އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބު ގްރީން ސްޓްރީޓްސް އަތުން ހޯދި ބޮޑު މޮޅާއެކު މާޒިޔާ ސްޕޯޓްސް ކްލަބު އެންޑް ރެކްރިއޭޝަން ކްލަބުން ލީގުގައި ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފިއެވެ.
ގައުމީ ދަނޑުގައި މާޒިޔާއިން މިއަދު ގްރީން ބަލިކުރީ 6-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިހާތަނަށް ލީގުގައި ކުޅުނު ހަ މެޗުންވެސް މާޒިޔާ މޮޅުވެފައި އޮތް އިރު، މިއަދުގެ މެޗުގައި ސްޕެއިންގެ މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒް ވަނީ ހެޓްރިކް ހަދައިފައެވެ. ސްޕެނިޝް ލީގުގެ ލާސް ޕާމާސްއަށް ކެރިއަރުގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުމަށްފަހު ރާއްޖެ އައި ޓަނާ މިހާތަނަށް މާޒިޔާ ޖާޒީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު، މިއަދުގެ ތިން ގޯލާއެކު އޭނާ މާޒިޔާއަށް ޖެހި ގޯލުގެ އަދަދު ވަނީ ހަޔަކަށް އަރައިފައެވެ.
މިއަދުގެ މޮޅާއެކު މާޒިޔާ އެއްވަނައިގައި އޮތީ ހަ މެޗުން 18 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް ކްލަބް ވެލެންސިއާއަށް ފަސް މެޗުން ވަނީ 12 ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި ކްލަބް އީގަލްސް އޮތީ ފަސް މެޗުން ދިހަ ޕޮއިންޓާ އެކުގައެވެ. ޕްރެސިޑެންޓްސް ކަޕުގައި ރަނގަޅު ފޯމެއްގައި ކުޅުނު ގްރީނަށް އެ ފޯމު ލީގުގައި ދެމެހެއްޓިފައި ނުވާ އިރު، އެންމެފަހުން ލީގުގައި ކުޅުނު ހަތަރު މެޗުންވެސް ވީ ބައްޔެވެ.
މެޗު ޑޮމިނޭޓްކޮށް، ކުރިއަށް ޖެހިގެން ކުޅެމުން ދިޔަ މާޒިޔާއިން މެޗުގެ 18 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. އޭރިއާ ތެރެއިން ޓަނާ ފޮނުވާލި ބޯޅަ ގްރީންގެ ޑިފެންޑަރު ގައިގައި ޖެހި ބްލޮކް ވެގެން ނުކުތުމުން ރީބައުންސް ބޯޅައިގައި ގޯލު ހުޅުވާލަ ދިނީ ކޯނެލިއަސް ސްޓެވާޓް (ކޯނޭ) އެވެ. މާޒިޔާ އިން ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރުން ދެ ގޯލު ޖެހި އިރު، އެ ގޯލުތައް ޖަހައިދިނީ ޓަނާއެވެ.
ފުރަތަމަ ހާފުގައިވެސް ވަރުގަދައަށް ކުޅުނު މާޒިޔާއިން ދެވަނަ ހާފުގެ ކުރީކޮޅުގައި އިތުރު ގޯލެއް ޖަހައި، ނަތީޖާ 4-0 އަށް ބަދަލުކޮށްލިއެވެ. ދެވަނަ ހާފުގެ ކުޅުން ފެށިގެން ފަސް މިނިޓު ތެރޭ ނާއިޒް ހަސަން (ދާދު) ޖެހި ގޯލަކީ ކޯނޭގެ ހަމަލާ ގްރީންގެ ގޯލްކީޕަރު ސާގިބު ހަނީފް މަތަކުރުމުން އަތުގައި ޖެހިފައި ނުކުތް ވަގުތު، ރީބައުންސް ބޯޅަ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖެހި ގޯލެކެވެ.
މާޒިޔާގެ ފަސް ވަނަ ގޯލު ޖަހައި ޓަނާ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 78 ވަނަ މިނެޓުގައެވެ. އޭރިއާ ރޮނގުކައިރިން އަސަދުﷲ އަބްދުﷲ ދިން ބޯޅަ ކޮންޓްރޯލްކުރުމަށް ފަހު ޓަނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.
މާޒިޔާގެ ހަވަނަ ގޯލު ޖަހައި ލީޑު އިތުރަށް ފުޅާކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މެޗުގައި ހަމްޕުގެ ކުޅުން ފާހަގަކޮށްލެވުނެވެ.