އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ. ސިޓީއަށް ރޭގެ ނަތީޖާވީ މާޔޫސީ ނަތީޖާއަކަށެވެ. ރޭގެ މެޗުން ސިޓީއަށް ޕޮއިންޓެއް ލިބުމާއެކު، އެޓީމުން އެއްވަނައިގައި ދަމަހައްޓަމުން އައި ހަ ޕޮއިންޓުގެ ލީޑު، ހަތަރު ޕޮއިންޓަށް ވަނީ ކުޑަވެފައެވެ. އަދި އަތުގައި މެޗެއް އޮތް ލިވަޕޫލަށް އެ ލީޑު އެއް ޕޮއިންޓަށް ކުޑަކޮށްލަން އޮތީ ރަނުގެ ފުރުސަތެކެވެ.
ސިޓީ މިވަގުތު އެއްވަނައިގައި އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކުގައެވެ. އެއީ 29 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް 28 މެޗުން 66 ޕޮއިންޓް ލިބިފައިވާ އިރު، ބުދަ ދުވަހުގެ ރޭ އާސެނަލް އަތުން ލިވަޕޫލް މޮޅުވެއްޖެނަމަ ސިޓީއާ އެއް ޕޮއިންޓް ކައިރިއަށް ޖެހިލާނެއެވެ.
ރޭގެ މެޗުގައި ސިޓީން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެޓީމަށްވެސް ގޯލަށް އަމާޒުކޮށް ހަމަލާތައް އުފައްދަން އުނދަގޫވިއެވެ. މެޗުގެ ފުރަތަމަ ހާފުގައި ސިޓީން އުފެއްދި ހަމަލާތައް ޕެލެސްގެ ގޯލްކީޕަރު ވިސެންޓޭ ގައިޓާ މަތަކުރި އިރު، ދެވަނަ ހާފުގައި ސިޓީއަށް ޕެލެސް ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.
މެޗަށްފަހު ވާހަކަދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މޮޅެއް ބޭނުންވެ، މޮޅެއް ނުލިބުމުން މާޔޫސްވާ ކަމަށާއި، ވިނަގަނޑަށް ބަލައިލުމުންވެސް މެޗުގެ އުނދަގޫކަން އެނގުނު ކަމަށެވެ.
"އަދި އެބައޮތް ވަރަށް ގިނަ މެޗުތައް. އަދި ވަރަށް ގިނަ މެޗުތަކަކުން މޮޅުވާންވެސް އެބަޖެހޭ. މެޗުގެ ނަތީޖާއާ މެދު މާ ބޮޑު ނުތަނަވަސް ކަމެއް ނެތް. ސިޓީން ކުޅުނީ ސީދާ މޮޅަކަށް. އެކަން ފެންނާނެ ޓީމު ކުޅުނު ގޮތުންވެސް. ސިޓީން އުނދަގޫ ސްޓޭޑިއަމްއެއްގައި ކުޅުނު ފެންވަރަށް ފަހުރުވެރިވޭ. ދަނޑުގައި ވިނަގަނޑުވެސް އެންމެ ރަނގަޅެކޭ ނެތް ބުނެވޭކަށް،" ގާޑިއޯލާ ބުންޏެވެ.
ސިޓީއަށް ލީގުގައި ބާކީ ނުވަ މެޗު އޮތް އިރު، ވާދަވެރި ލިވަޕޫލަށް އަދި ލީގުގައި ބާކީ ދިހަ މެޗު އެބައޮތެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު