ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ގދ. އަތޮޅުގެ ޗެމްޕިއަންކަން މާމެންދޫން ހޯދައިފިއެވެ.

މުބާރާތުގައި ގއ. ގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންގޮސް ރޭ ފައިނަލް ކުޅެފައިވާ އިރު، ފައިނަލްގައި މާމެންދޫން ނުކުތީ ކޮނޑޭއާ ދެކޮޅަށެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ފައިނަލް ފެނުނީ ވަރަށް ފޯރިގަދަ ކޮށެވެ. ދެ ރަށުގެވެސް އެތައް ސަޕޯޓަރުންނެއް ދަނޑު ސަރަހައްދުގައި ފޯރި ނަގަމުން ދިޔައީ ބެރު ދުންމާރިއާ އެކުގައެވެ.

ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު، ހަމަލާތައް ގިނައެވެ. އެހެން ނަމަވެސް މަދުވީ ގޯލެކެވެ. މެޗުގެ ފުރަތަމަ ގޯލު، ދެވަނަ ހާފުގައި ފެނުނީ ކޮނޑޭގެ ފަރާތުންނެވެ. ގައުމީ ފުޓްސަލް ޓީމުގެ އެސިސްޓެންޓް ކޯޗު އަހުމަދު ވިސާލް (އަންދު)ގެ އިރުޝާދުގެ ދަށުން ކުޅެމުން ދިޔަ ކޮނޑޭގެ ގޯލު އެޓީމަށް ޖަހައިދިނީ މުހައްމަދު އިންޝާއުއެވެ. އެ ގޯލާއެކު ކޮނޑޭއަށް ތަށި ނެގުނުހެން ހީވި ނަމަވެސް މާމެންދޫގެ ހިތްވަރު ބައްޔެއް ނުވިއެވެ. މެޗުގެ ފަހު މިނެޓު ކޮޅުގައި މާމެންދޫން އެއްވަރު ކުރީ ޝަމްވީލް މުހައްމަދުގެ ގޯލުންނެވެ. ސަޕޯޓަރުންގެ އަޑުން މުޅި ދަނޑު ގުގުމާލައި އުފާފާޅުކުރިއެވެ. ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ޕެނަލްޓީގައި މާމެންދޫން ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. ކޮނޑޭން ނާކާމިޔާބު ކޮށްލީ އެޓީމުގެ ހަތަރު ވަނަ ޕެނަލްޓީއެވެ. އެ ޕެނަލްޓީގައި މުހައްމަދު އިމްތިޔާޒް ފޮނުވާލި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.

ގއ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހީ ކޮނޑޭގެ ޝިފާޒް އާދިލް (ތުއްތު) އެވެ. އެންމެ މޮޅު ކުޅުންތެރިއަކީ މުބާރާތުގައި މާމެންދޫ ޓީމުގައި މޮޅަށް ކުޅުނު، ރައުހާން ރިއްފަތެވެ.

ރޭ ވަނީ ރ. އަތޮޅުގެ ފަހު މެޗުވެސް ކުޅެފައެވެ. އެމެޗުގައި އިނގުރައިދޫ ވަނީ 7-0 އިން އިންނަމާދޫގެ މައްޗަށް ކުރިހޯދައިފައެވެ. ރޭގެ މެޗުގެ ކުރިން ރ. އަތޮޅު ޗެމްޕިއަންކަން ދުވާފަރުން ހޯދާފައިވާ އިރު، ރޭގެ މެޗަށްފަހު ދީފައި ވަނީ އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމެވެ. ރ އަތޮޅުގެ ޓޮޕް ސްކޯރާއަކީ އިނގުރައިދޫގެ އަހުމަދު އައިހަމް (އައިހު) އެވެ. އެންމެ މޮޅު ކުޅުންތެރިޔަކީ ދުވާފަރުގެ މުހައްމަދު ޖުމާން އަހުމަދެވެ.

ޖުމުލަ 91 ޓީމަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.

ގޯލްޑަން ފުޓްސަލް ޗެެލެންޖްގެ އަތޮޅު ބުރުގެ ކުޅުން ނިމިފައިވާއިރު، ޒޯން ބުރު ފަށާނީ ހޯމަ ދުވަހުގެރޭގައެވެ.