މާލޭގެ ފަޅުމަތީމަގު ނުވަތަ ނީލަމުގައި ތަކެތި ވިއްކަމުންދާ ސަރަހައްދު (ނީލަން ފިހާރަ ސަރަހައްދު) ސާފުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން އިއްޔެ ބުނީ، ފުލުހުންނާ ގުޅިގެން ނީލަން ފިހާރަ ސަރަހައްދު ސާފުކޮށް 67 ޓަނުގެ ކުނި މިއަދު އުކާލާފައިވާ ކަމަށެވެ.
ނީލަން ފިހާރަ ސަރަހައްދުގެ މަގުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާރި ނުކުރަން ސިޓީ ކައުންސިލުން މީގެ ކުރިން އެތައް ފަހަރަކު އޮތީ އަންގައިފައެވެ. ނަމަވެސް އެކަން ހުއްޓާފައެއް ނުވެއެވެ.
އެކަމާ ގުޅިގެން މިމަހުގެ ފަސް ވަނަ ދުވަހު ސިޓީ ކައުންސިލުން ނެރުނު އިއުލާނަކުން ވަނީ ނީލަން މުދާ ވިއްކާ ގޮޅިތަކުން ބޭރުގައި ހުރި އެކި ބާވަތްތަކުގެ މުދަލާއި މަގުމައްޗަށް އަޅާފައި ހުރި ކުނިތައް އެތަކެތި ބެހެއްޓި ފަރާތްތަކުން މިދިޔަ ބުރާސްފަތި ދުވަހުގެ ކުރިން ނަގައި ސާފުކުރުމަށް އަންގައިފަ އެވެ.
އެ މުއްދަތުގެ ނިޔަލަށް ނުނަގައި ހުރި ތަކެތި އެ ކައުންސިލުން ނަގައި ކުނީގެ ގޮތުގައި ނައްތާލާނެ ކަމަށާއި އަދި އެތަކެތި ނެގުމުގައާއި ނެގުމަށްފަހު ތަކެއްޗަށް ލިބޭ ގެއްލުމާއި އުނިއިތުރަށް ޒިންމާ ނުވާނެ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު