ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ކުރިއަށްގެންދާ އިމަޖެންސީ ހަރަކާތަކާ ގުޅިގެން ސިނަމާލެ ބުރިޖުގެ ޓްރެފިކަށް ބަދަލުގެންނާނެ ކަމަށް ފުލުހުން ބުނެފި އެވެ.
އެއާޕޯޓުގައި ހިނގައިފާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ގަވައިދުން ބާއްވާ ފުލްސްކޭލް އިމަޖެންސީ އެކްސަސައިޒް، މިއަދު ހަވީރު ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
ފުލުހުން ބުނީ މިއަދު އެމްއޭސީއެލްގެ ފަރާތުން ކުރިއަށް ގެންދާ އެއާޕޯޓް ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒާ ގުޅިގެން މިއަދު ހަވީރު 16:00 އިން ފެށިގެން މިރޭ 20:00 އަށް ބްރިޖުގެ ޓްރެފިކް ފްލޯއަށް ބަދަލުގެނެވޭނެ ކަމަށެވެ. އެހެންކަމުން މިވަގުތުތަކުގައި ފުލުހުން ދޭ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ. ނަމަވެސް ބަދަލު ގެންނަ ގޮތުގެ ތަފުސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
އެއާޕޯޓް ފުލްސްކޭލް އިމަޖެންސީ އެކްސަސައިޒްގެ ބޭނުމަކީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި ވީއައިއޭގެ އިމަޖެންސީ ޕްލޭން އަދި ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާސް އާއި، މި ހަރަކާތުގައި ބައިވެރިވާ އެއާލައިންތަކުގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ.
މީގެ އިތުރުން އެމްއޭސީއެލްގެ ޑިޕާޓްމަންޓްތަކާއި ސަރުކާރުގެ އެކި އިދާރާތަކާއި ކަމާގުޅޭ އެހެން މުއައްސަސާތަކުގެ މެދުގައި ގުޅުން އޮންނަ މިންވަރުވެސް ވަޒަން ކުރެވޭނެއެވެ. ކުއްލި ނުރައްކަލުގެ ހާލަތެއްގައި އެހީތެރިވާނެ އިދާރާތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ކެޝުއަލްޓީ މެނޭޖްމެންޓް ކެޕޭސިޓީ އަމިއްލައަށް ވަޒަންކޮށްލަން ލިބޭނެ ފުރުސަތަކަށް މި ހަރަކާތް ވެގެންދާނެއެވެ.
އެމްއޭސީއެލުން ބުނީ މިއަދު ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް ހަރަކާތް ކުރިއަށްގެންދާ އިރު، ހަވީރު 4:00 އިން 6:00 އަށް އެއާޕޯޓުގެ ރަންވޭގެ އޮޕަރޭޝަން އެއްކޮށް މަޑުޖައްސާލާނެ ކަމަށާއި ނަމަވެސް ބައިނަލްއަގުވާމީ އުދުހުންތަކުގެ ޗެކިން އަދި ސީޕްލޭން އޮޕަރޭޝަން ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.
މި ހަރަކާތުގައި އެއާޕޯޓުގެ އެކި ދާއިރާތަކުގެ އިތުރުން ސިއްހީ ހިދުމަތްދޭ ތަންތަން ހިމެނޭގޮތުން 30 އިދާރާއަކުން ބައިވެރިވާނެ ކަމަށާއި މި ހުރިހާ މުއައްސަސާތަކުގެ އިމަޖެންސީ ޕްލޭން ހަރަކާތްތެރި ކުރެވިގެންދާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު