ދެހާސް އަށާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ލިޔުނީ ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަށް މިއަދު އދ. މަހިބަދުއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން ޖެހޭގޮތަށް އިންޑިއާ ޑިޕްލޮމެޓުން ވެސް ރާއްޖެއިން ފައިބަން ޖެހޭ ކަމަށެވެ. އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވީ، އިންޑިއާއިން ރާއްޖޭގެ ދާހިލާ ކަންކަމުގެ ތެރެއަށް އިމެއްނެތި ވަންނަމުންދާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ހުއްޓައި ސިޔާސީ ބަޔަކު ޖަލުން މިނިވަންކުރަން ސުޕްރީމް ކޯޓުން ކުރި އަމުރު ލިޔެފައިވަނީ އިންޑިއާ ހައި ކޮމިޝަނުން ކަމަށެވެ. އަދި އެ ލިޔުން ލިޔުނު ޑިޕްލޮމެޓް އަދި ވެސް އެމްބަސީގައި މަސައްކަތްކުރަމުންދާ ކަމަށެވެ.

"އެ ހުކުމް ނެރުނީ އިންޑިއާގެ މާލޭގައި ހުންނަ އެމްބަސީން. އަދިވެސް މިއަދު ވެސް އިންޑިއާ އެމްބަސީގައި އޭރު އެކަންކުރި އިސް މީހާ މިހާރު ވެސް އެބަހުރި. އެހެންވީމަ މި ބުނަނީ އިންޑިއާއަކީ ނޮހޮރުއްޕާނެކޭ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް ދިން ހަމަލާގެ މައުލޫމާތު އިންޑިއާއަށް އެނގިފައިނުވާ ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ. ރާއްޖެއަށް ހަމަލާދިން މީހުން އައީ ސްރީލަންކާގެ ކަނޑުމަގުން ކަމަށާއި އެމަގުން ދަތުރުކުރާ ބޯޓުފަހަރުތަކުގެ މައުލޫމާތު އިންޑިއާގެ ނޭވީއަށް ނޭނގި ނުހުންނާނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

"އެ މީހުންނަށް ނުފެނި ސިލޯނުގެ ސަރަހައްދުން ބޭރަކަށް ވެސް ނުނިކުމެވޭނެ. އަދި ކީއްތޯ، ސިލޯނު ސަރަހައްދުން ނުކުމެގެން 18 ގަޑިއިރު ނުވަތަ އެއަށް ވުރެ ގިނައިރު ދުއްވާފައި އައިސް ރާއްޖެއަށް ވަނީ. ރާއްޖެއިން އިންޑިއާގެ އެހީތެރިކަމަށް އެދުނީމަ ދާދި ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެއާފޯސް މޮބިލައިޒްކޮށްފި. މި ހުންނަނީ އިއްތިފާގުތޯ، މި ހުންނަނީ އިއްތިފާގެއް ނޫން،" ޔާމީން ވިދާޅުވިއެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުމާ ގުޅޭގޮތުން ރައީސް ޔާމީން ވިދާޅުވީ އެ އެއްބަސްވުމުގައިވާ ގޮތުން އިންޑިއާގެ އަސްކަރީ މަނަވަރުތަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަނެތި ވަދެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އުތުރުތިލަފަޅުގެ އެއްބަސްވުން މި ސަރުކާރުން ދިފާއުކުރަނީ ގައުމަށް ގައްދާރުވެފައިވާތީ ކަމަށެވެ.