ރަޝިއާ އާއި ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތަކުގެ އަންދާޒާއެއް ތައްޔާރުކޮށް، ފިނޭންސް މިނިސްޓްރީން މިހާރު ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިރޭ ގައުމާ މުހާތަބުކުރައްވަމުން ރައީސް ވިދާޅުވީ މި ހަނގުރާމަ ކޮންމެ ދުވަހަކުން ކޮންމެ ގޮތަކަށް ނިމުނަސް، ޔޫކްރެއިން މިހާރު އޮތް ހާލަތުން އަރައިގަތުމަށް އަހަރުތަކެއް ނަގާނެ ކަމަށާއި މި ހަނގުރާމައިން ދުނިޔޭގެ އިގުތިސާދަށް ލިބޭ ގެއްލުންތައް ފޫބައްދަން ވެސް އެހާ ދުވަސް ނަގާނެ ކަމަށެވެ. އެހެންކަމުން އެ މައްސަލައާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

"މި ހަނގުރާމަ ދިގުދެމިގެން ގޮސް، އެންމެ ގޯސް ހާލަތަކަށް ކަންތައް ހިނގައްޖެނަމަ، ރާއްޖޭގެ އިގުތިސާދަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތަކުގެ އަންދާޒާއެއް ތައްޔާރުކޮށް، މިނިސްޓްރީ އޮފް ފިނޭންސްއިން މިހާރު އަންނަނީ ފިޔަވަޅުތައް އަޅަމުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑުގެ އަޑިގަނޑުން އަރައިގަނެ ހިންދެމިލާ އިރު، ވަރަށް ނުރައްކާތެރި ބަނަ ވިލާގަނޑެއް އަނެއްކާވެސް ބޯމައްޗަށް އަރަމުންދާ ކަމަށާއި އެއީ ރަޝިއާ އިން ޔޫކްރޭންގައި ކުރަމުންދާ ނުރައްކާތެރި ހަނގުރާމަ ކަމަށެވެ. އަދި އެ ހަނގުރާމައިގެ ލޮޅުންތައް އެދަނީ މުޅި ދުނިޔެއަށް ގުޑުން އަރުވަމުން ކަމަށެވެ.

"އެ ހަނގުރާމައިން އުފެދޭ އިގުތިސާދީ ލޮޅުންތައް، ދުރާއި ގާތުގައިވާ ހުރިހާ ގައުމަކަށް އެބަ ފޯރާ. އެކަމުގެ ލޮޅުންތައް ރާއްޖެއަށްވެސް ފޯރަން ފަށައިފި. ރަޝިޔާއާއި ޔޫކްރެއިނަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމު. އެހެންކަމުން ރާއްޖޭގެ އިގުތިސާދަށް ވެސް ނުރަނގަޅު އަސަރުތަކެއް ކުރާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޔޫކްރޭން ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނާނެކަމަށް ލަފާކުރެވޭ ބަދަލުތައް ދިރާސާކޮށް، ފަތުރުވެރިކަމަށް އިތުރު މާކެޓުތައް ހޯދުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.