ކޮވިޑު19އިގެ ކުއްލި ހާލަތާ ގުޅިގެން އަޅަން މަޖުބޫރުވި، އަދި އަދަބު ކަނޑައެޅޭ ގަވާއިދަކަށް ވެގެން ދިޔަ 'މާސްކު އެޅުން' މަޖުބޫރުު، ލާޒިމު، ނުވަތަ އަޅަން ޖެހުން، ރޭގައި ރަސްމީކޮށް ބަދަލުކުރުމުން ފެންނާނެކަމަށް ހީކުރި މަންޒަރެއް ނުފެނެއެވެ. މާސްކު އެޅުން މަޖުބޫރުވެގެން ދިޔަ ފުރަތަމަ ދުވަސްކޮޅުގައި، މަގުތައް މަތިން މާސްކާ ނުލައި އުޅޭނަމަ، ކަނޑައެޅިފައި އޮތް ގަވާއިދުގެ މަތިން، ނަތީޖާއާ ކުރިމަތިލާން ޖެހުނު މީހުން މަދެއް ނޫނެވެ. ތަކުރާރުކޮށް ޖޫރިމާނާކުރަމުން ގޮސް އަތްނުފޯރާ ފަށަށް، މިމައްސަލަ ދިޔަ ދުވަހެއްވެސް މާޒީއާ އެކުވެގެން ގޮސް މިއަދު މިވަނީ މިކަންވެސް ނިމުމަކަށް އައިސްފައެވެ.
އެހެންކަމުން މާލޭގެ މަގުތައް މަތިން ފެންނާނެކަމަށް ހީވި މަންޒަރު ބަލައިލުމަށް މިއަދު މަގުތައް މަތިން ދެތިން ފަހަރަކު ދަތުރުތަކެއް ކޮށްލީމެވެ. މިދިޔަ މަގުމަތީގައި ތަފާތު އެކި އުމުރުގެ، އެކިފުރައިގެ، އެކި ގައުމުތަކުގެ އަދި އެކި ދާއިރާތަކުގެ މީހުންނާއި ދަރިވަރުންނާވެސް ދެ ސުވާލެއް ކޮށްލީމެވެ.
"މާސްކު ނާޅާ އުޅުން ވަކިހާލަތެއްގައި ނޫނީ މިހާރު މަނަލެއް ނޫން، ތާއީދު ކުރަނީ މާސްކު އެޅުމަށްތޯ ނޫނީ ނާޅާ އުޅުމަށްތޯ؟ ސަބަބަކީ ކޮބައިތޯ؟"
ލިބުނު ޖަވާބުތައް ވަރަށް އެއްގޮތެވެ. ސަބަބުތަކާއި ދެކޭގޮތްތައްވެސް ދާދި އެއްގޮތެވެ. ސައްތައިން ބަލާނަމަ ނުވަދިހަފަހެއް އިން ސައްތަ އޮތީ މާސްކު އެޅުމަށް ތާއީދުކުރާ ބައިގައެވެ. ހަމަ އެންމެ ފަސްޕަސެންޓު މީހުން މާސްކު އެޅުން ހުއްޓާލުން ބޮޑު ބުރައަކުން ސަލާމަތްވިކަމަށް ބުނުމާއެކު މާސްކު ނާޅާ އުޅުމަށް ތާއީދު ކުރެއެވެ.
"މިހާރު އުނދަގުލީ މާސްކު ނާޅާ އުޅެން. މާސްކަކީ ލާ ހެދުމުގެ ބަޔަކަށް މިހާރުވެއްޖެ. މާސްކު ނާޅާ ނުކުމެވިއްްޖެނަމަ ލައިގެން ހުރި ހެދުމުން ބައެއް މަދޭވެސް ހީވާކަހަލަ."
"ބުރުގާ ނާޅާ އުޅުމެކޭ މާސްކު ނާޅާ އުޅުމެކޭ މިހާރު ހަމަވަނީ އެއްގޮތް. އެހާވެސް އާދަވެއްޖެ."
"މިއޮތީނު. މާސްކު ނާޅާ ދެނެއް ނޫޅޭނަން. ދެން ނަގުވަންޏާ ޖެހޭނީ އަޅުވަން ކުރި މަޖުބޫރުކޮށްގެން ހަމައެވަރަށް ޖޫރިމާނާވެސް ކުރަން. ގައިމު ހާދަ ލާރިއެއް މީރާއަށް ދޭންޖެހުނޭ މާސްކުނާޅައިގެން. މިދިޔަ ރޯދަމަހު ކޮންމެ ދެދުވަހުން އެއްދުވަހު އޭގެ ކުރުސިޓީއެއް ލިބުނު. އެކަމަކު ހައްގުތެދެއް މިބުނީ. މިކުޑަކުޑަ ފޮތިކޮޅަކީ ކިހާ މުހިންމު ބޭނުންތެރި އެއްޗެއްކަން މިހާރު އެނގޭ."
ތަންކޮޅެއް ސަކަމިޒާޖެއްގެ މީހެއްކަމުން މިމީހާ މަޖާވެލާފައި ބުންޏަސް މިއީ ހަގީގަތުގައިވެސް ވަރަށް މުހިންމު ވާހަކަތަކެކެވެ.
ތެދެކެވެ. އިރެއްގައި މާސްކު ނުލައި ބޭރަށް ނުކުމެވިއްޖެނަމަ އެދުވަހުގެ ހުރިހާ ކަމެއް ގޯސްވީއެވެ. މާސްކުގެ ބަދަލުގައި ފޮތިކޮޅެއް އަޅައިގެން އުޅެންވެސް ބައެއް ފަހަރަށް މަނާކުރެވުނެވެ. ތަކުރާރުކޮށް އެތައް ފަހަރަކު ނަސޭހަތްތެރިވެފައިމެ އަދަބާ ހަމައަށް ގޮސްފައި އެބަހުއްޓެވެ. ޖޫރިމާނާ ކުރެވުނު އަދަދު ނޭނގޭ ވަރަށް ޖޫރިމާނާ ކުރެވިފައިވެސް އެބަހުއްޓެވެ. އެންމެ ފުރަތަމަ މާސްކު އެޅުން މަޖުބޫރުވެގެން އައިއިރު މިއީ ބޮޑު ތުރާލަކަށް އުނދަގުލަކަށްވެގެން އެކަމާ ރުޅިއައިސްގެން އުޅުނު މީހުން މަދެއް ނޫނެވެ.
"ހީވަނީ އެހެންކަހަލަ ކަމެއްހެން. ނަފުސާނީވާ ކަހަލަ ކަމަކަށްވީ، ކިރިޔާވެސް ހަނދާން ނެތިގެން ނުލައި ނުކުމެވިއްޖަނަމަ ޖެހިގެން އެންމެ ކައިރިން ދިމާވާ ފިހާރައަކުން މާސްކު ގަންނަން ޖެހޭނީ. އެކަމަކު މިހާރު މާސްކު ނާޅާ އުޅުން ހުއްދަވީމަވެސް މިއުޅެވެނީ ހަމައެހެން. މިއަދުވެސް ހަނދާން ނެތިގެން މާސްކު ނުލައި ގެއިން ނުކުމެވުނީ، ދުވަމުން ގޮސް ކައިރީ ފިހާރައަކުން ގަނެގެން އޮފީހަށް ދިޔައީ."
މިކަމުން އެނގެނީ ފިތުރަތުގައި ނެތްކަމެއް އެމީހާ ގައިގައި ހަރުލައްވަން ވަގުތު ނަގާނެކަމެވެ. އެހެންނަމަވެސް އެއާދައެއް ތޮބީއަތުގައި އަށަގަނެ ހަރުލައިފިނަމަ، ދެން އެއާދައެއް ކަނޑުވަން ނުވަތަ ބަދަލުކުރަން އަނެއްކާވެސް ވަގުތުތަކެއް ހާދަވާނެކަމެވެ. މިއީ ކަންތައް ހިނގާ އުސޫލުތަކެވެ.
