ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ކެމްޕެއިންގައި ބައިވެރިނުވުމަށް ޕީޕީއެމްގެ މެމްބަރުންނަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން، އިންޑިއާއާ ދެކޮޅަށް ހިންގަވާ ހަރަކާތަކީ ރައްޔިތުންގެ ތާއީދުނެތް، އަދި ދިވެހިންނަށް އޭގެ ގެއްލުން ލިބޭނެ ހަރަކާތެއް ކަމަށެވެ.
"ޕީޕީއެމްގެ މެމްބަރުން ކިބައިން ވަރަށް އިހުލާސްތެރިކަމާއެކު އަޅުގަނޑު އެދެނީ ގައުމަށްޓަކައި އިދިކޮޅު ހަރަކާތުގައި ބައިވެރިވެނުލެއްވުމަށް،" ނަޝީދު ކުރެއްވި ޓްވީޓްގައިވެއެވެ.
ނަޝީދު ވަނީ މީގެ ކުރިންވެސް އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އެހަރަކާތުގެ ސަބަބުން ދެގައުމުގެ ގުޅުމަށް ބުރޫ އަރައި ރާއްޖެއަށް ގެއްލުން ވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން އެ ހަރަކާތަށް ތާއީދުނެތް ކަމަށާއި ރައްޔިތުން އެހަކަރާތުގައި ބައިވެރިނުވުމަށްވެސް މީގެ ކުރިން ނަޝީދު ވަނީ ގޮވާލައްވައިފައެވެ.
ރައީސް ޔާމީން އިސްވެހުންނަވައި ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް މާލޭގެ އިތުރުން އަތޮޅު ތެރޭގައި މިހާރު އަންނަނީ ހިންގަމުންނެވެ. ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުގައި އެހަރަކާތަކީ ދީނާއި ގައުމުގެ މިނިވަންކަމަށްޓަކައި ކުރިއަށް ގެންދާ ހަރަކާތެކެވެ.