އެއްމޮޑެލް ފެއިލިވެއްޖެއްޔާ އަނެއް މޮޑެލަކަށް ގެންގޮސްގެން ނަމަވެސް، ރާއްޖޭގައި އިތުރު ހަ އެއާޕޯޓް ހެދުމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށް މިނިސްޓަރު އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، ހަ ރަށެއްގައި އެއާޕޯޓް ހަދާނެ ބަޔަކު ހޯދުމަށް މިއަހަރުގެ ފެބްރުއަރީމަހުގެ އިއުލާންކޮށްފައިވާއިރު، އެ އެއާޕޯޓުގެ މަސައްކަތް ފެށުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އަފީފުގެ ސުވާލާ ގުޅިގެން މިނިސްޓަރު އަސްލަމް ވިދާޅުވީ، އެއާޕޯޓް ހަދާނެ ބަޔަކު ހޯދަން ކުރި އިއުލާނާ ގުޅިގެން، އެކި އެއާޕޯޓް ހެދުމަށް ޕްރޮޕޯސަލްތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެގްރީމެންޓަކާ ހިސާބަކަށް އާދެވޭވަރަށް އެކަން އަދި ކުރިއަށްގޮސްފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އަފީފުގެ ސުވާލުގައި ފ. މަގޫދޫގައި ހަދާ އެއާޕޯޓުގެ މަސައްކަތާއި، ތ. ވިލުފުށީ އެއާޕޯޓުގެ ވާހަކަ ފާހަގަ ކުރައްްވާފައިވާތީ، މިނިސްޓަރު އަސްލަމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މަގޫދޫ އެއާޕޯޓާއެކު މިއަހަރުގެ ތެރޭގައި ދެ އެއާޕޯޓު ހުޅުވުން ކަމަށެވެ. އެހެންކަމުން މަގޫދޫގައި އެއާޕޯޓް ހެދުމަށް ބޭނުންވާ ބިން ހިއްކުމަށް ކޮންޓްރެކްޓްގައި ސޮއިކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެއާޕޯޓުތަކުގެ މަސައްކަތް ކުރިއަށްގެންދިއުމާބެހޭގޮތުން އެގްރީމެންޓަކާ ހިސާބަށް އަދި ނުދެވުނު ނަމަވެސް ސަރުކާރުގެ ބަޖެޓުން ހިންގެން އޮތް މިންވަރުން އެމަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. މިހާރު ކުރިއަށްދާ ޕްރޮސެސްގެ ތެރެއިން އެކަން ނުވެއްޖެނަމަ ސަރުކާރު ބަޖެޓުންވެސް އެކަން ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ، "އެއްމޮޑެލެއް ފެއިލްވެއްޖެއްޔާ، އަނެއް މޮޑެލަށް ގެންގޮސްގެންވެސް، އިއުލާންކޮށްފަިއވާ ހަ އެއާޕޯޓުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" ކަމަށެވެ.
އިތުރު ހަ އެއާޕޯޓެއް ހެދުމަށް ސަރުކާރުން ހަމަޖައްސާފައިވާ ރަށްތަކުގެ ތެރޭގައި، ވިލުފުއްޓާއި މަގޫދޫގެ އިތުރުން ދެން ހިމެނެނީ، ބ. ތުޅާދޫ އާއި ށ. ބިލަތްފަހި، ހދ. މަކުނުދޫ އާއި ރ. އަތޮޅު ދެކުނުބިތުން ރަށެކެވެ.
"ކްރޮސް-ސަބްސިޑީ" މޮޑެލްގެ ދަށުން ހަ ރަށުގައި އެއާޕޯޓް ހެދުމަށް ނިންމާފައިވަނީ 133 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) އަށެވެ.
ކްރޮސް ސަބްސިޑީ އަކީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލައި އިއުލާނުކޮށްފައިވާ އުސޫލުތަކެއްގެ މަތިން ހިންގާ މަޝްރޫއެއް ހަވާލުކުރެވޭ ފަރާތަކުން ދުރާލައި ކަނޑައަޅާފައިވާ އަދަދަކަށް އެ ފަރާތުގެ އަމިއްލަ ފައިސާ އިންވެސްޓްކޮށްގެން އެ މަސައްކަތް ކުރާކަމަށްޓަކައި، އެ މަސައްކަތުގެ އަގުގެ މުގާބިލުގައި ދައުލަތުން އެ ފަރާތަށް ދޭ އިނާޔަތެއްގެ ގޮތުގައި ނުވަތަ ލުޔެއްގެ ގޮތުގައި ނުވަތަ ބަދަލެއްގެ ގޮތުގައި ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅެވެ.
ހދ. މަކުނުދޫ - 23,300,000 ޑޮލަރު
ށ. ބިލެތްފަހި - 23,600,000 ޑޮލަރު
ބ. ތުޅާދޫ - 21,900,000 ޑޮލަރު
ތ. ވިލުފުށި - 33,300,000 ޑޮލަރު
ފ. މަގޫދޫ - 8,200,000 ޑޮލަރު
ރ. އަތޮޅު - 23,600,000 ޑޮލަރު
މުޙައްމަދު އަސްލަމް
މުޙައްމަދު އަސްލަމް
މުޙައްމަދު އަސްލަމް