ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 3.359 ކިލޯގެ މަސްތުވާތަކެތި މޯލްޑިސް ކަސްޓަމް ސާވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނީ އެތަކެތި އަތުލައިގެންފައިވަނީ ކުރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން މިމަހުގެ އެއް ވަނަ ދުވަހު ބަލައި ފާސްކުރެވުނު ޕާރްސަލްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ބާވަތެއް ފެނިފައިވާ ކަމަށެވެ. އެއީ އެމްޑީއެމްއޭ 546 ގްރާމާއި ވާ މެފެޑްރޯން 585 ގްރާމްއެވެ. އަދި މިދިޔަ އާދިއްތަ ދުވަހު ބަލައި ފާސްކުރެވުނު ޕާރްސަލެއްގެ ތެރެއިން 2.228 ކިލޯގްރާމް ކޮކެއިން ފެނިފައިވާ ކަމަށްވެސް ކަސްޓަމްއިން ބުންޏެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.359 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 12,953,500 ރުފިޔާއަށް އަރާކަމަށް ކަސްޓަމުން ބުންޏެވެ. އެ މަސްތުވާތަކެތި ކަސްޓަމްއިން މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

މިދިޔަ ޖަނަވަރީ މަހު ފަހުކޮޅު ކަސްޓަމްސްއިން ވަނީ މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް ހަރުދަނާކޮށް އިތުރަށް ފުޅާކުރުމަށް ސްޕެޝަލް އޮޕަރޭޝަންސް ޓެކްނިކަލް ޓީމެއް ތައާރަފްކޮށް މާލެ އާއި ރީޖަނަލް ކަސްޓަމްސްތަކުގައި ހަރަކާތްތެރިވާން ފަށައިފައެވެ.