އަދި ރައީސްގެ އަށް މެންބަރުންވެސް ވަކާލާތު ކުރީ ރަދުންގެ ފަރާތްޕުޅުން ނުވަތަ ރައީސްގެ ފަރާތްފުޅުން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކީ އިންތިހާބަކާ ނުލައި އައްޔަންވާ މެންބަރުންގެ ގޮތުގައި އޮތުމަކީ ޑިމޮކްރަޓިކް މަޖިލީހެއްގެ އަސާސީ އުސޫލާ މުޅީން ހިލާފު ކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ދުރޫސުލް އަހުލާގާވެސް ނުބައްދަލު ކަމެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މުޅި ރާއްޖެ ތަމްސީލު ކުރުމަށް މަޖިލީހުގައި މެންބަރުން ތިއްބެވުން ބޭނުންތެރި ކަމަށާއި އަދި އެ މެންބަރުން އިންތިހާބު ކުރާނެ ގޮތް ކަނޑައަޅަން ޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ގިނަ ގައުމުތަކުގެ މަޖިލިސް އެކުލެވިގެންވާނީ ގައުމީ ލިސްޓެެއް ނުވަތަ މުޅި ގައުމު ތަމްސީލުކުރާނެ މެމްބަރުން ހިމެނޭގޮތަށް ކަމަށާއި އެ މެންބަރުން އިންތިހާބު ކުރުމުގައި އެކި ގޮތްގޮތް ބޭނުން ކުރާ ކަމަށެވެ.
އެގޮތުން ގިނަ ގައުމުތަކުގައި ގެންގުޅޭ އެއް ހަމައަކީ މެންބަރުން ހަމަވެގެން ރަޖިސްޓްރީވެފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށް ގޮނޑިއެއްދީ، އަދި ސިޔާސީ ޕާޓީތަކުން ކާމިޔާބު ކުރާ ގޮނޑީގެ އަދަދަށް ބަލައި އެ ޕާޓީއަކުން މެންބަރުން ކަނޑައެޅުމުގެ ފުރުސަތު ދިނުމުގެ އުސޫލު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ މެންބަރުން ވަކާލާތުކުރަން ޖެހޭނީ އެ މެންބަރުން އިންތިހާބުވެފައިވާ ސިޔާސީ ޕާޓީތަކުގެ އުސޫލުތަކާއި ފަލްސާތަކުގެ ދިފާއުގައި ކަމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު