އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބޭފުޅުންނަށް މަޖިލީހުން ރުހުންދިނުމާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

އޭސީސީއަށް އައްޔަންކުރަން ރައީސް މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ނަންތައް ދިރާސާކޮށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓު މަޖިލިސް ތަޅުމަށް ހުށަހަޅައި އެ ރިޕޯޓަށް ބަހުސް ކުރުމަށް މެންބަރުންނަށް ހުޅުވައިލުމަށް މާދަމާ ވަނީ އެޖެންޑާ ކޮށްފައެވެ.

އެ ރިޕޯޓަށް ބަހުސް ކުރުމަށްފަހު ދެން އޮންނާނީ އޭގައި ހިމެނޭ ބޭފުޅުން އޭސީސީއަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދިނުމާބެހޭގޮތުން ވޯޓަށް އެހުމެވެ.

އޭސީސީއަށް މެންބަރުން އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދެއްވުމަށްއެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި، ހިމެނޭ ލިސްޓުގައި އެ ކޮމިޝަނަށް އައްޔަން ކުރެއްވުމަށް އެމަނިކުފާނު އިސްކަން ދެއްވާފައިވާ ފަސް ބޭފުޅުންނަށް މަޖިލީހުން ރުހުންދޭން ފެންނަ ކަމަށް، މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓުގައި ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

  • އާދަމް ޝާމިލް، ތ. ވިލުފުށީ، ރަތްވިލާގެ
  • އަބްދުއްސަލާމް، ށ. ނަރުދޫ، ހަޥާ
  • ތޯހާ މުހައްމަދު، އދ. މާމިނގިލި، ކަޅިހާރުގެ
  • ޝަޒްނާ ހާޝިމް، ހދ. ނޮޅިވަރަންފަރު، ރިހިވިލު
  • ޝިޔާމާ މުހައްމަދު، ރ. ހުޅުދުއްފާރު، ނާރެސް

އެބޭފުޅުންގެ ނަންތައް ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ކުރިއަށްގެންދިޔައިރު، އެ ބޭފުޅުންނާ ބެހޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ކޮމިޓީން ފުުރުސަތު ހުޅުވާލުމަށްފަހު، ކޮމިޓީގެ ބައްދަލުވުމަށް އެބޭފުޅުން ވަކިވަކިން ހާޒިރުކޮށް، ކޮމިޓީގެ މެންބަރުން ވަނީ އިންޓަވިއު ކޮށްފައެވެ.

އެއަަށްފަހު އެބޭފުޅުން ކޮމިޝަނަށް އައްޔަންކުރުމަށް ކޮމިޓީގެ ރުހުން އޮތްތޯ ބެލުމަށް އެއިން ކޮންމެ ބޭފުޅަކަށް ވަކިވަކިން ވޯޓަށް އެހިއެވެ.

އޭސީސީގައި މީގެކުރިން ތިއްބެވި ހުރިހާ މެންބަރުން އިސްތިއުފާދެއްވުމާ ގުޅިގެން އެ ކޮމިޝަން މިހާރު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ. އެންމެ ފަހުން އޭސީސީގައި ތިއްބެވި މެންބަރުން އެ ކޮމިޝަނުން އިސްތިއުފާދެއްވީ، އެ ބޭފުޅުން މެންބަރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައި އެ މަސައްކަތް ފެށުމާ ގުޅިގެންނެވެ.

އޭސީސީގެ ގާނޫނުގައިވާ ގޮތުން އެ ކޮމިޝަންގެ މެންބަރަކު އިސްތިއުފާ ދެއްވައިފިނަމަ 60 ދުވަސް ތެރޭ އާ މެންބަރަކު އައްޔަންކުރަން ޖެހެއެވެ. އެހެންކަމުން އެ ކޮމިޝަނަށް އާ މެންބަރުން އައްޔަންކުރަން ޖެހޭ ގާނޫނީ މުއްދަތު ވެސް ވަނީ ހަމަވެފައެވެ.