ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގަރާރެއް އެ ގައުމުގެ ކެބިނެޓުން ފާސްކޮށްފިއެވެ.
ޔޫއޭއީގެ ކެބިނެޓުން އިއްޔެ ފާސްކުރި މި ގަރާރުގެ ދަށުން، 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ އެކައުންޓު ހެދުމާއި ބޭނުންކުރުން މަނާވާނެއެވެ. މީގެ އިތުރުން، 15 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރެވޭނީ ބެލެނިވެރިންގެ ކޮންޓްރޯލްތަކާއި، ވަގުތު ކަނޑައެޅިފައިވާ ގޮތެއްގެ މަތީންނެވެ. ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ ހުރިހާ ޕްލެޓްފޯމަކަށް މި ގަވާއިދު ހިނގާނެއެވެ.
މި ގަވާއިދަށް އަމަލުކުރަން ފެށުމަށް ސޯޝަލް މީޑިއާ ކުންފުނިތަކަށް 12 މަސްދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. މި މުއްދަތުގެ ތެރޭގައި، އުމުރު ކަށަވަރުކުރާނެ ހަރުދަނާ ނިޒާމުތަކެއް ގާއިމުކުރުމަށް ކުންފުނިތަކަށް ވަނީ އަންގައިފައެވެ. އޭގެ ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ އާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުމުރު ކަށަވަރުކުރުން ހިމެނެއެވެ. އަދި އަމިއްލައަށް އުމުރު ބުނެދޭ ގޮތަށް އޮންނަ އޮތުން މީގެ ފަހުން ގަބޫލު ނުކުރާނެ ކަމަށް ވެސް އެ ގަރާރުގައިވެއެވެ. ބެލެނިވެރިންގެ ހުއްދަ އޮތް ނަމަވެސް، 15 އަހަރުން ދަށުގެ ކުދިންނަށް މި ޕްލެޓްފޯމްތައް ބޭނުމެއް ނުކުރެވޭނެއެވެ.
ޔޫއޭއީ ސަރުކާރުން ބުނި ގޮތުގައި މި ނިންމުމުގެ މައިގަނޑު މަގުސަދަކީ އޮންލައިންކޮށް ކުދިންނަށް ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްކުރުމާއި، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމެވެ. އަދި ކުދީންގެ ޒާތީ މައުލޫމާތު އެއްކުރުން ހުއްޓުވުމަކީ ވެސް މި ސިޔާސަތުގެ ބައެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
މި ނިންމުމަށް ގިނަ ބެލެނިވެރިން ތާއީދުކުރި ނަމަވެސް، ޓެކްނޮލޮޖީގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި މިއީ ތަންފީޒުކުރަން އުނދަގޫވާނެ ކަމެކެވެ. އަދި މީގެ ސަބަބުން ކުދިންގެ އިޖުތިމާއީ ގުޅުންތަކަށް އަސަރުކޮށް، ސިއްރުން އެހެން ޕްލެޓްފޯމްތައް ބޭނުންކުރުމުގެ ފުރުސަތު އޮތް ކަމަށް ބައެއް ފަރާތްތަކުން އިންޒާރުދެއެވެ.
މި ގަވާއިދާ އެކު، ޔޫއޭއީ ވެފައިވަނީ ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރި ފުރަތަމަ އަރަބި ގައުމަށެވެ. މީގެ ކުރިން އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތުން ވެސް ވަނީ މިފަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. މިހާރު ކުންފުނިތަކުން އަންނަނީ އުމުރު ކަށަވަރުކުރާނެ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު
ކޮމެންޓް