ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ "ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް"ގެ ފުރަތަމަ މުބާރާތް ރޭ ފ. އަތޮޅުގައި ފަށައިފިއެވެ.

ފ. އަތޮޅުގެ މުބާރާތް ހޯސްޓް ކުރަނީ ފ. އަތޮޅުގެ މަގޫދޫގައެވެ. މިނިސްޓަރު އަހުމަދު މަހުލޫފާއި ވޮލީބޯޅަ ލެޖެންޑް ސައްޔިދު އަލީ ޝަރަފުވެރިކޮށްދެއްވި މުބާރާތް ރޭ މަގޫދޫ ވޮލީ ކޯޓުގައި ފެށީ އަންހެން ޑިވިޝަންގެ މެޗަކުންނެވެ.

ރޭ ކުޅުނު މެޗުގައި ފ. މަގޫދޫގެ ޒުވާނުންގެ ކްލަބުން ވަނީ ސީދާ ތިން ސެޓުން ދަރަނބޫދޫގެ ޕާޕަލް ޕަވާސް ބަލިކޮށްފިއެވެ. ރޭގެ މެޗުގައި މަގޫދޫން ސެޓުތައް ގެންދިޔައީ 25-14، 25-19 އަދި 25-14 އިންނެވެ.

މުބާރާތް ހުޅުވުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވީ މަޑުޖެހިފައި އޮތް އަތޮޅުތެރޭގެ ވޮލީ ކޮޅަށް ޖެހުމަށް އަޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕަކީ މުހިންމު މުބާރާތަކަށް ވާނެ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އަތޮޅުތެރެއިން ކުޅުންތެރިން ހޯދައި، ގައުމީ ޓީމަށް ރަނގަޅު ރެކްރޫޓްމަންޓް ޕްރޮސެސްއެއް ކުރިއަށް ގެންދިޔުމަށްވެސް އަޓޯލް ވޮލީ ޗެމްޕިއަންޝިޕް އެހީވެދޭނެ ކަމަށް ރަނޭ ފާހަގަކުރެއްވިއެވެ.

މެޗުގެ ކުރިން ވާހަކަދައްކަވަމުން ޔޫތު މިނިސްޓަރު މަހުލޫފު ވިދާޅުވީ މާލެއަށް ބަރާސޯވެފައި އޮންނަ ކުޅިވަރުގެ ކަންކަން މުޅި ރާއްޖެއަށް ފަތުރާލުމުގެ ބޭނުމުގައި ކުރަމުން އަންނަ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި، ވޮލީ އެސޯސިއޭޝަނާއި އަތޮޅު ކައުންސިލުތަކާ ގުޅިގެން ”ރާއްޖެ އަތޮޅު ވޮލީ ޗެމްޕިއަންޝިޕް“ މަގޫދޫގައި ފެށިގެންދިއުމަކީ ލިބޭ އުފަލެއް ކަމަށެވެ.

މަހުލޫފް ވިދާޅުވީ 50 ރަށެއްގެ އައުޓް ޑޯ ވޮލީ ކޯޓުގެ އެކިއެކި މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި، ދިހަ ވަރަކަށް އިންޑޯ ވޮލީ ކޯޓުގެ މަސައްކަތް އަތޮޅުތެރެއަށް އަމާޒުކޮށް ކުރިއަށްގެންދަން ތައްޔާރު ވެފައިވާ ކަމަށެވެ. އަތޮޅުތެރޭގެ މުބާރާތްތައް ބާއްވައި، އިންފްރާސްޓްރަކްޗާ ރަނގަޅު ކުރުމުގެ ބޭނުމަކީ ގައުމީ ވޮލީ ޓީމު ހަރުދަނާ ކުރުން ކަމަށާއި، ގައުމީ ވޮލީ ޓީމަކީ ހަމައެކަނި މާލޭގައި ކުޅޭ މީހުންގެ މެދުގައި ތަމްސީލުކުރެވޭނެ ގޮތަށް އޮތް އޮތުން ބަދަލުކުރުން މުހިންމު ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ފ. އަތޮޅުގެ މުބާރާތް އިއްޔެ އިން ފެށިގެން މި މަހު 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގައި އަތޮޅުގެ ހުރިހާ ރަށެއް ބައިވެރިވެފައިވެއެވެ. އަންހެން ޑިވިޝަނުގައި ފ. މަގޫދޫގެ ޒުވާނުންގެ ކްލަބާއި ދަރަނބޫދޫގެ ޕާޕަލް ޕަވާސްގެ އިތުރުން ދެން ހިމެނެނީ ފީއަލި ޑިވެލޮޕްމަންޓް ސޮސައިޓީ، ނިލަންދޫ ސްޕޯޓްސް ކްލަބް އަދި ބިލެއްދޫ ރައިޒިން ސްޓާސް އެކެޑަމީއެވެ. ފިރިހެން ޑިވިޝަނުގައި އޮތީ މަގޫދޫ ޒުވާނުންގެ ކްލަބް، ފީއަލި ޑިވެލޮޕްމަންޓް ސޮސައިޓީ، ދަރަނބޫދޫ ޕާޕަލް ޕަވާސް، ސުޕަ ޖެނެރޭޝަން ކްލަބް އަދި ބިލެއްދޫ ރައިޒިން ސްޓާސް އެކެޑަމީއެވެ.

މުބާރާތުގައި މިއަދު ހަވީރު ބިލެއްދޫ އާއި ދަރަނބޫދޫގެ ފިރިހެން ޑިވިޝަން މެޗު ކުޅޭ އިރު، އަންހެން ޑިވިޝަނުގައި ފީއަލި އާއި ނިލަންދޫ މިރޭ ބައްދަލުކުރާނެއެވެ. ރޯދަ މަސް ފެށުމުގެ ކުރިން އިތުރު ދެ އަތޮޅެއްގެ އަތޮޅު މުބާރާތް ކުރިއަށްގެންދެވޭތޯ ވީއޭއެމުން ވަނީ އިއުލާނުކޮށްފައެވެ. އެއީ ގދ. ވާދޫގައި ކުރިއަށްގެންދާ އެ އަތޮޅު މުބާރާތާއި ފޮނަދޫގައި ބާއްވަން ނިންމާފައިވާ ލ. އަތޮޅު މުބާރާތެވެ.

ވީއޭއެމުން ނިންމާފައި އޮތީ އަތޮޅު މުބާރާތުގެ އަތޮޅު ބުރު، އަތޮޅު ކައުންސިލުތަކުން ހުޅުވާލައިގެން އިންތިޒާމު ކުރާ ގޮތަށެވެ. ވީއޭއެމާއި ޔޫތު މިނިސްޓްރީ އަދި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ އެހީތެރިކަމާއެކު 20 އަތޮޅުގައި 20 މުބާރާތް ބޭއްވުމުގެ ޓާގެޓެއް ވީއޭއެމްގެ އެބައޮތެވެ.

އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ އަތޮޅު މުބާރާތްތައް ނިމުމުން ދެން އޮންނާނީ ހަތް ޒޯނެއްގެ މެދުގައި ކުޅެވޭ ޒޯން މުބާރާތްތަކެވެ. ޒޯން އެކެއްގައި އޮތީ ހއ. ހދ އަދި ށ އެވެ. ޒޯން ދޭއްގައި އޮތީ ނ. ޅ. ބ އަދި ރ އެވެ. ޒޯން ތިނެއްގައި އޮތީ ކ. ވ. އއ އަދި އދ އެވެ. ޒޯން ތިނެއްގައި އޮތީ މ. ފ އަދި ދ އެވެ. ޒޯން ފަހެއްގައި އޮތީ ތ، ލ އެވެ. ޒޯން ހައެއްގައި އޮތީ ގއ އާއި ގދ އެވެ. އަދި ޒޯން ހަތެއްގައި އޮތީ އައްޑޫ އާއި ފުވައްމުލަކެވެ.

ޒޯން ޗެމްޕިއަނުންނަށް އެސޯސިއޭޝަން ކަޕްގެ ތެރެއިން ގައުމީ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. އެއީ ހަތް ޒޯން ޗެމްޕިއަނުން އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރުގައި ކުޅެގެންނެވެ.