ޗެމްޕިއަންސް ލީގުން ކެޓުމަށްފަހު ޕީއެސްޖީން ކުޅުނު ފުރަތަމަ މެޗުގައި، ކްލަބުގެ ސަޕޯޓަރުން ލިއޮނަލް މެސީއާއި ނޭމާއަށް އާމަޒުކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
މިދިޔަ ހަފުތާ ތެރޭ ޕީއެސްޖީން ޗެމްޕިއަންސް ލީގުން ކަޓައިގެން ދިޔައީ ރެއާލް މެޑްރިޑް އަތް ދަށު ވެގެންނެވެ. ފުރަތަމަ ލެގުގައި ރެއާލް ކައިރީ 1-0 އިން މޮޅުވެފައި އޮތް ޕީއެސްޖީން މިދިޔަ ހަފުތާ ރެއާލްގެ ދަނޑުގައި ކުޅުނު މެޗުގައި ބަލިވީ 1-3 ގެ ނަތީޖާއަކުންނެވެ. މެޗުގައި ކަރިމް ބެންޒެމާ ހެދި ހެޓްރިކާއެކު ރެއާލުން ޕީއެސްޖީ ބަލިކުރީ ފަހަތުން އަރައެވެ.
އެ މާޔޫސީ ނަތީޖާއާއެކު ޕީއެސްޖީގެ ސަޕޯޓަރުން ވަނީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ އިތުރުން ޕީއެސްޖީގެ ރައީސް ނާސިރު އަލް ހަލީފީ އަދި ޓެކްނިކަލް ޑިރެކްޓަރު ލިއެނާޑޯ އަރައޫހޯއަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔައިފަައެވެ. ބައެއް ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި ބަލީގެ ޒިންމާ މެސީއާއި ނޭމާ ފަދަ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިން ނަގަން ޖެހޭނެއެވެ.
މިރޭ ފްރާންސް ލީގުގައި ޕީއެސްޖީން ކުޅުނު މެޗުގައި ބޯޑޯ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ގޯލު ކިލިއަން އެމްބާޕޭ ޖަހައިދިން އިރު، ދެން ޖެހި ދެ ގޯލު ޖަހައިދިނީ ނޭމާއާއި ލެއާންޑްރޯ ޕަރެޑެސްއެވެ. މެޗު ކުޅެމުން ދިޔަ އިރު، މެސީއާއި ނޭމާގެ ފައިގައި ބޯޅަ ޖެހޭ ކޮންމެ ފަހަރަކު ޕީއެސްޖީ ސަޕޯޓަރުން ދިޔައީ "ބޫ" ލައްވަމުންނެވެ. އަނެއްކޮޅުން އެ ދެކުޅުންތެރިންނާއެކު ޕީއެސްޖީގެ ކުރިއަށް ކުޅޭ އެމްބާޕޭއަށް ސަޕޯޓަރުން ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެއެވެ. އެމްބާޕޭއަކީ ރެއާލް ކޮޅަށް ދެމެޗުގައިވެސް ގޯލު ޖެހި ކުޅުންތެރިޔާއެވެ.
ޕީއެސްޖީން 15 ޕޮއިންޓުގެ ލީޑެއްގައި ފްރާންސް ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 28 މެޗުން 65 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ނީސްއަށް 28 މެޗުން ލިބިފައި ވަނީ 50 ޕޮއިންޓެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