މުޅި ރާއްޖެއަށް ހުޅުވާލައިގެން 2023/2024 ވަނަ އަހަރު ފަށަން ނިންމާފައިވާ ދިވެހި ޕްރިމިއާ ލީގުގެ އޯޕަން ބުރުގެ އުތުރު ޒޯންގައި ކުޅޭ ރ. އުނގޫފަރުގެ އުނގޫފާރު އެފްސީގެ ކޯޗަކަށް ރާއްޖޭގެ މަޝްހޫރު ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން) ގެންގޮސްފިއެވެ.

އުނގޫފާރު އެފްސީގެ ކޯޗުކަމާ ހަވާލުވާން އިއްޔެ މޯހަން އެރަށަށް ގޮސްފައިވާ އިރު، އެ ރަށުން ވަނީ ކޯޗަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. މޯހަންއަށް މަރުހަބާ ކިޔުމަށް ގިނަ ބަޔަކު ބަނދަރަށް އެއްވެފައި އޮތް އިރު، ރަށުން ވަނީ ސަގާފީ ވެދުމެއް އަރުވައިފައެވެ.

އެފްއޭއެމްއިން ޖޫން މަހުގެ ތެރޭގައި ލީގު ބުރުގެ އަތޮޅުތަކުގެ ކުޅުން ފަށަން ނިންމާފައިވާ އިރު، އުތުރު ޒޯނުގެ 16 ރަށަކުން ޖުމުލަ 17 ޓީމު ބައިވެރިވެފައިވެއެވެ. އެއް ޓީމަށްވުރެ ގިނައިން ބައިވެރިވެފައި ވަނީ ށ. ނަރުދޫންނެވެ. އެ ރަށުގެ ރަމްޒު ސްޕޯޓްސް އެކަޑެމީއާއި ކްލަބު ރެނައިސަންސް އޯޕަން ޑިވިޝަންގައި ބައިވެރިވެފައިވާ އިރު، އެ ރަށުގެ ވަކިން ކުޅޭ ކޮލިފިކޭޝަން މި މަހުގެ ތެރޭގައި ކުޅެވޭނެއެވެ.

މޯހަން އެންމެފަހުން މަސައްކަތް ކުރީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގައެވެ. މޯހަން ސީޒަން ފެށީ މާޒިޔާއިން ނަމަވެސް ޕްރެސިޑެންޓް ކަޕް ފައިނަލުގައި ކްލަބު ވެލެންސިއާއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުން ބަލިވި ހިސާބުން މާޒިޔާއިން ވަނީ މަގާމުން މޯހަން ވަކިކޮށްފައެވެ. އުނގޫފާރާ މޯހަން ހަވާލުވީ ޖެނުއަރީއަށްފަހު އިތުރު ޓީމަކާ ހަވާލުނުވެ ހުރުމަށް ފަހުއެވެ.

އޭއެފްސީ ޕްރޯ ލައިސަންސް ހާސިލުކޮށްފައިވާ މޯހަން ވަނީ މިދިޔަ އަހަރު، ސުޕަ ޔުނައިޓެޑް (ސަސް) އާއި ކްލަބު އީގަލްސްގައިވެސް މަސައްކަތް ކޮށްފައެވެ. މިދިޔަ ސީޒަންގައި އީގަލްސްއިން ލީގު ފެށި ނަމަވެސް ޖެނުއަރީ މަހުގެ ތެރޭގައި މޯހަން ވަނީ ސަސްއާ ހަވާލުވެފައެވެ. ސަސްއިން މޯހަންއާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލީ މިދިޔަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގައެވެ.

ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ކޯޗިން ދާއިރާއަށް ވަން މޯހަން ވަނީ ފުޓުބޯޅަ އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައެވެ. ކުރިން ނިއު ރޭޑިއަންޓަށްވެސް ކޯޗުކަން ކޮށްދިން މޯހަން ވަނީ ކުޑަހުވަދުއަށް މިނިވަން ޗެމްޕިއަންޝިޕްވެސް ކާމިޔާބުކޮށްދީފައެވެ.

އެފްއޭއެމުން 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ފުޅާކުރާ އިރު، ރާއްޖެ ބެހިގެންދާނީ ހަތަރު ޒޯން ލީގަކަށެވެ. ޒޯން އެކެއް ނުވަތަ ނޯތު ޒޯން ލީގުގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އެވެ. ޒޯން ދޭއް ނޫނީ ސެންޓްރަލް ޒޯން ލީގުގައި އޮތީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ޒޯން ތިނެއް ނޫނީ ސައުތު ޒޯން ލީގުގައި އޮތީ ތ، ލ، ގއ، ގދ، ޏ، ސ އެވެ. އަދި ޒޯން ހަތަރަކީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަން ނޫނީ މާލޭ ލީގެވެ. މި ލީގުގައި ހިމެނޭނީ މާލެ، ހުޅުމާލެ، ވިލިމާލޭގެ ޓީމުތަކެވެ.

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ކުޅެން ލީގުތަކަށް ބެހޭ އިރު، ނޯތު ލީގުގައި 16 ޓީމު ކުޅޭނެއެވެ. ސެންޓްރަލް ލީގުގައި 18 ޓީމު ކުޅޭނެއެވެ. އަދި ސައުތު ލީގުގައި 19 ޓީމު ބައިވެރިވާނެއެވެ. ކޮންމެ ލީގެއްގައި އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ޑިވިޝަން އޮންނަ ގޮތަށް ފޯމެޓް އޮތް ނަމަވެސް މި ވަގުތު ޓީމުތަކުގެ އަދަދަށް ބަލައި އިރު، ކޮންމެ ޒޯނެއްގައި އޮންނާނީ ދެ ވަނަ ޑިވިޝަނުން ފެށިގެންނެވެ.