ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކުރާ ރިޝްވަތުގެ މައްސަލައިގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމި މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 2:00 އަށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން، ކުރިމިނަލް ކޯޓުގައި މަހުލޫފްގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތު ހިފުމުގެ ދައުވާއެވެ.

ނަމަވެސް އެ މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ މައްސަލައެއް ކަމަށް ނިންމައި، މިމަހުގެ އެއްވަނަ ދުވަހު ކްރިމިނަލް ކޯޓުން އެ މައްސަަލަ ބޭރުކޮށްލިއެވެ. ނަމަވެސް ޕީޖީގެ ފަރާތުން އެ މައްސަަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ބުނެފައިވަނީ މަހުލޫފުގެ އިސްތިއުނާފީ މައްސަލަ އެ ކޯޓުން ބަލައިގެންފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން މަހުލޫފްގެ މައްޗަށް ދައުވާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އިރު، 27 އޮގަސްޓު 2014 ގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، އެސްއޯއެފްގެ އެކައުންޓުން މަހުލޫފްގެ އެކައުންޓަށް 33000 ޑޮލަރު، 01 ސެޕްޓެންބަރު 2014 ގައި ޖަމާކޮށް، ރިޝްވަތު ހިފާފައިވާތީ ކަމަށް ބުނެއެވެ.

މިމަހުގެ އެއްވަނަ ދުވަހު ކުރިމިނަލް ކޯޓުން މި މައްސަލަ ބޭރުކޮށްލަމުން، މައްސަަލަ ބެއްލެވި އެ ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ 33،000 ޑޮލަރު މަހުލޫފަށް ލިބުނުކަން ސާބިތު ކުރެވެން އޮތް ނަމަވެސް އެއީ އެސްއީޒެޑް ބިލަށް ވޯޓު ދިނުމުން ރިޝްވަތުގެ ގޮތުގައި ދިން ފައިސާއެއް ކަން ސާބިތުކޮށްދެވޭނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ސާބިތު ކުރެވޭނެ ކަމަށް ފެނިވަޑައިނުގަންނަވާތީ، އެ ދައުވާ ކުރިއަށް ނުގެންދަން ނިންމުމަށްފަހު ދައުވާ ބާތިލުކުރެއްވީ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މަހުލޫފަށް ރިޝްވަތު ދިންކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަޔާނުން އެނގެން އޮތް ނަމަވެސް މަހުލޫފަށް އެ ފައިސާ ދިނީ އެސްއޯއެފްގެ ވެރިއެއް ކަމަށްވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) މެދުވެރިކޮށް ކަމަށްވެފައި، އެއީ ރިޝްވަތުގެ ފައިސާ ކަމަށް މޮހޯ އިންކާރު ކުރާ ކަމަށެވެ. އަދި މޮހޯގެ ބަޔާނުގައި އެއީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއް ކަމަށް ބުނެފައިވާ ކަމަށްވެސް ގާޒީ ވިދާޅުވެފައިވެއެވެ.

އަދީބުގެ ބަޔާނަކީ ދައުލަތާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ދިން ބަޔާނަކަށް ވާތީ އެއީ އެއްވެސް ބިރެއް ނެތި އަދި ފައިދާއެއް ހޯދުމުގެ އުއްމީދެއް ނެތި ދިން ބަޔާނެއްކަމާ މެދު ސުވާލު އުފެދޭ ކަމަށްވެސް ވިދާޅުވިއެވެ. އެއާއެކު އެ ބަޔާނަށް ބާރުދޭ އިތުރު ހެއްކެއް ނެތް އިރު، އެ ފައިސާ ދިން ގޮތާއި ފައިސާތައް ދައުރުކުރި ގޮތާ ބެހޭ ތަފުސީލު އަދީބުގެ ބަޔާނުގައި ނެތް ކަމަށް ވެސް ގާޒީ ވިދާޅުވެފައިވެއެވެ.

ހެއްކެއްގެ ގޮތުގައި އަދީބާއި މަހުލޫފާ ދެމެދު ބަދަލުކުރި މެސެޖުތަކެއް ދައުލަތުން ހުށަހަޅާފައިވާތީ ގާޒީ ވިދާޅުވެފައިވަނީ އެ މެސެޖުތަކުގައި ފައިސާއެއް ނުވަތަ ޗެކެއް ނުވަތަ ވޯޓެއް ދިނުމުގެ ވާހަކައެއްވެސް ނެތް ކަމަށެވެ. އެއީ އެސްއީޒެޑް ބިލުގެ ވޯޓު ނިމުނު ފަހުން ހިނގާފައިވާ މުއާމަލާތެއް ކަމަށާއި މެސެޖުތަކުގައި ހިމެނޭ ވާހަކަތަކުން ޝައްކެއް އުފެދުނަސް، އެއަށް ބާރުދޭ އިތުރު ހެކިތަކެއް ހުންނަން ޖެހޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ދައުލަތުން ހުށަހެޅި މަހްލޫފާއި އަދީބާ ދެމެދު ކޮށްފައިވާ ޓުވީޓުތަކާބެހޭ އެނަލިސިސް ރިޕޯޓާ ބެހޭގޮތުން ގާޒީ ވިދާޅުވީ އެ ޓުވީޓުތަކުގައި އޮތީ މަހްލޫފުގެ ގެއަށް އަދީބު ގޭންގެއް ފޮނުވި ކަމަށް ދައްކާފައިވާ ވާހަކަ އާއި މަހްލޫފް ޕީޕީއެމްގައި ބެހެއްޓުމާ ބެހޭގޮތުން ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. އެ ވާހަކަތަކުގައި ފައިސާގެ ވާހަކަ އެއްވެސް ވަރަކަށް ދައްކާފައި ނެތް ކަމަށާއި އެހެންކަމުން އެ ދައުވާ އާއި ޓުވީޓުތަކާ ނުގުޅުވޭނެ ކަމަށްވެސް ގާޒީ ވިދާޅުވެފައިވެއެވެ.

އެ މައްސަލައިގެ ތަހުގީގާ ބެހޭގޮތުން ގާޒީ ވިދާޅުވީ އެ މައްސަލައިގެ މުޅި ތަހުގީގު ބިނާވެފައި އޮތީ މަހްލޫފު ހުށަހެޅި ދިފާއީ ހެކިތައް ނަފީ ކުރުމަށް ކަމަށެވެ. ނަމަވެސް ޖިނާއީ ތަހުގީގެއްގައި ފުރަތަމަ ކުރަން ޖެހޭ ކަމަކީ ތުހުމަތު ކުރެވޭ ކުށުގެ ހެކި ހޯދުމަށް ކަމަށްވެސް ގާޒީ ވިދާޅުވެފައިވެއެވެ.