ތ. ދިޔަމިގިލީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި އެވެ.
ދިޔަމިގިލީ ސިއްހީ މަރުކަޒުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފައި އޮތް މީހަކު މިއަދު ހެނދުނު 9:58ގައި އެ މަރުކަޒަށް ގެންދިޔަ ކަމަށެވެ.
އޮފިޝަލު ވިދާޅުވީ އެމީހާގެ ކަރަށާއި ބުރަކައްޓަށް ވަޅިއަކުން ހަމަލާދީފައިވާ ކަމަށެވެ. އަދި ހަށިގަނޑުގެ 11 ތަނަކަށްވެސް ވަޅިން ހަމަލާދީފައިވާ ކަމަށެވެ. އެމީހާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށާއި ނަމަވެސް ވޭމަންޑޫ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމެއް އެރަށަށް އައިސް އެމީހުންގެ ބެލުމުގެ ދަށުން އިތުރުފަރުވާ އަަށް ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
ހާދިސާ ހިނގި ގޮތް އަދި ނޭނގޭ ކަމަށާއި ނަމަވެސް ޒަހަމަވެގެން ގެންދިޔައީ އުމުރުން 55 އަހަރަށްވުރެ މަތިވެފައިވާ ދިވެހި ފިރިހެނެއް ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބުނީ ދިޔަމިގިލީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. މި މައްސަލައިގައި ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އަނިޔާ ލިބުނު މީހާއަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
ވޭމަންޑު ކައުސިލް ރައީސް އަހުމަދު މޫސާ "ވަން" އަށް މިއަދު ވިދާޅުވީ ހާދިސާ ހިނގައި ދިޔަ ގޮތް ސީދާ އެނގިވަޑައިނުގަންނަވާ ކަމަށެވެ.
މޫސާ ވިދާޅުވީ މިއީ ވަރަށް ގާތް ދެ ރައްޓެހިންގެ ދެމެދުގައި ހިނގި ކަމެއް ކަމަށެވެ. އަދި އެކަން ހިނގީ މިއަދު ހެނދުނުގެ ވަގުތެއްގައި އެރަށު މަގެއްގެ މަތީގައި ކަމަށެވެ.
"ޖެހުނީ ކޮން މައްސަލައެއް ކަމެއް ސީދާ ނޭނގެ. ކޯއްޗަކުން ކަމެއްވެސް ނޭނގެ ހަމަލާދިނީ. ތޫނު އެއްޗަކުން ކަން އެނގެނީ. ވަރަށް ގާތްކޮށް އުޅުނު ދެ މީހުން އެއީ." އޭނާ ވިދާޅުވި އެވެ.
މޫސާ ވިދާޅުވީ ޒަހަމްވި މީހާގެ ކަނދުރާ އަށާއި ބުރަކައްޓަށް ދީފައިވާ ހަމަލާގެ ސަބަބުން އެ ފައި ހަރަކާތް ނުކުރާ ކަމަށެވެ. އޭނާ މިހާރު އިތުރު ފަރުވާއަށް ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔުމަށް ދަތުރު ފަށާފައިވާ ކަމށްވެސް ވިދާޅުވި އެވެ.
ހާދިސާ ހިނގުމާއެކު އާންމުގެ ބަޔަކު ވަނީ އަނިޔާ ލިބުނު މީހާ މަރުކަޒަށް ގެންގޮސްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު