ޚަބަރު

ސްކޫލުތަކުގައި ދަރިވަރުންނަށް މާސްކު އެޅުން މަޖުބޫރެއް ނުވާނެ: އެޑިއުކޭޝަން

އަލީ ޔާމިން

ސްކޫލުތަކުގައި ދަރިވަރުންނަށް މާސްކު އެޅުން މަޖުބޫރެއް ނުވާނެ ކަމަށާއި ނަމަވެސް ބޭނުންނަމަ ދަރިވަރުންނަށް މާސްކު އެޅޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގައި އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިއަދުން ފެށިގެން އުވާލާފައިވާތީ ކޮވިޑް ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުތަކެއް ގެނެސް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މާސްކު އެޅުން މަޖުބޫރުވުން އުވާލުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް 20 ޕަސަންޓަށް ވުރެ ދަށް ރަށްރަށުގެ ސްކޫލުތަކުގައި މާސްކު އެޅުން މަޖުބޫރު ނުވާނެ ކަމަށާއި ނަމަވެސް ބެލެނިވެރިޔާ އާއި ދަރިވަރުން ބޭނުން ނަމަ ދަރިވަރުން މާސްކު އަޅައިގެން ސްކޫލަށް ފޮނުވުމަކީ މައްސަލައެއް ނޫން ކަމަށެވެ.

ހައި ރިސްކު ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު މާސްކު އެޅުމަކީ އެދެވިގެންވާ ކަމެއް ކަމަށާއި ސުކޫލުތަކުގައި ހުންބެލުމާއި ގިނަގިނައިން އަތްދޮވުމުގެ ކަންތައް ކުރިއަށް ގެންދެވޭނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

އެޗްޕީއޭ އިން މިރޭ ބުނި ގޮތުގައި އަދިވެސް ދެ ހާލަތެއްގައި މާސްކު އެޅުން މަޖުބޫރެވެ. އެގޮތުން ސިއްހީ ހިދުމަތް ދޭ ތަންތަނުގައި މާސްކު އެޅުން މަޖުބޫރެވެ. އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ދާ މީހުންވެސް އެ ވަގުތު މާސްކު އެޅުން މަޖުބޫރުވާނެއެވެ.

މީގެ އިތުރުން ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް 20 ޕަސަންޓަށްވުރެ މަތި ރަށްރަށުގައި މާސްކު އަޅަން ޖެހެއެވެ.

މާސްކް އެޅުން މަޖުބޫރު ނުވި ނަމަވެސް ބަލީގެ އަލާމާތް ހުންނަ މީހުންނާއި ބަލިޖެހުމުން ނުރައްކާ ވެދާނެ މީހުންނާއި ގިނަ މީހުން އެއްތަންވާ ތަންތަނާއި ހާލަތްތަކުގައި މާސްކު އެޅުމަކީވެސް އެދެވިގެންވާ ކަމެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.