ރަޝިއާއިން ޔޫކްރޭއިނަށް އަރައިގަތުން ކުށްވެރިކުރައްވައި، ދެ ގައުމުން މަޝްވަރާގެ މޭޒުުދޮށަށް އެނބުރި އައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

މިރޭ ގައުމާ މުހާތަބުކުރައްވަމުން ރައީސް ވިދާޅުވީ ޔޫކްރޭން މައްސަލައިގައި ރާއްޖޭގެ ވިސްނުން ވަރަށް ސާފު ކަމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެފައިވަނީ ކޮންމެ ގައުމެއްގެވެސް މިނިވަންކަމާއި ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތުމުގެ މައްޗަށް ކަމަށެވެ. އަދި މިއީ އ.ދ. ގެ ޗާޓަރުގައި ކަޅާއި ހުދުން ކަނޑައި ނެގިފައިވާ ބައިނަލްއަގުވާމީ ގުޅުންތަކުގެ ބިންގާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ކުޑަ ޖަޒީރާ ގައުމެއްގެ ގޮތުގައި އޮވެ، އަޅުގަނޑުމެން ޒަމާނުއްސުރެއް ވަކާލާތުކުރަމުން މި އަންނަނީ، އެ ބިންގަލުގެ މަތީގައި ބައިނަލްއަގުވާމީ ގުޅުންތައް ދަމަހައްޓަން. މިއީ އަޅުގަނޑުމެން ގަބޫލުކުރާ ހަމަ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަޝިއާއިން ޔޫކްރޭއިނަށް އަރައިގަތުން ކުށްވެރިކޮށް، ހަނގުރާމަ ވަގުތުން ހުއްޓާލައި ޔޫކްރެއިނުން ފޭބުމަށް މިމަހުގެ ދެވަނަ ދުވަހު އ.ދ.ގެ އާންމު މަޖިލީހުގައި، 141 ގައުމުން ގޮވައިލި ގޮވައިލުމުގައި ބައިވެރިވެ ދިވެހިރާއްޖެ ވަނީ، ކުދި އަދި ނިސްބަތުން ބާރު ދަށް ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް ރާއްޖެއިން އުފުލަމުން އަންނަ އަޑު އަނެއްކާވެސް ތަކުރާރުކޮށްފައި ކަމަށެވެ.

"މިއީ ޔޫކްރެއިންގެ ރައްޔިތުންނަށް ވަރަށް ހިތްދަތި ވަގުތުތަކެއް. އެމީހުންނަށް ލިބެމުންދާ އަނިޔާތަކާ މެދު ހަމްދަރުދީވަން. ދެފަރާތުގެ މެދުގައި ހުރި ދެބަސްވުންތަކަށް ހައްލެއް ހޯދުމަށްޓަކައި، ދެ ފަރާތުންވެސް މަޝްވަރާގެ މޭޒުދޮށަށް އެނބުރި އައުމަށް، ބައިނަލްއަގުވާމީ މުޖްތަމައުން ގޮވައިލާ ގޮވައިލުން ދިވެހިރާއްޖެއިންވެސް ތަކުރާރުކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ހިނގާ ހަނގުރާމައާ ގުޅޭގޮތުން ރައީސް އިތުރަށް ވިދާޅުވީ މި ހަނގުރާމަ ކޮންމެ ދުވަހަކުން ކޮންމެ ގޮތަކަށް ނިމުނަސް، ޔޫކްރެއިން މިހާރު އޮތް ހާލަތުން އަރައިގަތުމަށް އަހަރުތަކެއް ނަގާނެ ކަމަށާއި މި ހަނގުރާމައިން ދުނިޔޭގެ އިގުތިސާދަށް ލިބޭ ގެއްލުންތައް ފޫބައްދަން ވެސް އެހާ ދުވަސް ނަގާނެ ކަމަށެވެ. އެހެންކަމުން އެ މައްސަލައާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.