ގަވާއިދުން ބާރުލިބިގެން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގެއް ނަގާ ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކަށް ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ޓްރާންސްޕޯޓް މިނިސްޓްރީން ދީފިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖެއިން ވެސް ތެޔޮ ވިއްކާ އަގު ބޮޑުކުރުމުން ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ ކަމަށް ބުނެ، ޓެކްސީ ޑްރައިވަރުން ވަނީ ޓެކްސީ ކޮށްދޭ އަގުތައް ބޮޑުކުރަން މަޝްވަރާކޮށްފައެވެ. އަދި ހިދުމަތުގެ އަގުތަކަށް ބަދަލުގެނައުމާ ގުޅޭ ގޮތުން 16 ޓެކްސީ ސެންޓަރެއް ހިމެނޭ ގޮތަށް މިމަހުގެ ހަތް ވަނަ ދުވަހު ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުން ޓެކްސީ ހިދުމަތުން އަގު ނަގާނެ ގޮތާ ގުޅޭ ގޮތުން ޓްރާންސްޕޯޓަށް ހުށަހެޅުންތަކެއް ހުށަހެޅިއެވެ.

ޓެކްސީ ސެންޓަރުތައް ބަންދުކޮށް ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި އިހުތިޖާޖުކުރިއެވެ. އަދި ބައެއް ޓެކްސީ ސެންޓަރުތަކުން މިހާރު ދަނީ ބޮޑު އަގުގައި ދަތުރުތައް ކުރަމުންނެވެ. އެއިރު ޓްރާންސްޕޯޓުން ބުނެފައިވަނީ ކަމާ ގުޅޭ ފަރާތްތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު ޖަވާބެއް ދެވޭނީ މި ހަފުތާގެ ތެރޭގައި ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޓެކްސީގެ ހިދުމަތަކީ ރައްޔިތުންނާ ގުޅުން ހުރި އަސާސީ ހިދުމަތަކަށްވެފައި ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އަދި ރާއްޖޭގައިވެސް އެ ހިދުމަތަކީ ރެގިއުލޭޓް ކޮށްގެން ދޭ ހިދުމަތްތެއް ކަމަށެވެ.

އެހެންކަމުން ޓެކްސީ ރަޖިސްޓަރީ ކުރުމާއި ޓެކްސީތަކަށް ހުއްދަ ދިނުމާއި ޓެކްސީ ދަތުރުތަކުގެ އަގު ކަނޑައެޅުމަކީ ހިދުމަތް ހޯދާ ފަރާތާއި އަދި ހިދުމަތް ލިބިގަންނަ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރެވޭ ގޮތަށް ކަނޑައަޅާފައިވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޓެކްސީ ސެންޓަރުތަކުން ހުށަހެޅި ކަންކަމަށް ބަޔާނުގައި ޖަވާބު ދެމުން މިނިސްޓްރީން ބުނީ، ޓެކްސީ ހިދުމަތުގެ އަގު ކަނޑައެޅުމަކީ ޓެކްސީ ގަވާއިދުން މިނިސްޓްރީއަށް ލިބިގެންވާ ބާރެއް ކަމަށެވެ. އަދި ޓެކްސީ ހިދުމަތުގެ އަގު ކަނޑައެޅުމަކީ ޓެކްސީތަކަށާއި ސެންޓަރުތަކަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ބުންޏެވެ.

ނަމަވެސް ޓެކްސީ ސެންޓަރުތަކުން ހުށަހެޅި އެހެނިހެން ކަންކަމުގައި ވަގުތުން ފިޔަވަޅު އަޅައިދެވެން ހުރި ކަންކަމަށް ފިޔަވަޅު އަޅައިދޭނެ ކަމަށާއި އެހެންކަންކަން ހައްލުކޮށްދޭން ދެފަރާތުން މަޝްވަރާކޮށްގެން ގޮތެއް ހޯދާނެ ކަމަށް ބުނެފައިވާނެ ކަމަށް ބެސް މިބަޔާނުގައި ބުނެފައިވެއެވެ.

މިނިސްޓްރީން ވަނީ ޓެކްސީ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގެއް ނުނެގުމަށާއި ޓެކްސީގެ ހިދުމަތަށް ބުރޫ ނާރާނެ ގޮތަށް ޓެކްސީގެ ހިދުމަތް ދިނުމަށް އިލްތިމާސްކޮށްފައެވެ.

"ގަވާއިދުން ބާރުލިބިގެން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގު ނަގާ ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކާމެދު ޓެކްސީ ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަމުގައި ދަންނަވަމެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.