ކޮންމެ ގޮތަކަށް ކަންތައް އޮތްކަމުގައިވިޔަސް، މާސްކު އެޅުން މަޖުބޫރުވުން ހުއްޓާލުމާއެކުހެން މީހުން މާސްކު ނާޅައި އުޅޭކަށް މާބޮޑު ފޯރިއެއް ނެތެވެ. ހަމަ އާދައިގެ މަތިން މާސްކު އަޅައިގެން އެމީހަކު ދާން ޖެހޭ ތަނަކަށް ދާން ނުކުތްއިރު ސުކޫލުތަކަށް ގެންދާ ދަރިވަރުންވެސް ފެންނަމުން ދިޔައީ މާސްކާ އެކުގައެވެ.
"ކުރިން އެޅީ މަޖުބޫރުވެގެން، އަޅަން ޖެހިގެން، އެކަމަކު މިހާރު މިއަޅަނީ އަޅާހިތުން، އަޅަން ބޭނުންވެގެން." މިއީ ގްރޭޑްއަށެއްގެ ދަރިވަރެއްގެ ޖަވާބެވެ، "އައި ދެކޭ ގޮތުގައި މާސްކު އެޅުމުން ލިބޭނެ ގެއްލުމެއް ނޯންނާނެ. އެހެންވިއްޔާ ގެއްލުމެއް ނެތް، އެކަމަކު ފައިދާ އޮތްކަމެއް ކުރުމުން އޭގެ ޕްލަސްޕޮއިންޓުކޮޅު ލިބޭނީ ހަމަ ތިމާއަކަށްނު."
ތަފާތު ގޮތްގޮތަށް ތަފާތު ޖަވާބުތައް ދިންކަމުގައިވިޔަސް ވާހަކައަކީ އެއްވާހަކައެކެވެ. މައިގަނޑު އެއް ޕޮއިންޓެކެވެ. އާނއެކެވެ. މާސްކު އެޅުމަށް އާދަވާން ވަގުތުނެގިކަމަކީ ހަގީގަތެކެވެ. އެެހެންނަމަވެސް މިހާރު މާސްކު އެޅުން މަޖުބޫރެއް ނޫނެވެ. ވަކިހާލަތްތަކެއްގައި މާސްކު އެޅުން މަޖުބޫރުވިޔަސް ރެއާއި ޖެހެންދެން މާސްކު މަޖުބޫރުވި ގޮތް މިހާރު އުވާލެވިއްޖެއެވެ. އެހެންނަމަވެސް މިއަދުގެ މިހިސާބަށް އައިއިރު ފެންނަ މަންޒަރު ވަކި ތަފާތެއް ނޫނެވެ. މާސްކު އަޅަން މަޖުބޫރުވި ދުވަސް ފާއިތުވެ މިއަދު މާސްކާ ނުލައި ތަނަކަށް ނުވަދެވޭނެ ކަމުގެ ހާސްވުމުން މިއޮތީ ސަލާމަތްވެފައެވެ.
ދިރާސާ ކުރާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި 21 ދުވަސް ވަންދެން މީހަކު އެއްކަމެއް ކުރުމުގައި މެދުނުކެނޑި އާދަކޮށްފިނަމަ އެއާދަކުރި ކަމެއް އެމީހާގެ ތޮބީއަތުގައި، ނުވަތަ ކަށީގަައި ހަރުލުމުގެ ފުރުސަތު ބޮޑެވެ. އެހެންވީއިރު މާސްކު އެޅުން އާދަވުމަށް ކިތައް 21 ދުވަސް ހަޔާތުން ވޭތުކުރެވިއްޖެހެއްޔެވެ؟ މިހާރު ދެން މިއާދަ ދޫކޮށްލުމަކީ ހަގީގަތުގައިވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. އަދި މިއާދަ ދޫކޮށްނުލައި މިއީ ކޮންމެ ވަގުތަކުވެސް ތިމާ ގެއިން ބޭރަށް ދާ ވަގުތު ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އާދަ ކޮށްލުމުން ލިބޭނެ ގެއްލުމެއް ނެތެވެ. އެކަމަކު ޔަގީނުންވެސް ފައިދާ ލިބޭނެކަމާމެދު އެއްވެސް ޝައްކެއް ނުއުފެދެއެވެ.